ށ. ފުނަދޫ ކައިރީގައި މަސް ބާނަން އެކަނި ނުކުމެ އުޅެނިކޮށް ހިބަރެއް ޖެހުނު ނަނުގައި އޮޅިގެން މޫދަށް ވެއްޓުނު މީހަކު މިއަދު މަރުވެއްޖެ އެވެ.
އެރަށު އާދަމް އިބްރާހިމް (އާދަމްބެ) މަރުވީ، ބެލެވޭ ގޮތުގައި، ހިބަރު ޖެހިފައި ހުއްޓާ އޭނާގެ ޝަހާދަަތް އިނގިލީގައި ނަނު އޮޅި، މޫދަށް ވެއްޓުމުން ވެސް ސަލާމަތްނުވެވި، ގެބިގެންނެވެ. އޭނާ ސަލާމަތްކުރަން އެހެން ބަޔަކު ގޮސް ނެގި އިރު ވެސް ހިބަރު ހުރީ ޖެހިފައި ކަމަށާއި އާދަމްބެ ނެގީ ނަނު ކަނޑާލައިގެން ކަމަށް، "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
އެ ރަށުގައި ހުންނަ އަތޮޅު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އާދަމްބެ މޫދަށް ވެއްޓުނުކަން އެނގުމުން އެހިސާބަށް ދިޔައީ އޭނާގެ ދޯންޏާ ހާހެއްހާ ފޫޓު ދުރުގައި މަސްވެރިކަމުގައި އުޅުނު ދެ މީހެކެވެ.
އެ މީހުންނާ ހަވާލާދީ މެމްބަރު ވިދާޅުވި ގޮތުގައި، ހިބަރެއް ޖެހިގެން އެ ދަމަން، ދޯނީގެ ކުރީކޮޅުގައި ހުރެ އާދަމްބެ މަސައްކަތް ކުރިތަން އެ މީހުންނަށް ފެނުނެވެ. އެކަމަކު ކުޑައިރުކޮޅެއް ފަހުން ދޯނީގައި އޭނާ ނެތުމުން އެ ހިސާބަށް އެމީހުން ދިޔައީ އެވެ.
"ދިޔައިރު މި އޮތީ މޫދަށް ވެއްޓިފައި،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު ވެސް އާދަމްބެގެ އެއްވެސް ހަރަކާތެއް ނެތެވެ. އެކަމަކު ހިބަރު ހުރީ އޭރު ވެސް ނަނުގައި ގަނެފަ އެވެ. އެހެންކަމުން އޭނާ ނެގީ، ނަނު ބުރިކޮށްލައިގެންނެވެ.
"ޝަހާދަތް އިނގިލީގައި ނަނު ބޮޑަށް ބެދިފައި ހުރީ. ކަރުގައި ވެސް ކަންވާރު މަޅިއެއް އެރިފައި ހުރި،" މެމްބަރު ވިދާޅުވި އެވެ.
އެކަމަކު ކަރުގައި ހުރި ނަނު އެހާ ބާރަށް އޮޅިފައި ނެތުމުން ބޮޑަށް ބެލެވެނީ، ހިބަރު އަޑިއަށް ދެމިގަނެގެން ދިޔައިރު އާދަމްބެއަށް ސަލާމަތްނުވެވި، ނޭވާ ހުސްވީ ކަމަށެވެ.
އާދަމްބެއަކީ ފަތިސް ނަމާދަށް ފަހު އަބަދުވެސް މަހަށް ދާ މީހެކެވެ. އޭނާ މިއަދު ވެސް ނުކުތީ ފަތިސް ނަމާދަށް ފަހު އެވެ. ރާއްޖޭގައި މި ފަހުގެ ތާރީހުގައި ވެސް ހިނގާފައި ނެތް ފަދަ މި ހާދިސާ ހިނގީ 11 ޖަހާކަންހާއިރެވެ.
"ވަރަށް އަހުލާގު ރަނގަޅު، ހިތްހެޔޮ މީހެއް އެއީ،" އާދަމްބެއާ ބެހޭ ގޮތުން މެމްބަރު ވިދާޅުވި އެވެ.
ފުނަދޫ ކައުންސިލްގެ މެމްބަރު އަލީ ހާލިދު ވިދާޅުވީ 15-20 ފޫޓުގެ ދޯނީގައި އެކަނި މަހަށް ނުކުތުމަކީ އެ ރަށުގެ ގިނަ ބަޔަކު ކުރާ ކަމެއް ކަމަށެވެ. އެކަމަކު އެއީ ނުރައްކާތެރި ކަމަކަށް ވާތީ އެފަދަ ކަންކަން ނުކުރަން ނަސޭހަތް ވެސް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.