އިންކަމް ޓެކްސް ނެގުމުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.


ރައީސް އޮފީހުން ބުނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންކަމް ޓެކްސްގެ ބިލް ރައީސް ތަސްދީގުކުރައްވާފައިވާ ކަމަށެވެ. އެއާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާނެ އެވެ.

އެ ޓެކްސް ނެގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގަން ވާނީ އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެންނެވެ. ދެން ހުރި ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފަށަން ވާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެންނެވެ.

އޭޕްރީލް 1، 2020 އިން ފެށިގެން ނަގާނީ އުޖޫރަ އާއި ވިޔަފާރި އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި އިންޓަރެސްޓާއި އެކުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާދި ކަމިޝަނާއި ރޮޔަލްޓީންނެވެ.

ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި އެންމެ މަދުވެގެން 60،000ރ. ލިބޭ މީހުންގެ އަތުންނެވެ. އެ ބިލް އެންމެ ފުރަތަމަ ހުށަހެޅިއިރު އޮތީ އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް އާމްދަނީ 40،000ރ. އަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ކަމަށެވެ.

މަހެއްގެ މައްޗަށް 60،000ރ. އަށްވުރެ ބޮޑު، 100،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށްވުރެ ބޮޑު، 150،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި އަށް ޕަސެންޓް ނަގާނެ އެވެ.

މީގެ އިތުރުން 150،000ރ. އަށްވުރެ ބޮޑު، 200،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި 12 ޕަސެންޓް ނެގުމަށް ގާނޫނުގައި ހިމަނާފައި ވެ އެވެ. އަދި 200،000ރ. އަށްވުރެ މަތިން އާމްދަނީއެއް ލިބޭ މީހުންގެ އަތުން 15 ޕަސެންޓް ނެގުމަށް ނިންމާފައި ވެ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާގޮތުގައި އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 450 މިލިއަން ރުފިޔާ ލިބޭނެ އެވެ. އެ ޓެކްސް ދައްކަން ޖެހޭނީ 3200 މީހުންނެވެ.