ބަދަލަށް ދެވޭނެ މަތީ އަދަދެއް ކަނޑައެޅުމަށް ފިނޭންސަށް ލަފާދޭން މަޖިލިހުން ފާސްކޮށްފި

ރާއްޖެ އާއި ބޭރުގެ އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތަކުގެ މައްސަލަތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދައުލަތުން ބަދަލުދޭން ޖެހޭ އުސޫލުތައް މުރާޖައާކޮށް ބަދަލަށް ދެވޭނެ މަތީ އަދަދެއް ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީ އަށް ލަފާދޭން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ގަރާރު، މާލިއްޔަތު ކޮމިޓީން ގެނައި އިސްލާހުތަކާ އެކު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި، ސަރުކާރުން ސޮއިކުރާ އެއްބަސްވުންތަކުގައި ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅަން ޖެހޭނެ ކަމަށް ސަރުކާރުގެ ހުރިހާ ވުޒާރާތައް ލާޒިމުކުރާ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހު ކުރަން ފިނޭންސް މިނިސްޓްރީ އަށް އެންގުން ހިމެނެ އެވެ.

އެއްބަސްވުންތަކުގައި ބަދަލު ދެވޭނެ އެންމެ މަތީ މިންގަނޑު ކަނޑައަޅައި، އެއްބަސްވުންތަކުގައި ހިމެނުމަށް އެޓާނީ ޖެނެރަލް އޮފީހަށް އެންގުމަށް ވެސް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

މީގެއިތުރުން މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގެ ބިލާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލެއް ވީ އެންމެ އަވަހަށް އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް އެޓާނީ ޖެނެރަލްއަށް އަންގަން ވެސް ރިޕޯޓްގައިވެ އެވެ.

ބަދަލު ދިނުމާ ގުޅޭ ގަރާރެއް މަޖިލިހުން ފާސް ކުރި އިރު، މި ސަރުކާރުން އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދީފަ އެވެ.

އެގޮތަށް ބަދަލު ދެމުން ދަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން އޮންނަ ފަރާތްތަކުގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އެ ވާހަކައަށް ރައްދު ދޭ މީހުން ބުނަނީ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ދެނީ މިދިޔަ ސަރުކާރުން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތައް ސިޔާސީ ސަބަބުތަކަށާއި ބޭއިންސާފުން ނިމުމަކަށް ގެނައުމުގެ ސަބަބުންނާއި އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ނުދައްކާ ގަސްދުގައި ލަސްކުރުމުގެ ސަބަބުން ކަމަށެވެ.

ހިސާންގެ ގަރާރުގައި ވަނީ އެއްބަސްވުންތަކުގެ ސަބަބުން ބަދަލު ދޭން ޖެހިއްޖެ ނަމަ، އެކަމުގަައި ޒިންމާވާން ޖެހޭ ދައުލަތުގެ މުވައްޒަފެއް ނުވަތަ މުވައްޒަފުންގެ މައްޗަށް ދައުވާކޮށް، ދައުލަތުން ހަރަދު ކުރަން ޖެހުނު ޒިންމާއަށް އެ މުވައްޒަފުން ޒިންމާ ކުރުމަށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.