ވެރިކަމަށްޓަކައި ބާރުތައް މުށުތެރެއަކަށް ނުލާނަން: ރައީސް

ބާރުތައް މުށުތެރެއަށް ލުމަކީ ވެރިކަން ކުރަން ފަސޭހަ ގޮތަކަށް ވި ނަމަވެސް ވެރިކަމުގެ ލައްޒަތާއި ޖާހު މަތިކުރަން އެމަނިކުފާނު އެކަން ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތުން ކްރޮސް ރޯޑްސްގައި ދެ ދުވަހަށް ފެށި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް މިއަދު ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ ޖަރީޒާ ވަންތަކޮށް، ރާއްޖެ ތަރައްގީކޮށް، އުފާވެރިކަމާ އެކު ރައްޔިތުންނަށް ދިރިއުޅުވޭނެ ގޮތެއް ހަމަޖައްސައިދިނުން ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު ތަސްދީގު ކުރެއްވުމާ އެކު މިއަދު އެ މަސައްކަތުގައި ބިންގާ އެޅިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ފެށުނީ، ފުރިހަމަ މާނައިގައި ލާމަރުކަޒު ކުރުމުގެ މަސައްކަތެވެ.

އަޅުގަނޑުމެންނަށް ބުނެވިދާނެ، މީގެ އެތައް އަހަރެއް ކުރިން ރާއްޖެ ވަނީ ލާމަރުކަޒު ކުރެވިފައޭ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ އޭރު ލާމަރުކަޒު ކުރެވުނީ ކައުންސިލްތަކުގެ އަތް ބަނދެފައޭ. --ރައީސް

ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެނައީ ކައުންސިލަރުންނާއި ކަމާގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުންގެ އަޑުއަހައި ލަފަޔާއި އިރުޝާދާ އެކު ކަމަށް ރައީސް އެވެ. ގާނޫނަށް ގެނައި އިސްލާހަކީ ރާއްޖޭގެ މުސްގަބްލަށް ކުރި ވަރަށް މުހިއްމު އިންވެސްޓްމެންޓެއް ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބާރުތައް މުށުތެރެއަށް ލުމަކީ، ވެރިކަން ކުރަން ފަސޭހަ ގޮތަކަށް ވެދާނެ. ނަމަވެސް އެއީ، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގެ ޚުލާސާ:

- ވެރިކަމުގެ ލައްޒަތާއި ޖާހު މަތިކުރަން ބާރުތައް މުށުތެރެއަށް ނުލާނަން.

- ވިސްނުމަކީ ވީހާވެސް ގިނަ ބާރުތައް ކައުންސިލްތަކާއި މިނިސްޓްރީތަކަށް ދޫކޮށްލުން.

- އެންމެ މުހިއްމު އިސްލާހަކީ މާލީ ގޮތުން ކައުންސިލްތައް ލާމަރުކަޒު ކުރުން.

- ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް، އިންސާފުވެރިކަމާ އެކު ޚިދުމަތް ދޭން ރައީސް އެދިވަޑައިގަތް

- ރައީސް ވިދާޅުވަނީ ރަށްރަށަށް ކުރަން ހުރި ކަންކަން ލަސްވާ ސަބަބާ ގުޅޭ ގޮތުން ކައުންސިލަރުންނާ ދެން ސުވާލުކުރައްވާނީ އެމަނިކުފާނު ކަމަށް.

މާލީގޮތުން ބާރުވެރިކޮށް މުހިއްމު ބަދަލުތަކެއް

ޒަމާނުއްސުރެ މައި ސަރުކާރަށް ޖަމާކޮށްފައިވާ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލަން، މި ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މުހިއްމު އިސްލާހުތަކެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

އެންމެ މުހިއްމު އެއް ބަދަަލަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމެވެ. އެ އިސްލާހުގައި، ދައުލަތުގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި ވަކި ޕަސެންޓެއް، އަދި ރަށާއި އަތޮޅާއި ސިޓީ އަށް ލިބޭ އާމްދަނީގެ ވެސް ވަކި ޕަސެންޓެއް ކައުންސިލްތަކަށް ދޭން ވަނީ ނިންމައިފަ އެވެ.

ސިޔާސަތު ކަނޑައެޅުމުގެ މަރުހަލާގައި، އަންހެނުންގެ ދައުރު ފުޅާކޮށް ބާރުވެރިކުރުވަން ލާމަރުކަޒީ ގާނޫނަށް ގެނައީ ވެސް މުހިއްމު އިސްލާހެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ތިން ބައިކުޅަ އެއްބައި މިވަނީ އަންހެން ބޭފުޅުންނަށް ޚާއްސަ ކުރެވިފައި. އަޅުގަނޑު ހިތުން މިއީ މި ގާނޫނަށް ގެނެވުނު ވަރަށް މުހިންމު ބަދަލެއް. 5 މެންބަރުންގެ ކައުންސިލަކުން 2 ގޮނޑި ހާއްސަ މި ކުރެވުނީ އަންހެން ބޭފުޅުންނަށް. 7 މެންބަރުންގެ ކައުންސިލެއް ނަމަ 3 ގޮނޑި އަންހެން ބޭފުޅުންނަށް. --ރައީސް

އަދި، ކޮންމެ ރަށެއްގައި ފަސް އަންހެނުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލަން ގާނޫނުގައި އޮތީ ލާޒިމްކޮށްފަ އެވެ.

މީގެ ނަތީޖާ އަކީ، ރައީސް ވިދާޅުވި ގޮތުގައި، މީހުން ދިރިއުޅޭ 179 ރަށާއި ތިން ސިޓީން 384 އަންހެނުން ކައުންސިލްތަކަށް އިންތިޚާބު ކުރުމެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް 929 އަންހެނުން އިންތިޚާބު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

"މި އަދަދުތަކަށް ބަލާއިރު ދެން ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ޖުމްލަ 1،313 އަންހެން ބޭފުޅުން އިންތިޚާބީ މަގާމްތަކުގައި ތިއްބަވާނެ. މިއީ، މިންތީގެ ހަމަހަމަކަމަށް މިކުރާ މަސައްކަތުގައި އިޖްތިމާއީ ގޮތުން ގެނެވުނު ވަރަށް ރަނގަޅު ބަދަލެއް،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށުމުން ރައްޔިތުންގެ ފައިސާގެ ބޮޑު ބައެއް ކައުންސިލަރުންނާ ހަވާލުކުރާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެއާ އެކު، ރައްޔިތުންގެ ތަރައްގީ އަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކާއި ރައްޔިތުންގެ މައްޗަށް ބަސް ބުނެ ގޮތް ނިންމުމުގެ ބާރު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ގާނޫނު ތަންފީޒު ކުރުމުގައި، ތިޔަ ބޭފުޅުންގެ ދައުރަކަށް ވާންވާނީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ބާކީ ނުކޮށް، އިންސާފުވެރިކަމާ އެކު ކަންތައްތައް ނިންމަވަމުން ގެންދެވުން. ރައްޔިތުންގެ ފައިސާ ހެޔޮ ގޮތުގައި ބޭނުންކުރަމުން ގެންދިޔުން. --ރައީސް
ރައީސް އިބްރާހިް މުހައްމަދު ސޯލިހް: ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް މިއަދު ވަނީ ތަސްދީގު ކުރައްވާފައި.

"ލަސްވާ ސަބަބު ދެން އަހާނީ އަޅުގަނޑު"

ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން، ކައުންސިލަރުންނާ ބައްދަލުވާ ކޮންމެ ފަހަރަކު، ރަށުގެ ތަރައްގީ އަށް ކުރަން ހުރި ކަންކަން ލަސްވާ ސަބަބާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އެމަނިކުފާނަށް އަމާޒު ކުރައްވާ ކަމަށެވެ. އެކަމަކު ދެން އެ ސުވާލު ކައުންސިލަރުންނާ ކުރައްވާނީ އެމަނިކުފާނު ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ގާނޫނަށް އަމަލުކުރަން ފެށުމުން، އެ ސުވާލުތައް ދެން ކުރާނީ އަޅުގަނޑު ތިޔަ ބޭފުޅުންނާ. ކީއްވެގެންތޯ، ތި ރަށުގެ އެވެނި މިވެނި ކަމެއް ލަސްވަނީ؟" ރައީސް ވިދާޅުވި އެވެ.

ކައުންސިލަރުންނާ އެއް މޭޒަކުން ބައްދަލުވެވަޑައިގަތުމުން ރައީސް ވަނީ ގައުމީ ފެންވަރުގައި ވިސްނަން ޖެހޭ ގިނަ ކަންކަން ހުރި ކަން ހަނދާން ކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި، ހަރުކަށި ފިކުރުގައި ހައްދު ފަހަނައަޅައި ގޮސްފައިވާ މީހުންގެ މައްސަލަ އާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޖުތަމައުން އެކަހެރިވަމުންދާ މީހުންގެ މައްސަލަ އާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރި މައްސަލަތައް ހިމެނެ އެވެ.

"އަޅުގަނޑުގެ އުންމީދަކީ މި ކޮންފަރެންސްގައި ތިޔަ ބޭފުޅުން ކުރައްވާ މަޝްވަރާތަކުގެ އަލީގައި މި މައްސަލަތައް ހައްލުކުރާނެ ގޮތުގެ ރަނގަޅު ސިޔާސަތުތަކެއް އަޅުގަނޑުމެންނަށް ހޯދިގެން ދިޔުން. މިއީ ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވޭ ކާމިޔާބު ކޮންފަރެންސަކަށް ވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެންމެ ފަހު ބަހަކަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެންނާ ވަރަށް ކައިރީގައި އެބައޮތޭ ކައުންސިލް އިންތިޚާބު. ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު ކުރާ އިލްތިމާސަކީ އެ އިންތިޚާބުގައި މެންބަރުން ހޮއްވަވާއިރު މި ގާނޫނުގައި މިހުރި އުސޫލްތައް ގަބޫލުކުރާ މި ގާނޫނު ތަންފީޒް ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން އިންތިޚާބުކުރުމަށް އިސްކަން ދެއްވާށޭ."