ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދިނުމުގެ އިހުތިޔާރު ސްކޫލުތަކަށް

ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި އަދަބިއްޔާތު ކިޔަވައިދިނުމުގެ އިހުތިޔާރު އޮންނާނީ ސްކޫލުތަކަށް ކަމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) އިން މިއަދު ބުނެފި އެވެ.


އެންއީއައި ހިންގުމާ ހަވާލުވެހުންނެވި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، އަދަބިއްޔާތު ކިޔަވައިދިނުމުގައި ގޮތް ނިންމުމުގެ ބާރު އޮންނާނީ ސްކޫލުތަކަށް ކަމަށެވެ. އެކަމަށް އެންއީއައިން ވަކި ގޮތެއް ނުނިންމާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

މިފަހަރު އެއްވެސް ސްކޫލެއްގައި އަދަބިއްޔާތު ކިޔަވައިދޭން ފެށިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެ އެވެ.

"މިވެނި ސްކޫލަކުން އަންގަންވީ، މި އަހަރު އަދަބިއްޔާތު ކިޔަވައިދޭން ބޭނުންވެއޭ. އޭރުން އެ ފުރުސަތު އޮންނާނެ،" ރަޝީދު ވިދާޅުވި އެވެ.

އެ އިންސްޓިޓިއުޓުން ކުރިން ބުނީ އަދަބިއްޔާތު ތައާރަފްކުރާނީ ކީ ސްޓޭޖް ހަތަރެއް އަދި ކީސްޓޭޖް ފަހަކަށް ކަމަށެވެ. އެއީ އިހުތިޔާރީ މާއްދާއެއްގެ ގޮތުގަ އެވެ. އެހެންވެ މަޖުބޫރު ހަތަރު މާއްދާގެ އިތުރުން އަދަބިއްޔާތުގެ ކިޔެވުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ކުރިން ބުންޏެވެ. ދިވެހި އަދަބިއްޔާތު މާއްދާއަކީ އެއްވެސް އިރެއްގައި ސްކޫލުތަކުގައި މަޖުބޫރު މާއްދާއެއް ނޫނެވެ.

ކީ ސްޓޭޖް ހަތަރެއްގައި ހިމެނެނީ ގްރޭޑު 9-10 އެވެ. އެ ސްޓޭޖުގައި ތައާރަފުކުރާނީ ދިވެހި އަދަބިއްޔާތު-1 އެވެ. ގްރޭޑު 11 އަދި 12 ގައި ހިމެނޭ ކީ ސްޓޭޖު ފަހެއްގައި ކިޔަވައިދޭނީ އަދަބިއްޔާތު-2 އެވެ.

ދަރިވަރުން، ދިވެހި މާއްދާ ކިޔަވަން ފޫހިވާ ކަމުގެ ޝަކުވާ އަބަދު ވެސް ކުރެ އެވެ. ވަކި މާއްދާއެއްގެ ގޮތުގައި އަދަބިއްޔާތު ކިޔަވައިދޭން ފެށުމަކީ ޝައުގުކުރުވަނިވި ބަދަލަކަށް ވާނެ ކަމެއް ކަމަށް އެންއީއައިން ބުންޏެވެ.

ރާއްޖޭގެ ތައުލީމީ މުގައްރަރުގައި މިހާރު ކިޔަވައިދޭ ދިވެހި މާއްދާގައި ވެސް އަދަބިއްޔާތު ކޮންމެ ވެސް ވަރަކަށް ހިމެނެ އެވެ. އެގޮތުން އަދަބިއްޔާތުތަކުގެ ބައިތަކާއި ބައެއް އުފެއްދުންތަކާއި އަދީބުންގެ ފިލާވަޅުތައް އެ މާއްދާގައި ހިމެނެ އެވެ. އެކަމަކު ދިވެހި އަދަބިއްޔާތު އެއަށްވުރެ ފުޅާ ދާއިރާއެއްގައި ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ވަރަށް ގިނަ ބަޔަކު އައީ އެދެމުންނެވެ.

ދިވެހި އަދަބިއްޔާތު ބެހިގެން ވަނީ ލިޔުންތެރިކަމާއި ވަޒަން ބަހުރުވައިގެ މައްޗަށެވެ. އޭގެ ތެރޭގައި ކުރު ވާހަކަ، ދިގު ވާހަކަ، ޅެން، ރައިވަރު، ބަނދި، ފަރިހި، ލަވަ ފާހަގަކޮށްލެވެ އެވެ.