މި އަހަރު ވެސް ދެކުނު އޭޝިއާގައި އެންމެ ބާރުގަދައީ ރާއްޖޭގެ ޕާސްޕޯޓް

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް އަނެއްކާ ވެސް ރާއްޖޭގެ ޕާސްޕޯޓް ހޮވިއްޖެ އެވެ.


ދުރާލާ ވިސާ ހޯދުމެއް ނެތި، ފަސޭހަކަމާ އެކު އެތެރެވޭ ޕާސްޕޯޓުތައް ބަލައިގެން ހެންލީ އެންޑް ޕާޓްނާސް އިން ނެރޭ ޕާސްޕޯޓް އިންޑެކްސްގައި މިދިޔަ އަހަރު ވެސް ރާއްޖެ އޮތީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގަ އެވެ. އެކަމަކު، މިއަހަރު ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ ކުރިއަށް ވުރެ ވެސް އެއް ދަރަޖަ މައްޗަށް ޖެހިފަ އެވެ.

މިދިޔަ އަހަރު ރާއްޖެ އޮތީ ދުނިޔެ އިން 62 ވަނައިގައި ކަމަށް ވިޔަސް، މި އަހަރު ރާއްޖެ އޮތީ 61 ވަނައިގަ އެވެ. އެއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެއް ވަނަ އެވެ. ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 85 ގައުމަށް މިހާރު ދަތުރު ކުރެވެ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުން ދެވަނަ ލިބުނު އިންޑިއާ އޮތީ 84 ވަނައިގަ އެވެ. ވިސާ ހޯދުމެއް ނެތި އިންޑިއާ ޕާސްޕޯޓުގައި ދަތުރު ކުރެވެނީ 58 ގައުމަކަށެވެ. ދެކުނު އޭޝިއާ ސަރަހައްދުން ތިން ވަނައިގައި ކަމަށް އޮތް ބޫޓާނަށް ލިބުނީ 89 ވަނަ އެވެ. އެ ގައުމުގެ ޕާސްޕޯޓްގައި ވިސާ ނެތި ދަތުރު ކުރެވެނީ 53 ގައުމަކަށެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް އޮތީ ޖަޕާނުގެ ޕާސްޕޯޓެވެ. އެ ޕާސްޕޯޓުގައި 191 ގައުމަކަށް ވިސާ ނެތި ދަތުރު ކުރެވޭއިރު، ދެވަނައިގައި އޮތް ސިންގަޕޫރުގެ ޕާސްޕޯޓްގައި ވިސާ ނެތި ދަތުރު ކުރެވެނީ 190 ގައުމަކަށެވެ. ތިން ވަނައިގައި އޮތް ދެކުނު ކޮރެއާ އާއި ޖަރުމަނުވިލާތުގެ ޕާސްޕޯޓުގައި 189 ގައުމަކަށް ވިސާ ނެތި ދަތުރު ކުރެވެ އެވެ.