ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވާ ނަމަ އެކަން ފަޅާއަރުވާލަން ރައީސް އެދިވަޑައިގެންފި

ދައުލަތުގެ ފައިސާ އާއި މުދަލަށް އެއްވެސް ބަޔަކު ހިޔާނަތްތެރިވާ ނަމަ އެކަން ފަޅާއެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.


މިއަދު ފާހަގަކުރާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ނެރުއްވި ހިތާބެއް ގައި ވިދާޅުވީ އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ހިޔާނަތްތެރިވާ ނަމަ އެކަން ސިއްރު ނުކޮށް، ކަމާ ގުޅޭ އިދާރާތަކާ މައުލޫމާތު ހިއްސާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާ އަކުން ހިދުމަތެއް ހޯދުމަށް ނުވަތަ ހިދުމަތެއް ދިނުމަށްޓަކައި ރިޝްވަތު ހިފައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދާކަން އެނގިއްޖެ ނަމަ، އެ މައުލޫމާތު ވެސް ހިއްސާކުރަން އެމަނިކުފާނު އެދިވަޑައިގަތެވެ.

ކޮރަޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ކޮރަޕްޝަނާ ގުޅޭ ޝަކުވާތައް ހުށަހަޅާ ފަރާތްތައް ސިއްރުވާނެ ގޮތަކަށް އެކަން ހުށަހެޅޭނެ އިންތިޒާމްތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި ވާނީ ހަމަޖައްސައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކަށް ވާނީ، ގައުމުގެ ކޮންމެ ރައްޔިތަކު އަމިއްލަ ނަފްސަށް ތެދުވެރިވެ ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ ލިބިގަތުން ކަމަށެވެ.

"ގައުމެއްގެ މުއްސަނ ދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ ބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ހިޔާނާތްތެރިކަން އާންމުވުން. އަދި އެ ބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއްމުވުމަކީ ގައުމީ ތަރައްގީ އަށް އޮތް އެންމެ ބޮޑު ހުރަސް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަންގެ ވަބާ އަކީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިޖްތިމާއީ އަދުލުވެރިކަން ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބު ކަމަށެވެ.

"ގައުމެއްގެ މުއްސަނ ދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ ބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ހިޔާނާތްތެރިކަން އާންމުވުން. އަދި އެ ބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއްމުވުމަކީ ގައުމީ ތަރައްގީ އަށް އޮތް އެންމެ ބޮޑު ހުރަސް،" ރައީސް

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް ވަނީ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ގެ ނަމުގައި ކެމްޕެއިނެއް ފަށައި ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ މާލީ ބަޔާން އާއްމުކުރަން ފަށައިފަ އެވެ. އޭރުން އެ މަގާމުގައި ހުރެގެން ނުހައްގު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާއްމުންނަށް ދެނެގަތުމުގެ ފުރުސަތު ފަހިކޮށް ދެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަން ހުއްޓުވަން ގާނޫނީ ގޮތުން ގެންނަ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް އަލުން ބިލް ހުށަހަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިއަހަރުގެ ކުރީކޮޅު، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ނުހައްގު މުއްސަނދި ކަމަކީ ގާނޫނުލް އުގޫބާތުގައި ކުށެއް ކަމަށް ކަނޑައެޅުމުގެ ބިލް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވިއިރު ބިލް ފާހެއް ނުވެ އެވެ.

ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އޮކްޓޯބަރު މަހު، "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު" ތަސްދީގު ކުރައްވާފައިވާއިރު އެ ގާނޫނުގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމުގައި އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ދައުރު އިތުރަށް ފުޅާވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.