ޓީއެމްއޭއަށް ޓާމިނަލް ދޭން ދެކޮޅުހެދި އިސް ދެ މުވައްޒަފަކު ވަކިކޮށްފި

ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭން ދެކޮޅު ހެއްދެވި، އެމްއޭސީއެލްގެ ވަރަށް އިސް ދެ މުވައްޒަފަކު މިދިއަ އަހަރު ފަހުކޮޅު ވަޒީފާއިން ވަކިކޮށްފައިވާކަން "މިހާރު"އަށް އެނގިއްޖެ އެވެ.


އެމްއޭސީއެލްގެ ބައެއް ޑިޕާޓްމަންޓްތަކުގެ ބައެއް ވެރިން، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުނީ ކުންފުނީގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ، ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރު ހާމިދު ރިޒާ އާއި ޖެނެރަލް މެނޭޖަ، ކޮމާޝަލް، މުޖުތަބާ ލަތީފް ވަކިކުރީ، އެމްއޭސީއެލް އަށް އާ ސީޕްލޭން ޓާމިނަލް ހިންގޭނެ ކަމަށް ވިދާޅުވާތީ އާއި ކުންފުންޏަށް ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށް ޓީއެމްއޭއަށް އެ ތަން ދޭން ދެކޮޅުހެއްދެވުމުން ކަމަށެވެ.

"މުޖުތަބާ ވެސް، ހާމިދު ވެސް ސީދަލަށް، ދިމާލަށް ބުނާނެ އެ މީހުން ދެކޭ ގޮތް. އެ މީހުން ވަރަށް ދެކޮޅު ޓީއެމްއޭއިން ކަންތައްކުރާ ގޮތުން. އެއީ އެމްއޭސީއެލްގެ ވިޔަފާރިއެއް އެހެން ބަޔަކަށް ދޫކޮށްލުން ކަމަށް، އެ މީހުންގެ ވާހަކަތައް ހުންނަނީ،" އެކަކު ކިޔައިދިނެވެ.

ފައިނޭންސްގެ ދާއިރާ އިން މާސްޓާޒް ނަންގަވާފައިވާ، އަދި ޗާޓަޑް އެކައުންޓެއް ކަމަށް ވާ ހާމިދު ވަކިކުރުމާ ހަމައަށް އޭނާ ގެންދެވީ ސީއެފްއޯގެ ޒިންމާތައް ވެސް ނަންގަވަމުންނެވެ. މިހާރު އެ ޒިންމާތަކާ ހަވާލުވެވަޑައިގެންފައި ވަނީ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ ތަނެއްގެ ހުރިހާ ފައިދާއެއް ބޭރު ކުންފުންޏަކަށް ދޫކޮށްލަން ހާމިދު ސީދާ ދެކޮޅުކަމަށް، "މިހާރު"އާ ވާހަކަ ދެއްކި، އެމްއޭސީއެލްގެ ބައެއް ވެރިން ބުންޏެވެ.

މުޖުތަބާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރު އެމްއޭސީއެލް ބެލެހެއްޓުމުގެ ޒިންމާއާ ސަރުކާރު ތެރެއިން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ޖެހުނު މައްސަލައެއްގައި، ވަޒީފާ ގެއްލުނު ބޭފުޅެކެވެ. އެކަމަކު އާ ސަރުކާރާ އެކު އޭނާއަށް އަލުން ވަޒީފާ ދިނެވެ.

އެމްއޭސީއެލްގެ ބައެއް ވެރިން ބުނި ގޮތުގައި އަލުން ކޮމާޝަލް ހެޑްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި މުޖުތަބާ ވަރަށް ބޮޑެތި ޕްލޭންތަކެއް ހެއްދެވި އެވެ. އޭގެ ތެރެއިިން އެއް ޕްލޭނަކީ އާ ސީޕްލޭން ޓާމިނަލް ހިންގުމުގެ އޮނިގަނޑެވެ.

"ބޯޑުގެ ބައެއް މެމްބަރުން ބޭނުންވީ އެމްއޭސީއެލްއަށް އެ ޓާމިނަލް ނުހިންގޭނެއޭ ބުނުވަން. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ އެގޮތަށް ހާމިދު ވެސް، މުޖުތަބާ ވެސް އެއްބަސްނުވިއްޔޭ،" ވާހަކަ ދެއްކި ވެރިންގެ ތެރެއިން އެކަކު ކިޔައިދިނެވެ.

އެކަމަކު "މިހާރު"ން ގުޅުމުން ހާމިދާއި މުޖުތަބާ ވެސް، މި މައްސަލާގައި، ވާހަކަ ދައްކަވާކަށް ބޭނުމެއް ނުވި އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ ސީޕްލޭން ޓާމިނަލާ ގުޅުވައިގެން ނުވަތަ ވަކި ކަމަކާ ދެކޮޅުހަދައިގެން އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށެވެ.

ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭން އުޅޭ ގޮތާ މެދު، އެމްއޭސީއެލް ތެރޭގައި ހިތްހަމަނުޖެހުން ބޮޑުކަން، "މިހާރު"ގެ ނޫސްވެރިންނާ ބައްދަލުކުރި، އެކި ޑިޕާޓްމަންޓްތަކުގެ ބައެއް ވެރިންގެ ވާހަކަތަކުން އެނގެ އެވެ. އެ މީހުން ބުނާ ގޮތުގައި ކުންފުނީގެ "ބޯޑުން ކުޅޭ ގޭމް ވަރަށް ހަޑި" އެވެ.

ޓީއެމްއޭއަށް އާ ޓާމިނަލް ދިނުމުން އެމްއޭސީއެލްއަށް ގެއްލޭނެ އާމްދަނީ

"ބޯޑުން ބުނަން ބޭނުންވަނީ އެމްއޭސީއެލްއަށް އެތަން ނުހިންގޭނެއޭ، ބައެއް ވެރިން ލައްވާ ބުނުވުން. އޭރުން ބޯޑުގައި އެ މަޝްވަރާކޮށްފައި، ޓީއެމްއޭއަށް ދޭން ފަސޭހަވާނެ،" އެކަކު، އޭނާ ދެކޭ ގޮތް، ބުންޏެވެ.

"މިއީ އެމްއޭސީއެލްއަށް ނުހިންގޭނެ ވަރުގެ ތަނެއް ނޫން. ގާބިލް މީހުން ހޯދައިގެން ހިންގޭނެ ވަރަށް އެތަނުން ލާރި ލިބޭނެ."

ސީޕްލޭން ދުއްވާ ރާއްޖޭގެ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރި ފުޅާކުރަން ވެސް ފުރުސަތު ކުޑަވާ ގޮތަށް ޓީއެމްއޭއަށް ޓާމިނަލް ދޭން އުޅޭ ވާހަކަ މީޑިއާ އާއި ސިޔާސީ ބައެއް ބޭފުޅުން ދަައްކަން ފެށުމުން، އެމްއޭސީއެލްގެ ރާގު ވަނީ ކޮންމެވެސް ވަރަކަށް ބަދަލުވެފަ އެވެ. އެ ކުންފުނިން މިހާރު ބުނާ ގޮތުގައި ޓީއެމްއޭ އާއި އެހެން އެއާލައިންތަކުން އަމިއްލައަށް އޮޕަރޭޓްކުރާ ގޮތަށް ޓާމިނަލް ދޭނީ ތިން އަހަރަށެވެ. އެ މުއްދަތުގެ ތެރޭގައި ފަހަރަކު ކަމަކާ ހަވާލުވަމުން ގޮސް، މުޅި ތަން އެމްއޭސީއެލްގެ ދަށަށް ގެންދާނެ ކަމަށް، ބުނެފައިވެ އެވެ.

އެކަމަކު އެއީ އެމްއޭސީއެލުން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް، ބައެއް ވެރިން ފާހަގަކުރި އެވެ. އެމީހުން ބުނި ގޮތުގައި ޓީއެމްއޭއަށް ޓާމިނަލް ދިނުން ކަމަށް ސިފަކުރަނީ، މާކެޓްގެ އަގަށް ވުރެ މާ ކުޑަ އަގެއްގައި، ލައުންޖްތަކަށާއި އެހެން ކަންކަމަށް ޖާގަ ދޫކުރުމެވެ. ޓާމިނަލްގެ ހުރިހާ ތަނެއް ކުއްޔަށް ދޭން ޖެހޭނީ ސީދާ އެމްއޭސީއެލުން ކަމަށާއި އޭރުން، އޮޑިޓަ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތަށް، ކުންފުންޏަށް މަދުވެގެން 47 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް، އެ މީހުން ވެސް ބުނެ އެވެ.

އެކަމަކު "މިހާރު"އާ ވާހަކަ ދެއްކި ބައެއް ވެރިން ބުނާ ގޮތުގައި މުޖުތަބާ އާއި ހާމިދު ވަކިކުރުމުން، އެގޮތަށް، ކުންފުނީގެ ހައްގުގައި ވާހަކަ ދައްކާނެ އިސް ބަޔަކު އެމްއޭސީއެލްގައި މިވަގުތަކު ނެތެވެ.

"މި ދައްކަނީ އެންމެ މިލިއަނެއްގެ ވާހަކައެއް ނޫން. މި ދައްކަނީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއްގެ ވާހަކަ،" އެކަކު ބުންޏެވެ.