ސުޕްރީމް ކޯޓުގެ އާ ބެންޗުން ޝަރީއަތްތައް ފަށައިފި

އާ އަހަރާ އެކު ސުޕްރީމް ކޯޓުގެ ރިސެސް ނިމި، އާ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އާ ފަނޑިޔާރުންގެ ބެންޗުން މިއަދު ޝަރީއަތްތައް ފަށައިފި އެވެ.


އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދު މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު އައްޔަން ކުރެއްވިއިރު ރިސެސްގައި އޮތުމުން މިދިޔަ އަހަރު ދެ ބޭފުޅުން އެއްވެސް މައްސަލައެއް ނުބައްލަވަ އެވެ. އެކަމަކު އޭގެ ކުރިން އައްޔަންކުރި ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކުރިން ބައެއް މައްސަލަތައް ބެއްލެވި އެވެ.

ރިސެސް ނިމުމާ އެކު، މިއަދު ފެށި ޝަރީއަތްތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޔާސަތުގައި އިންނަވައިގެން ފުރަތަމަ ބައްލަވަނީ މަސްތުވާތަކެތީގެ މައްސަލައެކެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ސުއޫދު ވެސް އެ މައްސަލަ ބައްލަވާ ބެންޗުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ވަޒީފާއާ ބެހޭ ދެ މައްސަލައެއްގެ ޝަރީއަތް ވެސް ކުރިއަށް ގެންދަން ތާވަލްގައި ހިމަނާފައިވެ އެވެ. އަދި މި ހަފުތާ އާއި އަންނަ ހަފުތާއަށް ވެސް މަދަނީ މައްސަލަތަކަކާއި ޖިނާއީ މައްސަލަތަކެއްގެ ޝަރީއަތް ތާވަލްކޮށްފައި ވާއިރު، އޭގެ ތެރޭގައި ގިނައީ 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު ހުށަހެޅި މައްސަލަތަކެވެ.

އޭގެ ބައެއް މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުން އޮތީ ކުރިއަށް ގެންގޮސް، ނިންމާލައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އާ ބެންޗާ އެކު ޝަރީއަތްތައް ފެށިއިރު އެ ކޯޓުގެ ބެންޗުގައި ދެ މަގާމެއް ހުސްކޮށް އަދި އެބަ އޮތެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަންކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަދި ރައީސަށް ލަފާ އަރުވާފައެއް ނުވެ އެވެ.