މި ތިބީ ބާޒުތަކަށް ފުރުސަތު ދޭކަށް ނޫން: އަދުރޭ

އިދިކޮޅު ޕީޕީއެމް ހަރުދަނާ ކުރުމަށް އެ ޕާޓީ އަށް ބާޒެއް ނުވަތަ ސިންގާއެއް ބޭނުންވާ ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ރައްދު ދެއްވައިފި އެވެ.


ސީއެންއެމްގެ ޕްރޮގްރާމެއްގައި އުމަރު ސިފަކުރެއްވި ގޮތުގައި، ސިޔާސީ މަސްރަހުގައި ޕީޕީއެމް އޮތީ ހަރަކާތް ހުސްވެފަ އެވެ. ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން، އެމަނިކުފާނު މިނިވަންކުރަން "ފިނި ކޮޓަރީގައި" ތިބެ ވާހަކަ ދެއްކުމަކީ އެކަށީގެންވާ ގޮތުގައި އެ މަސައްކަތް ކުރުން ކަމަކަށް އުމަރު ގަބޫލެއް ނުކުރައްވަ އެވެ.

އުމަރު ވިދާޅުވީ އެ މަސައްކަތާއި ޕީޕީއެމްގެ މުޅި މަންޒަރު ބަދަލުކުރަން ވެސް ބޭނުން ވަނީ އެކަން ކުރެއްވޭ ވަރުގެ ލީޑަރެއް ކަމަށެވެ.

"އެ ބޭފުޅުންނަށް ބޭނުންވަނީ ވަރުގަދަ ބާޒެއް، އެ ބޭފުޅުންނަށް ބޭނުންވޭ ސިންގާއެއް. ބާޒެއް ނުވަތަ ސިންގާއެއް އެ ބޭފުޅުން ގޮވައިގެން ލީޑުކޮށްގެން މަގުމައްޗަށް ވެސް ނުކުންނަން ޖެހޭ ނުކުންނަން ޖެހިއްޖިއްޔާ،" މިދިޔަ އާދިއްތަ ދުވަހުގެ ރޭ އުމަރު ވިދާޅުވެފައި ވެ އެވެ.

ލ. މާވަށުގައި ޕީޕީއެމް/ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އުމަރަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ދެ ޕާޓީ އަށް ބެލެހެއްޓޭ ވަރުގެ ބާޒާއި ސިންގާ އެބަތިބި ކަމަށާއި ޔާމީނަށް އިހުލާސްތެރިކަމާ އެކީގައި މަސައްކަތް ކޮށްދޭން ދުރުން އަންނާކަށް މީހަކު ނެތް ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމާއި ޕީއެންސީގައި މިހާރު ތިބި މީހުންނަށް ވުރެ ޔާމީނަށް އިހުލާސްތެރި އަދި ވަފާތެރިވާނެ ބަޔަކު ނޫޅޭނެ އެވެ.

"ސިޔާސީ ގޮތުުން އަރާނެ އޮޑިއެއް ނެތީމާ، ސިޔާސީ ގޮތުން ވަންނާނެ ޖަގަހައެއް ނެތީމާ ދެން ކޮންމެހެން ޓީވީ ޕްރޮގްރާމްތަކަށާއި ނޫސް މަޖައްލާތަކަށާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ދެން ކޮންމެހެން ޕީޕީއެމް/ޕީއެންސީއާ ބެހި ވަޑައިގަންނަވާނެ ކަމެއް ނެތް އެއްވެސް ބޭފުޅަކު،" އުމަރުގެ ނަން ވިދާޅުވެ، ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އުމަރު އުޅުއްވަނީ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓު ހޯއްދަވަން ކަމަށް ނުސީދާ ގޮތެއްގައި އަދުރޭ ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، އެ އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓް ޔާމީނަށް އަރުވާފައި ކަަމަށެވެ.

"އެ ބަދަލެެއް ނުކުރެވޭނޭ،" ޔާމީންގެ ދިފާއުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.