އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ބައިބައިކޮށް، 2023 ގެ ރިޔާސީ ކެންޑިޑޭޓް ކަން ހޯދަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ބޭފުޅަކަށް ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަން މިހާރު އޮތީ ކޮޅު ބެދިފައިވާ މަގެއްގައި ކަމަށާއި އެކަމުން ސަލާމަތްވުމަށް އެހެން ވިސްނުމެއް ހޯދަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ބައިބައި ކުރަން ސަރުކާރު ކޯލިޝަންގެ ތެރެއިންނާއި އެހެން ގޮތްގޮތުން ބަޔަކު މަސައްކަތް ކުރިޔަސް ކާމިޔާބެއް ނުވާނެ ކަމަށެވެ. އެ ކޯލިޝަންގެ އަމާޒަކީ 2023 ވަނަ އަހަރުގެ ޔާމީން ވެރިކަމަށް ގެނައުން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާ ވައްދަން ނޫޅޭ. އަޅުގަނޑުމެން ތި ބޭފުޅުން ޖަހާ މަޅިއެއްގައި ނުބެދޭނެ. އަޅުގަނޑުމެން މި ތިބީ ފިސާރި ކެރިގެން ސާބިތުކަމާ އެކު. އެއާ އެކީގައި ދަންނަވާލަން ބޭނުންވަނީ ތިކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަމޭ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމުގެ ކުލަ ހުވަފެން ދެކެވަޑައިގަންނަވާނެ ކަމެއް ނެތް." އަބްދުއްރަހީމް ވިދާޅުވި އެވެ.
ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމާ އެކު ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ގާނޫނީ ހުރަސްތަކެއް މެދުވެރިވެފައި ވަނިކޮށް، 2023 ގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ޕީޕީއެމާއި ޕީއެންސީން ވަނީ ނިންމައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަން އޮތީ ކޮޅު ބެދިފައިވާ މަގެއްގައި ނޫން ކަމަށާއި އެ ކޯލިޝަން ދަތުރު ކުރަމުން ދަނީ މަންޒިލް ސާފުކޮށް ފެންނަން އޮވެގެން ކަމަށެވެ. އަދި އެ ކޯލިޝަންގެ ލީޑާޝިޕްގައި ތިބީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހިތްވަރު ހުރި ބައެއް ކަމަށާއި ހަނު ތިބުމަށް ފަހު ކުއްލިއަކަށް ނިކުމެ މިއަދު ބަޔަކު ދައްކާ ވާހަކައަކުން އެ ކޯލިޝަންގެ ވިސްނުން ބަދަލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕަކު ނުހުންނާނެ ރައީސް ޔާމީނަށް ހަރާން ކޯރުވާނެ އެއްވެސް މީހެއް. އަޅުގަނޑުމެން މިއަދު މި ކުރަމުން ގެންދާ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް އެކަންޏެއް ނޫން. އަޅުގަނޑުމެން މި ކުރަމުން ގެންދާ މަސައްކަތަކީ 2023 ވަނަ އަހަރު ރައީސް ޔާމީން މި ގައުމުގެ ވެރިކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތް." އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީން ހުންނެވީ މިހާރު ވެސް ސާބިތުކަމާ އެކު ކަމަށާއި އެމަނިކުފާނު ހުންނެވީ ގައުމުގެ ހައްގުގައި މުޅި އުމުރަށް ޖަލުގައި އޮންނަން ޖެހުނަސް، އެކަމަށް ވެސް ތައްޔާރަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެމަނިކުފާނު މިނިވަންކުރަން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ކޯލިޝަނަށް ތާއީދު ކުރުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.