އިސްދޫ ބަނދަރުގެ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

ލ. އިސްދޫގެ ބަނދަރުގެ ބައެއް މަސައްކަތްތައް 34 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.


ނެޝެނަލް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތި ޝާނާ ފާރޫގާއި އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.

މި މަޝްރޫއުގައި ހިމެނެނީ އެ ރަށު ބަނދަރުގައި ބޭރު ތޮއްޓަކާއި 48 މީޓަރުގެ އެއްގަމު ތޮށި ލުމެވެ. އަދި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެމްޓީސީސީ އިން މިއަދު ކުރި ޓްވީޓެއް

މީގެ އިތުރުން ރ. އަލިފުއްޓާއި ރ. ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިނާއި އެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ބަލަން ހަދާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސަމެންޓް (އީއައިއޭ) ހަދަން ވެސް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ލޭންޑް އެންޑް މެރިން އެންވަޔަރަމެންޓަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިން ރިޔަން ޕްރައިވެޓް ލިމިޓެޑާ އެވެ.

މި މަޝްރޫއު ފުރިހަމަ ކުރަން ދިނީ ދޮޅު މަސް ދުވަސް ދުވަހުގެ މުއްދަތެކެވެ. މި މަސައްކަތަށް ކަނޑައަޅާފައި ވަނީ 272،208 ރުފިޔާގެ ބަޖެޓެކެވެ.