ވެކްސިނާއި ތައުލީމުން މަހްރޫމްކުރާ ކުދިންގެ މައުލޫމާތު އެއްކުރަނީ

ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވައި ކިޔެވުމުން މަހްރޫމްކޮށް ބެލެނިވެރިން އިހުމާލުވަމުންދާ ކުދިންގެ މައުލޫމާތު އެއްކޮށް، އެ ކުދިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުގެ މުއައްސަސާތަކުން އަޅަން ނިންމާފައިވާ ކަމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދޭން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން "މިހާރު" އިން ކުރި ސުވާލުތަކަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ސްކޫލަށް ފޮނުވާ އުމުރުފުރައިގެ އެއްވެސް ކުއްޖަކު ތައުލީމުން މަހްރޫމްކޮށްފައިވޭތޯ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ސްކޫލަށް ނުފޮނުވުން ފަދަ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކަށް ކުރިން މާ ބޮޑު ސަމާލުކަމެއް ދީގެން ހައްލު ހޯދައިފައި ނުވިޔަސް މި ސަރުކާރުގެ ސިޔާސަތު ސީރިއަސް ކަމަށް ވިދާޅުވި އެވެ.

"ސްކޫލް އުމުރުފުރައިގެ އެންމެ ކުއްޖަކު ވެސް ސްކޫލަށް ނުފޮނުވުމަކީ އޮޕްޝަނެއް ނޫން. ރާއްޖޭގައި، ގާނޫނީ ގޮތުން ބެލެނިވެރިންގެ މައްޗަށް އަދި ސަރުކާރުގެ މައްޗަށް ލާޒިމްވޭ ހުރިހާ ކުދިންނަށް ތައުލީމްގެ ފުރުސަތު ފަހިކޮށްދިނުން،" ޝިދާތާ ވިދާޅުވި އެވެ.

އެކަމަކު މި އުސޫލާ ޚިލާފުވެ، ސްކޫލަށް ނުފޮނުވައި ކުދިންނަށް އެހެނިހެން ގޮތްގޮތުން ތައުލީމް ފޯރުކޮށްދެމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެކި އުމުރުފުރާތަކުގައި އުނގަންނައިދޭން ޖެހޭ މިންވަރު ކަނޑައަޅައި ގައުމީ މަންހަޖެއް އޮންނަ އިރު، އެ އޮނިގަނޑުން ބޭރުވުމަކީ ކުދިންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަންކަން ގުޅުން ހުރި މުއައްސަސާތަކާ އެކު އަޅުގަނޑުމެން ބަލާނަން. އަޅުގަނޑު ވަރަށް ކަންބޮޑުވޭ ތައުލީމް ހާސިލްކުރާ އުމުރުފުރައިގެ އެއްވެސް ދަރިވަރަކު އެއްވެސް ސަބަބަކާ ހުރެ ސްކޫލަށް ނުގޮސް ހުރެއްޖިއްޔާ،" ޝިދާތާ ވިދާޅުވި އެވެ.

އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރުތަކަށް ތަބާވާ ބައެއް ބެލެނިވެރިންގެ ކުދިން ސްކޫލަކަށް ނުފޮނުވަ އެވެ. ތައުލީމުން މަހްރޫމްކޮށްފައިވާ ކުދިންގެ އަދަދު 250 އަށް ވުރެން މަތި ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ވަނީ ލަފާކޮށްފަ އެވެ.

ޝިދާތާ "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިނިސްޓަރު ވިދާޅުވީ ހައްގުތަކުން ކުދިން މަހްރޫމްކުރުމުގެ 76 މައްސަލައެއް ޖެންޑާއަށް ހުށަހަޅާފައިވާ އިރު ސްކޫލަށް ކުދިން ނުފޮނުވުމާ ގުޅޭ 27 މައްސަލައެއް ލިބިފައިވާ ކަމަށެވެ. އެއީ މިނިސްޓްރީ އަށް ހުށަހަޅާފައިވާ އަދަދު ނަމަވެސް އެއަށް ވުރެ މައްސަލަތައް ގިނަވާނެ ކަަމަށް ޝިދާތާ ވެސް ވިދާޅުވި އެވެ.

"އެގޮތަށް ތިބި ކުދިން މައުލޫމާތު ހޯދައި އަމަލުކުރާނެ ގޮތްތަކެއް ހޯދަން އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަ ބިއްސަށް ވެކްސިން ނުދީ ހުރި ކުއްޖެއްގެ ގައިން އެ ބަލި ފެނި އައިޖީއެމްއެޗުގައި މިދިޔަ ހަފުތާގައި ވަނީ ފަރުވާދީފަ އެވެ. މިއާ އެކު، ކުދިންނަށް ވެކްސިން ނުދިނުމުގެ ކަންބޮޑުވުން ޑޮކްޓަރުން ވެސް ގެންދަނީ ފާޅުކުރަމުންނެވެ.

ޝިދާތާ ވިދާޅުވީ ވެކްސިން ނުދިނުމުގެ މައްސަލަތައް މިނިސްޓްރީ އަށް ހުށަހަޅާފައިވާ އިރު، ވެކްސިން ނުދެނީ ވަކި ފިކުރެއްގެ ބެލެނިވެރިން ކަމަށް ވިދާޅުވެވެން ނެތް ކަމަށެވެ. ދީނުގެ ނަމުގައި ހަރުކަށި އުސޫލްތަކަށް ތާއީދު ނުކުރާ ބައެއް ބެލެނިވެރިން ވެސް ވެކްސިން ޖެހުމާ ހިޔާލުތަފާތުވުން ހުރި ކަމަށް ވިދާޅުވި އެވެ.

"ވެކްސިން ނުދީ ތިބި ކުދިންނާ މެދު އަމަލުކުރާނެ ގޮތެއް ވެސް މުއައްސަސާތަކުން އަންނަނީ ބަލަމުން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ރައްކާތެރިކަމަށް ދޭން ޖެހޭ ވެކްސިން ނުދެވި އޮވިގެންވާނެ ކަމަކަށް،" ޝިދާތާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމެވެ. މި އަޒުމުގައި، ހުރިހާ މުއައްސަސާތަކުގެ ގުޅުން ކުރިއަށް ވުރެން ބަދަހިވެފައިވާ ކަމަށް ވިދާޅުވެ، މިސާލެއްގެ ގޮތުން ދެއްކެވީ ރ. މަޑުއްވަރީގައި މި މި ފަހުން މުއައްސަސާތަކުން ހިންގި އޮޕަރޭޝަނެވެ.

ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރުގެ އަމަލުތައް ހިންގައި، ކުޑަކުދިންނާއި އަންހެނުން ހައްގުތަކުން މަހްރޫމްކުރި މައްސަލައިގެ ތެރެއަށް ކަމާ ބެހޭ އިދާރާތަކުން ވަދެ، ހައްލުތަކެއް ހޯދައިދީފައިވެ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 20 ކުދިންގެ ހާލަތު ބަލައި ވެކްސިން ނުދީ ތިބި ކުދިންނަށް ވެކްސިން ދިނުމާއި އެކަމަށް އިންކާރު ކުރި ބެލެނިވެރިއެއްގެ އަތުން ކުއްޖަކު އާއިލާގެ އެހެން މީހެއްގެ ބެލުމުގެ ދަށަށް ބަދަލުކުރުން ހިމެނެ އެވެ.

މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުން، ޖެންޑާ މިނިސްޓްރީން ވެސް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަންކަމާއި ނިޒާމުގައި ހުރި ހައްލު ހޯދަން ޖެހޭ މައްސަލަތައް ދެނެގަނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވެކްސިން ނުދޭން ދެކޮޅު ހެދި ބެލެނިވެރިންގެ އަތުން ކުއްޖަކު ނަގައި ރައްކާތެރި މާހައުލަކަށް ބަދަލު ކުރަން ޖެހުނު ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ މިނިސްޓްރީން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްކާތެރި މާހައުލަކަށް ކުދިން ބަދަލުކުރަނީ އެ ނޫން އެއްވެސް ގޮތެއް ނެތުމުންނެވެ.