މާސްކް އެޅުމުން ވައިރަހުން ސަލާމަތްވާނެތަ؟

ޗައިނާގެ ވޫހާން އިން ކޮރޯނާ ވައިރަހުގެ އާ ވައްތަރެއް ފެނި ދުނިޔޭގެ އެތަން މިތަނަށް މި ވައިރަސް ގޮސް، މި ވައިރަހުގައި އެތައް ބަޔަކު މަރުވެ ބިރުވެރިކަން ބޮޑުވުމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަނީ މާސްކެވެ. އެއާޕޯޓްތަކުގައި މަސައްކަތްކުރާ މީހުންނާއި ފަސިންޖަރުންގެ އިތުރުން މަގުމަތީގައި އުޅޭ މީހުންގެ ވެސް ރައްކާތެރިކަމުގެ ފުރަތަމަ ފަށަލައަކަށް މާސްކް ބޭނުންކުރަނީ ކުޑަ ނަމަވެސް ހިމާޔަތެއް ލިބޭނެ ކަމުގެ އުންމީދުގަ އެވެ.


ވައިގެ ތެރޭގައި އުޅޭ ވައިރަސްތަކުން ސަލާމަތްވާން މާސްކުން ރައްކާތެރިކަން ލިބޭ ހެއްޔެވެ؟

ތަޖުރިބާކާރުން ވިދާޅުވަނީ ރަނގަޅަށް، ރަނގަޅު ގޮތުގައި ބޭނުންކުރާ ނަމަ މާސްކަކީ ރައްކާތެރިކޮށްދޭ އެއްޗެއް ކަމަށެވެ.

އެންމެ ގިނައިން ފެންނަނީ ބޭސްފިހާރަތަކުން އާންމުން ލިބެން ހުންނަ ސާޖިކަލް މާސްކް އަޅައިގެން އުޅޭ މީހުންނެވެ. މިއީ ވެސް ކޮންމެވެސް ވަރެއްގެ ހިމާޔަތަށް ވާނެ ކަމަށާއި އެކަމަކު މިއީ ވައިގެ ޒަރިއްޔާ އިން ފެތުރޭ ވައިރަހެއް ނޭފަތާއި އަނގައިގެ ތެރެއަށް ދެމި ނުގަންނާނެ ކަމުގެ ޔަގީންކަން އެހާ ބޮޑު އެއްޗެއް ނޫނެވެ.

އެން95 މާސްކެއް އަޅައިގެން

ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަބްދުﷲ ޖުނައިދު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވައިގެ ތެރޭގައި އުޅޭ ވައިރަހުން ސަލާމަތްވުމުގެ ގޮތުން ބޭނުންކުރަން އެންމެ ރަނގަޅު އެއް މާސްކަކީ N95 މާސްކް ކަމަށެވެ. މިއީ ނޭފަތާއި އަނގަ ވަރަށް ބޮޑަށް ބަންދުވާ ގޮތަށް ވަރުގަދަކޮށް ހުންނަ މާސްކެކެވެ. ސާޖިކަލް މާސްކަށް ވުރެ މާ ވަރުގަދަވާނެ އެވެ. ހަރަކާތްތެރިވެ އުޅުމުގައި މާކްސް ނެއްޓި، ކައްސާލުން ކަހަލަ ކަމެއް ވުމުގެ ފުރުސަތު ވެސް ކުޑަވާނެ އެވެ.

"...ކޮރޯނާ ވައިރަހުގެ ސައިޒަކީ 0.12 މައިކްރޮންސް. ގިނަ މާސްކްތަކުން ހުއްޓުވައިދޭނީ 5 މައިކްރޮންސް އަށް ވުރެ ބޮޑެތި ވައިރަސް. އެކަމަކު މާސްކް އެޅުމުން ވައިރަސް ޖެހުމުންނާއި ތިމާގެ ސަބަބުން ވައިރަސް ފެތުރުން ވެސް ކޮންޓްރޯލްކޮށްދޭނެ،" ޖުނައިދު ލިޔުއްވާފައިވެ އެވެ.

އާދައިގެ ސާޖިކަލް މާސްކް އަޅާ ނަމަ މި ކަންކަމަށް ސަމާލުވާންޖެހޭ

ސާޖިކަލް މާސްކްގެ އެންމެ ބޮޑު އެއް މައްސަލަ އަކީ ނިވާވާ ގޮތަށް ރަނގަޅަށް ފިޓް ނުވުމެވެ. އެކަމަކު މީގެ މާސްކެއް އަޅައިގެން ހުންނަ އިރު އެ އަޅައިގެން ހުންނަ މީހާގެ ކިބައިން ވައިރަސް ފެތުރުން ކުޑަކޮށްދެ އެވެ.

މާސްކާ ބެހޭ ގޮތުން އެހެން ގައުމުތަކުގައި ވެސް ލަފާ ދޭ ގޮތަށް، ޑރ. ޖުނައިދު ވެސް ވިދާޅުވެފައި ވަނީ ދަތުރެއް ކުރާ ނަމަ އިރުއިރުކޮޅާ މާސްކް ނަގައިގެން ނޫޅެ މުޅި ދަތުރުގައި މާސްކް ބޭނުންކުރުމަށާއި ޓެކްސީ ފަދަ އާންމު ދަތުރުފަތުރުގައި އުޅޭއިރު އާއި އެއާޕޯޓްތަކަށް ދާއިރު އާއި މަތިންދާބޯޓުގައި އިންނަ އިރު ވެސް ރަނގަޅު މާސްކެއް ބޭނުންކުރުމަށެވެ.

މާސްކް އަޅާނެ ގޮތް

މާސްކް އެޅުމަކީ ތިމާގެ ހަށިގަނޑަށް ވައިރަސް ވަނުން ކޮންޓްރޯލްކޮށްދޭ ކަމަކަށް ވާއިރު މީގެ އިތުރުން ސެނިޓައިޒާ ފަދަ ތަކެތިން އަތް ސާފުކޮށްފައި ބެހެއްޓުމަށް ވެސް ލަފާ ދެއްވާފައިވެ އެވެ. ހާއްސަކޮށް، އާންމުކޮށް މީހުން ގޮސް އުޅޭ ތަންތަނަށް ގޮސް ނުވަތަ އެ ތަނެއްގައި ހުންނަ އެއްޗެހީގައި އަތްލާ ނަމަ ސެނިޓައިޒާ އިން އަތް ސާފުކޮށްލުމަކީ ސްމާޓް ގޮތެއް ކަމަށް ޖުނައިދު ސިފަކުރައްވާފައިވެ އެވެ.