ޅ. ނައިފަރަށް ރޭ ކުރި ވިއްސާރައިގައި އެ ރަށުގައި ހުރި ކައުންސިލް އިދާރާގެ ފުރާޅު އެއްލާލުމާ ގުޅިގެން އެ އިދާރާ އިން ދެމުން އަންނަ ހިދުމަތްތައް މިއަދު ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ނައިފަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކައުންސިލް އިދާރާ ތެރޭގައި ހުރި ލިޔެކިޔުންތަކާއި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެ ތަނުގައި ހުރި ބައެއް ތަކެތި އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު އަބްދުﷲ ވިދާޅުވީ ކޮޅިގަނޑުގައި ބާރަށް ވައި ޖެހުމުގެ ސަބަބުން ފުރާޅުގެ ތިން ބައިކުޅަ އެއްބައި ހަލާކުވެފައިވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ އެއްވެސް ހިދުމަތްތަކެއް ކައުންސިލް އިދާރާ އިން ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެހެން އިމާރާތެއްގައި ކައުންސިލް އިދާރާގެ ހިދުމަތްތައް ދޭން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
"ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި ހިދުމަތް ދޭން ފެށޭ ވަރު ވާނީ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ކައުންސިލް އިދާރާގެ އިތުރުން އެ ރަށުގެ ސިނާއީ ސަރަހައްދުގައި މަސް ކެއްކުމަށް ބޭނުންކުރާ އިމާރާތެއްގެ ފާރެއް ވެސް ރޭ ވެއްޓި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވަނީ ނައިފަރަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އަވަސް މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ވިއްސާރައިގައި ނައިފަރަށް ބައެއް ގެއްލުންތައް ލިބުނު އިރު، ވައި ގަދަވުމުގެ ސަބަބުން ޅ. ހިންނަވަރުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް ދޮރުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
ވިއްސާރައިގައި ކ. ކާށިދޫ ގެއެއްގެ ގޯޅިތެރޭގައި ހުރި ދެ ގަސް މަގުމައްޗަށް ވަނީ ވެއްޓިފަ އެވެ.
މީގެ އިތުރުން މާލޭގައި ވެސް ބާރަށް ވައިޖެހުމާ އެކު ބައެއް ކުދިކުދި ހާދިސާތައް ހިނގާފައިވެ އެވެ.