ދިއްދޫގެ ފްލެޓްތައް އޭޖީ އާއި އޭސީސީގެ ލަފާގެ މަތިން ދޫކުރަނީ

ހއ. ދިއްދޫގައި، ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ސަރުކާރުން އިމާރާތް ކުރި ހައުސިން ޔުނިޓްތައް ދޫކުރުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


ދިއްދޫގެ ހުޅަނގު އުތުރުން ހިއްކާފައިވާ ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް މި ފެށީ އޭސީސީން އެކަން ހުއްޓުވާފައި އޮންނަތާ ދުވަސްތަކަކަށް ފަހު އެވެ.

ހައުސިން މިނިސްޓްރީން ބުނީ، ހައުސިން ޔުނިޓްތައް ހަވާލު ކުރުމަށްޓަކައި އަލުން ފޯމުތައް އިވެލުއޭޓްކޮށް، ލިސްޓް ތަރުތީބު ކުރުމުގެ މަސައްކަތް އޭސީސީ އާއި އޭޖީގެ ލަފާގެ މަތިން އެ ރަށު ކައުންސިލްގެ ޓީމަކުން މިހާރު ފަށާފައިވާ ކަމަށެވެ. މަސައްކަތް ނިމޭނެ ވަކި ދުވަހެއް އަދިއެއް ނުބުނެ އެވެ.

ހަވާލުނުކޮށް ގިނަ ދުވަސް ވެފައިވާ އެ ގެތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލުމާއި ސީލިންގުން ފެން ފޭބުން ފަދަ މައްސަލަތައް މިހާރު ވަނީ ކުރިމަތިވެފަ އެވެ.

ދިއްދޫ ހައުސިން ޔުނިޓްތައް ދިނުމަށް ފޯމް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް ގެންދަނީ--- ފޮޓޯ: ހައުސިން މިނިސްޓްރީ

ނައިބު ރައީސް ފައިސަލް ނަސީމް، ދާދި ފަހުން ދިއްދު އަށް ވަޑައިގެން، އެ ގެތަކުގެ ހާލަތު ބައްލަވައި ލެއްވުމަށް ފަހު ވަނީ އެ ތަންތަން ހަވާލުނުކޮށް ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ދިއްދޫގައި ވަނީ 250 ގެ އިމާރާތް ކޮށްދީފަ އެވެ. އޭގެ ތެރެއިން 130 ގެ ވަނީ މިހާތަނަށް މީހުންނާ ހަވާލުކޮށްފަ އެވެ. އަދި 110 ތަން ދޭނެ ފަރާތްތައް ކަނޑައަޅާފައި ވިޔަސް މި ސަރުކާރުން ވަނީ އެ ލިސްޓް ބާތިލްކޮށް، އަލުން މާކްސް ދީފަ އެވެ.

ދިއްދޫ ކައުންސިލުން މިދިޔަ އަހަރުގެ ޖޫން 10 ގައި 110 ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވައިލި އެވެ. އެއާ އެކު، ގިނަ ބައެއްގެ ޝަކުވާ ހުށަހެޅި އެވެ. އެހިސާބުން އެ ލިސްޓަށް ފްލެޓް ދިނުން މަޑުޖައްސައިލަން އޭސީސީން އެންގި އެވެ.

ހައުސިން މިނިސްޓްރީގެ ޓުވީޓް

ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ދިއްދު އަކީ ގެދޮރުގެ ދަތިކަން ބޮޑު ރަށެކެވެ. އެހެންވެ، ތިން ކޮޓަރީގެ އާ ފްލެޓްތަކުގެ އިންތިޒާރުގައި ގިނަ ބަޔަކު އެބަ ތިއްބެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިއްދޫން ފްލެޓް ދިނީ ބޭއިންސާފުން ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ. ނަމަވެސް ގިނަ ފްލެޓުގައި މިހާރު މީހުން ދިރިއުޅެން ވެސް ވަނީ ފަށައިފަ އެވެ.