ދިވެހި އާއިލާއަކަށް ލިބުނީ އާދަޔާ ހިލާފު، އަމާނާތްތެރި ކުރޮޅި ޑްރައިވަރެއް!

ދިވެހި އަންހެނަކާއި އޭނާގެ އިންޑިއާ ފިރިމީހާ އަދި އަންހެން ދަރިފުޅަށް، ބެންގަލޫރުގެ ކުރޮޅި ޑްރައިވަރެއްގެ އާދަޔާ ހިލާފު އަމާނާތްތެރިކަމެއް ތަޖުރިބާކުރެވިއްޖެ އެވެ.


ފުވައްމުލަކުގައި ދިރިއުޅޭތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވީ އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ބަޝާރާއި އޭނާގެ ފުވައްމުލަކު އަނބިމީހާ އާއި އަންހެން ދަރިފުޅު ދަތުރުކުރި އޮޓޯގައި ގިނަ އަދަދެއްގެ ފައިސާ ބަހައްޓާފައި، ހަނދާންނެތިގެން ފޭބުނެވެ. އެކަމަކު އެ އޮޓޯ (ދިވެހިން ކިޔާ ނަމުން ނަމަ ކުރޮޅި)ގެ ޑްރައިވަރު ވަނީ ފުލުހުންނާ އެ ފައިސާ ހަވާލުކޮށްފަ އެވެ. އަދި ބަޝާރުގެ އާއިލާއަށް ފުލުހުން އެ ރައްދުކޮށްދިނީ، ޑްރައިވަރުގެ އެ ތެދުވެރިކަމުގެ އަގު ވެސް ވަޒަންކޮށްފަ އެވެ.

ބެންގަލޫރުގެ ޕޮލިސް ކޮމިޝަނަރު ބާސްކަރު ރާއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 150،000 ރުޕީސް (32،776ރ.) އާއި 12،000 ޑޮލަރު (185،040ރ) ލާފައި އޮތީ ދަބަހަކަށް ކަމަށެވެ. އެކަމަކު އެ އާއިލާއަށް ކުރޮޅިން ފޭބުނީ އެ ދަބަސް ބާއްވައިފަ އެވެ.

މި އަމާނާތްތެރި ޑްރައިވަރުގެ ނަމަކީ، ރަމޭޝްބާބޫ ނަޔަކު އެވެ. ފުލުހުން ވަނީ އޭނާ އާއި ބަޝާރުގެ އާއިލާއާ ބައްދަލުކޮށްދީފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާއަށް މޭވާ ވަށިގަނޑަކާއި ހަދިޔާ ދީފައި ހުއްޓެވެ.

ޑރ. ބަޝާރަކީ ފުވައްމުލަކު ބަހުންނާއި ދިވެހި ބަހުން ފަރިތަކޮށް ވާހަކަ ދައްކައި، އަދި ފުވައްމުލަކުގައި ގެ އަޅައިގެން ރާއްޖޭގައި ވަޒަންވެރިވެފައިވާ މީހެކެވެ.

ފައިސާ ދަބަސް ހަވާލުކުރި ކުރޮޅި ޑްރައިވަރު ރަމޭޝް ބާބޫ

ގިނަ ފަހަރަށް މަގުމަތިން ނަގާ ކުރޮޅި އާއި ޓެކްސީ ފަދަ އެއްޗެހީގެ ތެރެއަށް ދޫކޮށްލެވޭ އަގުހުރި ތަކެތި އަނބުރާ ލިބޭ ގޮތެއް ނުވެ އެވެ. ބައެއް ދިވެހިންގެ އަތުން އެތައް ހާސް ޑޮލަރު، އެގޮތަށް ދޫކޮށްލެވިފައި އެބަ ހުއްޓެވެ.

މީގެ 20 އަހަރު ކުރިން އިންޑިއާގެ ޓްރިވެންޑްރަމަށް ދިޔަ ދެ ދިވެހިންގެ ހުރިހާ ފައިސާއަކާއި ޕާސްޕޯޓްތައް ކުރޮޅިއެއްގެ ތެރޭގައި ބެހެއްޓުނެވެ. އެމީހުން ހާލުގައި ޖެހިގެން އުޅެނިކޮށް އެންމެ ފަހުން ކުރޮޅި ޑްރައިވަރު ކޮންމެވެސް ގޮތަކުން ދެ ޕާސްޕޯޓް ހޮޓަލަށް ފޮނުވި އެވެ. އެކަމަކު އެއްވެސް ފައިސާއެއް ރައްދެއް ނުކުރެ އެވެ.