ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސީމް އަކްރަމްގެ ދައުރު ނިމުމުގެ ކުރިން، އެ ގައުމުން ރާއްޖެ އަށް ދޭ އެންމެ ފަހުގެ އެހީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓަށް (ސީއެސްޓީއައި) މިއަދު ހަދިޔާކޮށްފި އެވެ.
ޕާކިސްތާން ސަފީރު އަކްރަަމްގެ މަގާމުގެ ދައުރު ހަމަވާނީ މި މަހުގެ 21 ގަ އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕާކިސްތާން އެމްބަސީގެ ފަރާތުން ސީއެސްސީ އަށް ހަދިޔާ ކުރީ 10 ކޮމްޕިއުޓަރާއި ފަސް ލެޕްޓޮޕާއި ތިން މަލްޓިމީޑިއާ ޕްރޮޖެކްޓަރު އަދި ހަ އޭސީ އެވެ.
މި ތަކެތި، ސީއެސްސީއާ ހަވާލު ކޮށްދެއްވީ ސަފީރު ވަސީމެވެ. އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ސީއެއްސީގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ، ކައިރި މުސްތަގްބަލެއްގައި ޕާކިސްތާން އެމްބަސީން ކާޕެޓެއް ވެސް ސީއެސްސީ އަށް ހަދިޔާ ކުރާނެ ކަމަށެވެ.
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރީ މީގެ 53 އަހަރު ކުރިން ކަން ފާހަގަކުރައްވައި، ސީއެސްސީގެ ރައީސް ވިދާޅުވީ، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ. އަދި، ޕާކިސްތާން އެމްބަސީން ސީއެސްޓީއައި އަށް ވެދޭ އެހީތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
"ޕާކިސްތާނުން ހަދިޔާކުރި ތަކެއްޗަކީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި ސީއެސްސީން ކުރަމުން އަންނަ މަސައްކަތަށް އެ ގައުމުން އެއްބާރުލުން ދޭ ކަމުގެ ނިޝާނެއް،" އެލިޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި އެހީތައް ލިބުނީ ސީއެސްއައިޓީ އަށް އޭގެ ބޭނުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގަ އެވެ. ސީއެސްސީ ހިންގާ އިމާރާތައް، ސިވިލް ސާވިސް އިންސްޓިޓިއުޓް މިހާރު ބަދަލުކޮށްފައި ވާއިރު، ޕާކިސްތާނުގެ ހަދިޔާތައް ލިބުނީ އެ އިންސްޓިޓިއުޓަށް ބޭނުންވާ ގިނަ ވަސީލަތްތައް ނެތް ވަގުތެއްގައި ކަމަށް ވެސް އެލިޝް ވިދާޅުވި އެވެ.
ޕާކިސްތާން އެމްބަސީގެ ދައުވަތަކަށް މިދިޔަ އަހަރު ވެސް ސީއެސްސީގެ ފަސް މެމްބަރުގެ ޓީމެއް އެ ގައުމަށް ދިޔަ އެވެ. އެ ދަތުރުގައި އެ ގައުމުގެ ހަތް އިންސްޓިޓިއުޝަނަކަށް ޒިޔާރަތްކޮށް، ދެ ގައުމު ގުޅިގެން ކުރިއެރުވޭނެ އެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކި އެވެ.
ޕާކިސްތާން އެމްބަސީން ސީއެސްއައިޓީ އަށް 2017 ގައި ދެ ސްމާޓްބޯޑު ހަދިޔާ ކޮށްފައި ވެ އެވެ. އަދި މި އަހަރުގެ ނިމުމުގެ ކުރިން އެ އިންސްޓިޓިއުޝަންގެ ފަސް މީހުންގެ ވަފުދެއް ޕާކިސްތާނަށް ޒިޔާރަތް ކުރުމަށްޓަކައި ސްޕޮންސަރު ކުރާނެ ކަމަށް ސަފީރު ވަސީމް ވައުދުވި އެވެ. ސަފީރު ވަސީމް ވިދާޅުވީ، އޭނާ އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވަނީ ރާއްޖޭގެ ގިނަ ހަނދާންތަކާ އެކު ކަމަށެވެ.