ޚަލީލާއި ލަތީފް އާއި ރިޔާޒް: ތިން ބޭފުޅުންގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވޭ.
12 ޖެނުއަރީ 2020 - 13:39
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލްގެ އިތުރުން މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފާ އެކު ބައެއް އެހެން ޕާޓީތަކުގެ މެމްބަރުންތަކެއްގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށް ބުނެ ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒްގެ ނަން އެމްޑީޕީގެ ދަފްތަރުގައި އޮތް ކަން އެނގުނީ، ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީ އަށް ތިމަރަފުށީ ދާއިރާގެ ލިސްޓު ޗެކުކުރުމުގެ ތެރޭގައި މީހަކު އެ ސުވާލު އުފެއްދުމުންނެވެ. ފަހުން، ރިޔާޒް އެދިވަޑައިގެން އެމްޑީޕީގެ ދަފްތަރުން އޭނާގެ ނަން ވަނީ އުނިކޮށްފަ އެވެ.
އެމްޑީޕީގެ ދަފްތަރުގައި ނަން އޮތް ކަަމަށް ވިދާޅުވެ ޚަލީލް ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީން ގެންގުޅެނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތުތަކެވެ.
ޔާމީންގެ ކެމްޕެއިން ޖަލްސާއެއްގައި ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
Not coool... @MDPSecretariat mi goaheh. MDP database ga party noon meehunge info.#DNR @ElectionsMv pls check.
— Racketey (@racketey) January 12, 2020
ޚަލީލް ކުރެއްވި ޓުވީޓް.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަން (މިހާރު ވެރިކަން ކުރާ ޕާޓީތަކާ އެކު) މަސައްކަތް ކުރެއްވި ނަމަވެސް ޕީޕީއެމްގެ ޖަލްސާތަކުގައި މިހާރު ބައިވެރިވެވަޑައިގަންނަވާ ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މައުލޫމާތު ވަގަށް ނަގައި އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައި އޮތުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އެއީ އެމްޑީޕީގެ ޕްރައިމަރީގައި ވައްކަން ކުރުމަށާއި ވޯޓު އޮޅުވާލަން ހިންގާ ޖަރީމާއެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
Alhuganduge personal information vagah nagaigen MDP ge ethereyge Dhaftharugai himanafa oiy othumaky seedhaa jinaa'ee kusheh. Mee kandaelhigen mdp primary in vakkan kurumashaa vote olhuvaalumah hingaa bodu jareemaa eh @MDPSecretariat @ShareefRangondi pic.twitter.com/ui3vT9AMRo
— Abdul Latheef (@funamalatheef) January 11, 2020
ލަތީފްގެ ޓުވީޓް
މަޖިލީސް އިންތިޚާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ: ޕްރައިމަރީތަކާ ގުޅުވައި ޕާޓީ އަށް މީހުން ވައްދަން ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ.
ލަތީފްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް އާއްމު މެމްބަރުންގެ ނަން ވެސް އެމްޑީޕީގެ ދަފްތަރުގައި އޮތް ކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުންނެވެ. މި މައްސަލައިގައި ނުރުހުންވި މީހުން މި އަމަލު ގުޅުވަނީ މި މަހުގެ 31 ގައި ބާއްވަން ނިންމާފައިވާ އެ ޕާޓީގެ ޕްރައިމަރީއާ އެވެ.
ޕްރައިމަރީތަކުގައި ވާދަކުރާ ކެންޑިޑޭޓުން، އިންތިޚާބު ކާމިޔާބު ކުރަން ޕާޓީ އަށް މީހުން ވެއްދުމުގެ ފުރުސަތު ލިބެ އެވެ. އެމްޑީޕީގެ އިތުރުން ރާއްޖޭގައި އުފައްދާފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް މި ފުރުސަތު ފަހިކޮށްދީފައި އޮވެ އެވެ.
އެމްޑީޕީގައި ވެސް އޮންނަނީ ވަކި ތާރީޚެއްގެ ކުރިން ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އެ ޕްރައިމަރީއެއްގައި ވޯޓުލުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީކުރަން 30،000 އަށް ވުރެން ގިނަ ފޯމު ހުށަހެޅި އެވެ.
ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު އެމްޑީޕީން ދިނީ މި މަހުގެ 1 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ވިދާޅުވީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ޕާޓީގެ ދަފްތަރަށް އަރާނީ އެ މީހާގެ ވަނަވަރާ އެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހެޅުމުން ކަމަށެވެ. ގިނަ ފަހަރަށް، ޕާޓީ އަށް ލިބެނީ އެއްފަހަރާ ވަރަށް ގިނަ އަދަދެއްގެ ފޯމު ކަން ފާހަގަކުރައްވައި ވިދާޅުވީ ފޯމު ހުށަހަޅާ އެންމެންނަށް ވަކިވަކިން ގުޅުމަކީ ޕާޓީއަށް ކުރެވޭ ކަމަކަށް ނުވި ނަމަވެސް އަބަދުވެސް ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭ ކަމަށެވެ.
ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއާ ގުޅިގެން ވެސް އެމްޑީޕީން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ކަން އޭނާ ފާހަގަކުރެއްވި އެވެ.
MDP Registry Lookup
އެމްޑީޕީގެ މެމްބަރެއްތޯ ބެލުމަށް ޕާޓީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ލިންކް.
މި މުއްދަތުގެ ތެރޭގައި ހުށަހެޅި ޝަކުވާތައް މިހާރު އިސްލާހުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުﷲ ރިޔާޒްގެ ނަން ވެސް ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.
"އެއްފަހަރާ ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ އިރު ވެސް އައިޑީ ކާޑުގެ ކޮޕީއަކާ އެކު ނޫނީ ފޯމު ބަލައެއް ނުގަނަންނާނެ. އެގޮތަށް ހުށަހަޅާ ފޯމުތައް މެމްބަޝިޕް ކޮމިޓީން ބަލައިގަތުމަށް ފަހު، ޕާޓީގެ ރަޖިސްޓްރީ ވެބްސއިޓަށް ލާނެ،" އަފްޝަން ވިދާޅުވި އެވެ.
އެމްޑީޕީގެ ދަފްތަރު ޕާޓީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އިރު ވެބްސައިޓުގެ އިތުރުން ދިރާގާއި އުރީދު އަށް އެސްއެމްއެސްކޮށްގެން ވެސް ޕާޓީގެ މެމްބަރެއްތޯ ބެލެ އެވެ.
އަފްޝަން ވިދާޅުވި ގޮތުގައި ކޮންމެ ޕްރައިމަރީއެއްގެ ކުރިން ވެސް ދަފްތަރު އާއްމުކުރަނީ އޮޅުމެއްގެ ތެރެއިން ވެސް ޕާޓީ އަށް ފޯމު ހުށަނާޅާ މެމްބަރެއްގެ ނަން އޮތްތޯ ބެލުމުގެ ފުރުސަތު ދިނުމަށެވެ. އެގޮތަށް އޮތް ނަމަ ޕާޓީން އަބަދުވެސް އެ ކަމެއް އިސްލާހު ކުރާ ކަމުގެ ޔަގީންކަން އަފްޝަން ދެއްވި އެވެ.
ސިޔާސީ ޕާޓީތަކުން ޕްރައިމަރީތަކުގައި ގެންގުޅެނީ އެ ޕާޓީތަކުގެ އަމިއްލަ ދަފްތަރެކެވެ. އެ ދަފްތަރުގައި ހިމެނޭ އެންމެން އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ އެމްޑީޕީގެ ދަފްތަރަށް އަރާނީ ފޯމުތައް ހުށަހެޅުމުން، އެ ކޮމިޝަނުން ވެރިފައި ކުރުމަށް ފަހު އެވެ. ޕާޓީތަކުގެ ޕްރައިމަރީގައި ދިމާވާ މެމްބަޝިޕްގެ މައްސަލަތައް ހައްލުވާނީ، އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ މެމްބަރުންގެ ދަފްތަރަށް ބަލައިގެން ވޯޓު ދިނުމުން ކަމަށް މި މައްސަލައިގައި ކުރިން ވާހަކަ ދެއްކެވި، ސިޔާސީ ޕާޓީތަކުގެ ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރަނާ
13 January 2020
ޑީއެންއާރުގެ ރަޖިސްޓްރީގަ ވޯޓުލާންވީ ވޯޓު ފޮށީގެ ނަންބަރެއް ނޯންނާނެ. ތިޔައީ އިލެކްސަނުން ކޮށްފަ އޮތް ވައްކަމެއް
ތުނޑު ހަސަން
13 January 2020
ލަތީފަކީ ދެފުއްކެހެރިއެއް . ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީގައި ހުރެ އަދީބުގެ ތާޑްވޭ ޕާޓީ އިފްތިތާހު ކުރުމުގެ ޖަލްސާގައި ބައިވެރިވުމުން ޖޭޕީ ރުޅިއައިސްގެން ޕްރައިމަރީގައި ޓިކެޓް ނުދިން މީހެއް . މިހާރު އަނެއްކާ ޔާމީނާއި ޕީޕީއެމް އަށް ސަނާކިޔަނީ. ޢެކަމަކު ޔާމީން ލަތީފު ނުހައްގުން ޖަލައްލިކަމަށް ބުނަނީ .
ލޮލްބޮލް
13 January 2020
މިމީހުންނަށް ހީވަނީ މިކަހަލަ ކަންކަން ކޮށްގެން އެމްޑީޕީ އުވާލެވިދާނެކަމަށް.
އިބިރިހިންބެއްޔާ
13 January 2020
ކާކު އުވާލާވާހަކަ ދެއްކީ؟
ގައުމީ ލޯބީގާ
13 January 2020
ކޮންހާދޮގެއް .މީގެ ކުރީގަވެސް ތިޕާޓީން އިގިލީގެ ނިޝާން ޖަހުވާފަ އެބަހުރި ދެފޯމްގަ . އެއްފޯމަކީ ޕާޓީމެންބަރެއްގެ ގޮތުގަ ރަޖިސްޓަރ ކުރާފޯމް .އަނެއްފޯމަކީ އިންތިހާބު ކައިރިވުމުން ގޭގެއަށްއައިސް ވޯޓްލާމަރުކަޒު ގަ ރަޖިސްޓަރ ކޮއްދޭފޯމް. އެއްފަހަރު އެހެން ހެދި ގޭގެއަށް ޕާޓީފޯމް ތަށް ހިފައިގެން އަންނާނީ އާއިލީގޮތުން ގާތް މީހުން .ގުޅައިފަ ދެން ބުނާނީ ނުބައިކޮއްނޭ ފޯމް ފުރައިލެވުނީ . އެހެންހަދާ އޮޅުވައިލައިގެން މީހުން ޕާޓީ މެންބަރެއްގެ ގޮތުގަ ރަޖިސްޓަރ ކު
ރަށުމީހާ
13 January 2020
ތިކަހަލަ ދެއުޅި އެއްނުވާ ބަޔަކު އެމްޑީޕީ އަށް ވަށްދަން އުޅެފާނެ ކަމަށް ގަބޫލެއް ނުކުރެވޭ.
މަކީޓާ
12 January 2020
ވަގަށް ވަދެތިބި ބައެއްދޯ.
އެޑްމުންޑޯ
12 January 2020
ތިގޮތަށް ކިތަންމީހުންގެ ނަން ތިދަފުތަރުގައި ވަގަށް ހިމަނާފައިވާނެ ،
ގައުމީ ލޯބީގާ
13 January 2020
އެހެންމީހުނަށް ނޭގޭގޮތަށް ރަޖިސްޓަރ ކުރުވާ ޗެކްކޮއްލުން ރަގަޅު . އާއިލީ މީހުނަށް އިތުބާރުކުރުމުންވެސް މިލަނޑު ދޭ.ވޯޓްލާމަރުކަޒުގަ އަމިއްލައަށް ރަޖިސްޓަރ ވުން މުހިއްމީ ވޯޓްލާން ބޭނުންނަމަ . ނޫނީ ދެފޯމެއް ފުރާއެއްފޯަމަކީ ޕާޓީފޯމް .
ހަލީފް
12 January 2020
އެމްޑީޕީން ކޮންތާކުން ނެރުން ލިސްޓެއްބާ...މަރުވިތާ 1އަހަރުވެފައިވާ މީހުންވެސް އެބަތިބި ލިސްޓްގައި..އެއްރަށަކުން މަރުވެފައިވާ 3މީހުންގެ ނަން އެބައޮތް..
ާއުނިމާ
12 January 2020
ރިޔާޒަކީ މިހާރު ދެން އެމްޑީޕީމީހެއް ސޮއި ނުކުރާކަން! ބަޢާވަތް ނުބަލާމަތިން!
މޮހޮނު123
12 January 2020
މަގޭނަން ވެސް އެބަ އޮތް، މަށެއް އެއްވެސް ޕާޓީއަކަށް ދުވަހަކުވެސް ސޮއިނުކުރަން
ނާއިލާ
13 January 2020
ދުވަހަކު ވެސް ޕާޓީއަކަށް ސޮއިއެއް ނުކުރަން ޗެކްވީހާވެސް އަވަހަކަށް ކުރުން ބުއްދިވެރި