ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް ކަފާލާތު ދޭން ދައުލަތުން ދެކޮޅު، ސުވާލުތައް ދައުލަތަށް

ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުންނާ އެކު ރައީސް ޔާމީން: އެމަނިކުފާނަށް ކަފާލާތު ދޭން ދައުލަތުން ވަނީ ދެކޮޅު ހަދާފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެ ކަމަށް ހައި ކޯޓުގައި ދައުލަތުން ބުނުމުން އެކަމާ މެދު ދެ ފަރާތުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، ފަނޑިޔާރުންގެ ގިނަ ސުވާލުތައް ދައުލަތަށް އަމާޒުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމަށްފަހު، އިސްތިިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށާއި ދަށު ކޯޓުގެ ހުކުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެމަނިކުފާނުގެ ފަރާތްޕުޅުން އޮތީ އެދިފަ އެވެ.

އިސްތިއުނާފް ޝަރީއަތް މިއަދު ހެނދުނު ފެށުމާ އެކު، ކަފާލާތު ދިނުމާއި ހުކުމް ތަންފީޒު ކުރަން ފަސް ކުރުމުގެ އަމުރާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ މީގެކުރިން ވެސް ޖިނާއީ ބައެއް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރު ނެރެދީފައިވާ ކަމަށާއި މަތީ ކޯޓުތަކަށް އިސްތިއުނާފް މަރުހަލާގައި އެ ބާރު އެބައޮތް ކަމަށެވެ.

މީގެ އިތުރުން ހައި ކޯޓުގެ ގަވާއިދުގެ ދަށުން ކަފާލާތުގެ ދަށުން މިނިވަން ކުރުމުގެ އަމުރު ނެރުމުގެ ބާރު ވެސް އެބައޮތް ކަމަށާއި އެގޮތަށް އެ ކޯޓުން އަމަލު ކޮށްފައިވާކަން ޝިޔާޒް ފާހަގަ ކުރެއްވި އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައި ކޯޓުން ކަފާލާތުގެ ދަށުން މިނިވަންކުރި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކަފާލާތުގެ ހައްގަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުންނާއި އެހެން ގައުމުތަކުގައި ވެސް ދެމުން އަންނަ ހަ ހައްގެއް ކަމަށް ވިދާޅުވެ އޭނާ އެދިވަޑައިގަތީ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކާއި ކަފާލާތުގެ ދަށުން ބަންދުން ދޫކުރުމުގެ އަމުރެއް ނެރެދެއްވުމަށެވެ. އަދި އިސްތިއުނާފް މައްސަލަ ނިމޭއިރު ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފި ނަމަ، އޭގެ ނަތީޖާއަކަށް ވާނީ ނުހައްގު ގޮތެއްގައި ބަންދުގައި ހުންނަން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލަފުޅަށް ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ މައްސަލަތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން ހިތުގެ މައްސަލައަކަށް ފަރުވާ ހޯއްދަވަން ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާ ދީފައި އެބައޮތް ކަމަށެވެ. އަދި ހުކުމުގެ ކުރިން ބޭރަށް ވަޑައިނުގަތީ އެމަނިކުފާނު ޝަރީއަތަށް ފިއްލަވަން އުޅުއްވީ ކަމަށް ބައެއް މީހުން ގަބޫލު ކޮށްފާނެތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނަކީ އިދިކޮޅު ޕާޓީއެއްގެ ރައީސް ކަމަށާއި ކޮންމެ ފަހަރަކު އިންތިޚާބަކާ ދިމާކޮށް އެމަނިކުފާނު ހުންނަވަނީ ޖަލުގައި ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ގާތްވެ، ހުރިހާ ޕާޓީތަކުން ކެމްޕެއިންގައި ތިބިއިރު އެމަނިކުފާނު ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން ގެއްލެނީ އެތައް ބައެއްގެ ހައްގު ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް ވެސް ހުރަސް އެޅިގެންދާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ، އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް ޔާމީން އެދިވަޑައިގަތެވެ.

ކުށްވެރިވުމަށް ފަހު ކަފާލާތު ދެވޭނެ ހަމައެއް ރާއްޖެއަކު ނެތް

އެކަމަށް ދެކޮޅު ހަދައި، ދައުލަތުން ބުނީ ކުށް ސާބިތުވުމުގެ ކުރިން ތަހުގީގު މަރުހަލާ އާއި ދައުވާ އުފުލުމުގެ މަރުހަލާގައި ކަފާލާތު ދިނުމުގެ ފުރުސަތު ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ ކަމަށާއި އެކަމަކު ކުށް ސާބިތުވުމަށް ފަހު ކަފާލާތު ދެވޭނެ އުސޫލެއް އެއްވެސް ގާނޫނެއްގައި ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީ އޮތްގޮތުން ވެސް ކަފާލާތުގެ ހައްގަކީ ތުހުމަތުގައި ތިބޭ މީހުންނަށް ލިބޭ ހައްގެއް އެކަނި ކަމަށް ދައުލަތުން ބުންޏެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ވެސް އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭނީ ދަށު ކޯޓުން ކުށް ސާބިތުނުވި މީހެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށް ފަހު އޭނާ ބަންދުގައި ބަހައްޓަން އެދޭ ހާލަތުގައި އެކަނި ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ކުށް ސާބިތުވުމަށް ފަހު އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދިނުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރު ނެރޭ ގައުމުތަކުގައި ވެސް އެކަން ކުރަނީ ވަކި ބާވަތުގެ ކުށްތަކެއްގައި އަދި ވަކި ޚާއްސަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. މި މައްސަލާގައި އެފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި އަދި މަނީ ލޯންޑްރިންގެ ކުށަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދަ ބޮޑު ޖިނާއީ ކުށެއް ކަމަށް ވުމުގެ އިތުރުން އެ މައްސަލާގައި ކުށް ކޮށްފައިވާ ގޮތާއި ޔާމީން ހުކުމުގައި މިހާތަނަށް ހޭދަކުރި މުއްދަތު ކުރުވުމުން ކަފާލާތު ދެވޭނެ ސަބަބެއް ނެތް ދައުލަތުން ބުންޏެވެ.

ޔާމީން މިއަދު ކަރެކްޝަންސްގެ ވެހިކަލަށް އަރާވަޑައިގަންނަވަނީ. --ފޮޓޯ:ނިޝާން އަލީ/މިހާރު

މީގެ އިތުރުން ދަށު ކޯޓުގެ ހުކުމުގައި އާދަޔާ ޚިލާފް ގޯހެއް އޮތްކަން ފާހަގަވުމަކީ ވެސް، ކުށް ސާބިތުވުމަށް ފަހު ކަފާލާތު ދޭ ގައުމުތަކުގައި އެކަމަށް ބަލަމުން އަންނަ ޝަރުތެއް ކަމަށް ބުނެ ދައުލަތުން ވަނީ ޔާމީންގެ މައްސަލާގައި އެފަދަ ކަމެއް އެމަނިކުފާނުގެ ފަރާތުން ވެސް ފާހަގަ ކޮށްފައެއް ނެތް ކަމަށް ބުނެފަ އެވެ.

ޕީޕީއެމްގެ ސިޔާސީ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށް ޔާމީން ވިިދާޅުވި ވިދާޅުވުމަށް ރައްދު ދީ، ދައުލަތުން ބުނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނު އޮންނަ ގޮތުން ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރާ އެއްވެސް މީހަކު ޕާޓީއެއްގެ ރައީސްގެ މަގާމު އަދާ ކުރަން ފުރުސަތު ނޯންނާނެ ކަމަށެވެ.

ގާނޫނު ނެތުމަކީ ހައްގެއް ނުދެވޭނެ ސަބަބެއް ނޫން

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ކުށް ސާބިތުވުމަށް ފަހު ކަފާލާތު ދިނުމަކީ އެހެން ގައުމުތަކާއި ރާއްޖެއަށް ވެސް އާ ކަމެއް ނޫން ކަމަށެވެ. ކަފާލާތުގެ ހައްގަކީ ފުޅާ ދާއިރާއެއްގައި ދެވޭ ހައްގެއް ކަމަށް ވިދާޅުވެ، ޖަމީލް ވިދާޅުވީ އެއީ ރާއްޖޭގެ ނިޒާމުގައި ވެސް ބަލައިގަންނަ ކަމެއް ކަމަށެވެ.

ގާނޫނެއް ނެތުމަކީ ހައްގެއް ނުދިނުމަށް ނުވަތަ ހަނިކުރެވޭނެ ސަބަބެއް ނޫން ކަމަށް ގާނޫނު އަސާސީގައި އޮންނަ ކަން ފާހަގަ ކުރައްވައި، ޖަމީލް ވަނީ މީގެކުރިން ވެސް ބައެއް މައްސަލަތަކުގައި ކަފާލާތު ދިންކަން ފާހަގަ ކުރައްވައިފަ އެވެ. އޭރު އެ މައްސަލަތަކުގައި ހައި ކޯޓުން ކަފާލާތު ދިން ދިނުން ގޯސް ކަމަށް ބުނެ ދައުލަތުން މިހާރު ވާހަކަ ދައްކަނީ ކީއްވެގެންތޯ އާއި ޔާމީންގެ މައްސަލަ އާއި އެ ބޭފުޅުންގެ މައްސަލާގައި ތަފާތު ކުރަނީ ކީއްވެގެންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"ކީއްވެތޯ އަދީބު ގޭގައި ހުންނަންވީ؟ ކީއްވެގެންތޯ ޒިޔަތު ގޭގައި ހުންނަންވީ؟" ޖަމީލް ސުވާލު ކުރެއްވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އެހެން ގައުމުގައި އިސްތިއުނާފް މަރުހަލާގައި ކަފާލާތުގެ ދިނުމުގައި ބަލާ އެންމެ ވަރުގަދަ ޝަރުތަކީ އިސްތިއުނާފް މައްސަލާގައި ހުރި ބުރަދަނެވެ. ޔާމީންގެ މައްސަލާގައި ދަށު ކޯޓުގެ ހުކުމުގައި ބޮޑެތި އެތައް ގޯސްތަކެއް ހަދާފައި އެބަހުރި ކަމަށާއި މަތީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް އެތައް ކަމެއް އެބައޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އެކަންކަން އެގޮތަށް ހުރިއިރު، އަދި ޔާމީންގެ ފަރާތުން މައްސަލައަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް ނެތީސް ކަފާލާތު ނުދެވޭނެ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންގެ ކުރިމަތީގައި މި ހުންނެވީ. ހެއްކަށް ނުފޫޒު ފޯރުވާ ފަދަ ކަމެއް ކުރެއްވިތޯ؟ ސާފު ފެންނަން އެ އޮތީ. ފިއްލަވައިގެން ވަޑައިގަތްތޯ؟ ސާފުކޮށް ފެންނަން މި އޮތީ،" ފަނޑިޔާރުންނަށް އިޝާރާތް ކުރައްވައި، ޖަމީލް ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ އަދީބާއި ޒިޔަތު ގޭގައި ތިބީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ނިންމުމަކުން ނޫން ކަމަށާއި އެއީ އެހެން މުއައްސަސާތަކަކުން ނިންމި ނިންމުމެއް ކަމަށެވެ. އަދި މީގެކުރިން ކަފާލާތު ދިން މައްސަލަތަކާއި ޔާމީންގެ މައްސަލައާ ތަފާތު ކަމަށާއި އެ މައްސަލަތަކުގައި ދަށު ކޯޓުން އިޖްރާއީ ބޮޑެތި ގޯސްތަކެއް ހަދާފައި ހުރިކަން މަތީ ކޯޓުތަކުގެ ހުކުމްތަކުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

ބެންޗުގެ ސުވާލުތައް ދައުލަތަށް

ކަފާލާތު ދިނުމުގެ މައްސަލާގައި ފަނޑިޔާރުންގެ ބެންޗުގެ ގިނަ ސުވާލުތައް ދައުލަތަށް އަމާޒުވި އެވެ. އެގޮތުން މަނީ ލޯންޑްރިންގެ ކުށަކީ ކަފާލާތު ނުދެވޭނެ ކުށެއްގެ ގޮތުގައި މަނީ ލޯންޑްރިންގެ ގާނޫނުގައި އޮވޭތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެގޮތަށް އެ ގާނޫނުގައި ނެތް ކަމަށެވެ.

ކުރިން ބައެއް ބޭފުޅުންނަށް ކަފާލާތު ދިނުމާއި ބައެއް ބޭފުޅުންގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވާއިރު، އެކަންކަން ރިވިއުކުރަން ނުވަތަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅިތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެކަން ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު އެ މައްސަލަތަކާއި ޔާމީންގެ މައްސަލަ ތަފާތު ކަމަށް ދައުލަތުން ބުންޏެވެ.

ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ހުކުމް ތަންފީޒު ކުރުން ފަސްކުރި މައްސަލަތަކުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނޭ ޓެރަރިޒަމްގެ ކުށް ސާބިތުވެފައި ތިބި ބޭފުޅުން ވެސް ހިމެނޭ ނޫންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ އެ މައްސަލަތަކުގައި އިޖްރާއީ ބޮޑެތި ގޯސްތަކެއް ހުރިކަން މަތީ ކޯޓުތަކުން ފާހަގަކުރި ކަމަށެވެ. އެކަމަކު މި މައްސަލާގައި އެފަދަ ކަމެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެގޮތަށް ބުނުމުން، ޔާމީނަކީ ނުރައްކާތެރި ކުށްވެރިއެއް ކަމަށް ދައުލަތުން ދެކެނީތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ ވަކި މީހަކީ ނުރައްކާތެރި ކުށްވެރިއެއްތޯ ނުވަތަ ނޫންތޯ ބުނަން ނޭނގޭނެ ކަމަށާއި މުޖްތަމައުއަށް ނުރައްކާތެރި މީހެއްތޯ ގާނޫނީ ގޮތުން ބަލަނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުން ކުރިން ގާނޫނާ ޚިލާފަށް ނިންމި ނިންމުންތަކާ ގުޅިގެން ބައެއް ފަނޑިޔާރުންނަށް ފިޔަވަޅު އެޅިއިރު، ބައެއް ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރި މައްސަލާގައި އެއްވެސް ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅިތޯ ވެސް ބެންޗުން ދައުލަތާ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އެކަމާ މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

ޔާމީންގެ ސިއްހީ ހާލަތާ ގުޅިގެން އެމަނިކުފާނު ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން އެންގެވީ އެކަމާ ގުޅޭ ލިޔުންތައް ތިން ދުވަސް ތެރޭގައި ހުށަހެޅުއްވުމަށެވެ.

ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެގެން ދިޔަ އެ އަޑުއެހުން ނިންމާލީ ކަފާލާތު ދިނުމާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަޒީދެވެ.

30 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 2%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

29 January 2020

ކަފާލަތަށް އެދޭހާބަޔަކު ދޫކުރުމީވެސް ދުނިޔޭގެ އެއްވެސްތަނެއްގަ އޮންނަ އުޞޫލެއް ނޫން!

The name is already taken The name is available. Register?

އަމަން

29 January 2020

އޭރުވެސް ވައްކަން ކުރީ މިހާރު ވެސް ސަރުކާރުގަ މި ތިބަ ވަގުން.ގައުމެއް އާރާސްތު ކޮއް ދެއްވި ތެދުވެރި ރައީސެއް ރައީސެއް ރައީސް ޔާމީން އަކީ

The name is already taken The name is available. Register?

އަޙުމަދު.

29 January 2020

ޤައުމެއް އާރާސްތުކުރުން ތިދެކެނީ ކިހިނެއް، ؟ ޔާމީނު ޤައުމު އާރާސްތުކުރިގޮތަށް މަވެސް މިކަހަލަ ދެތިން ގައުމުވެސް އާރާސްތުކޮށްދީފާނަން، ޤައުމަށް ލިބުނުހާ ފައިސާތަށް އަމިއްލަ ޖީބަށް ކަޅާކޮށްލައިގެން އެހުރީ ކިހާތެދުވެރި. ސަރުކާރު ހިއްސާވާކުންފުނި ތަށްލައްވާ މަސައްކަތް ކުރުވާނީ އެތަންތަން އިނދެޖެހުނީމަހުއްޓާލަނީ، މިސާލެއް، އެޗްޑީސީބައްލަވާ. ކެންޕޭނަށާއި އެކިކަންކަމަށް މިލިޔަނުން އެއޮތީ ޚަރަދުކޮށްފައި، މިވަރުންނުވީމަ ޗައިނާއިން ބޮޑެތި ލޯނުތަށް ނެގީ.

The name is already taken The name is available. Register?

ރީތި މޫސަ

29 January 2020

ޔާމިނަކީ ވައްކަންކުރިމީހެކޯ ޤައުމަށްދިނީ ގެއްލުމޯ އެކަމަކު ވެރިކަމުންފޭބިއިރު ޤައުމުގެ ހަޒާނާއޮތީ ފުރިބާރުވެފަ މުސްކުޅިވެރިންގެ އެލަވަންސްއޮތީބޮޑުވެފަ ބޮޑުބުރިޖެއްއޮތީއަޅާފަ 25 ބުރީގެ ހޮސްޕިޓަލެއްހުރީއަޅާފަ އެއާޕޯޓުއޮތީބޮޑުކޮށްފަ މާލޭގެ ބޯޑުމަގުގަތާރުއޮތީއަޅާފަ ކުރޮސްރޯޑުއޮތީ ހަދާފަ ފުރާ މީހަކަށް 500 ޑރމިވައްކަންނުކުރާ ސަރުކާރަށް އަލަށްކުރާނެ ކަމެއްނެތް އޮތީ ކުރީސަރުކާރުން ފަށާހުރި މަސްރޫއުތަށްނިމޭވަރަކަށް ހުޅުވުން

The name is already taken The name is available. Register?

ކާޖާ

28 January 2020

ޔާމީނު ދޫކޮށްލުމަކީ ގައުމަށް ގައްދާރުވުން. ތިޔަގޮތަށް ޔާމީނު ދޫކޮށްލައިފިނަމަ ފަޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ދުވަހެއް އަންނެކަމީ ސައްކެތްވެސް އޮތްކަމެއް ނޫނެވެ. މާޒީއިން އިބްރަތް ހޯދާށެވެ. ޔާމީނު ބުނިހާގޮތަކަށް ބޭނުންވިހާ ގޮތަކަށް ހުކުމްތައް ނެރުނު މީހުން އޭނާގެ ވެރިކަމުން ފޭބުމުގެ ކުރިން އެކަމުގެ ރަހަދެކެން ޖެހުނެވެ. ޔާމީނުގެ ކުށަކީ ސައްކެތް ނެތް މިންވަރަށް ސާބިތުވާ މައްސަލައެކެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

28 January 2020

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ޔާމީންގެ ބައިވެރިވުން އޮތްކަން ދަށު ކޯޓުން ނިންމާ މިހާރު ހައިކޯޓުގަ. ސުވާލަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވީ ޔާމިން އެކަނިތަ؟ ކޮބާ ޑޮލަރުގަތް ގްރޫޕް؟ ކޮބާ 200 މީހުންގެ ލިސްޓް؟ މަޖްލިސް އިންތިހާބުގައި ހީވީ ދެންމެދެންމެ އެ 200 މީހުން ހިފާ ހައްޔަރުކުރާނެކަމަށް.

The name is already taken The name is available. Register?

ހުސައިން

28 January 2020

ކަފާލާތެއްނޫން. ޔާމީން ދޫކޮށްލާ. އެއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓާމިނަލް ވަރަށްއަވަހަށް ނިންމަން އަހަރެން އެބަބޭނުންވޭ. އޭރުން އޭޝިޔާގެ އިގްތިސާދުގެ އެންމެބޮޑު ކުރިއެރުން ލިބޭނީ ރާއްޖެއަށްކަން ކަށަވަރު. % 12 ގްރޯތަކަށް ބަދަލުވާނެ. މިލިޔަނުން ބަދަލުދޭ ވައްކަމެއް ދެނެއް އޯކޭއެއްވެސްނޫން. ހޮޅުއަށީގައި ކުރުވާހަކަ ކިޔައިދޭ ގްރޫޕެއް މިހާރު މިއުޅެނީ.

The name is already taken The name is available. Register?

ގަޓް ބްރޯ

28 January 2020

ތިޔަ މައްސަލައިގަ ގޮތެއް ނުނިންމަނީސް ރައީސް ޔާމީނުގެ ބާކީ ހުރި ބޮޑެތި މައްސަލަތަކުގަ ދައުވާކުރުން އަވަސްކުރަންޖެހޭ. އެހެންނޫނީ ބަހަނާއެއް ދައްކާފަ ފިލަައި ރައްކާވެދާނެ. އެއަށްފަހު ގޯދީ ރާޖާ ޕިޗޯރީން ގޮވައިގެން ރާއްޖެހިފައިން އައިހެން އަންނަންވެސް ފަހަކަށްނުޖެހޭނެ. ފިސާރި ބޭކަލެއް ތިޔައީ!!!

The name is already taken The name is available. Register?

ބާބާ

28 January 2020

އަދުރޭ ހިސާބުން ފާސްވިތަ! ޔާމީނު އަނަރޫފައެއްނުން މީހަކު ރޮއި ހޭރޭވަރަކަށް.

The name is already taken The name is available. Register?

ރަށުމީހާ

28 January 2020

ކުރީގާ މޭގާ އަތްޖަހާފާބުނޭ މީގަޓު ރައީސްސޭ. ކިހެނެއްމިވީ. ކޮބާއެއްކަލަ ގަޓު.

The name is already taken The name is available. Register?

އަޙުމަދު.

29 January 2020

ގަޓް ރައީސޭ ބުނިމީހާއަށް ނުވި ޖަލައްލީމަ މުސްކުޅި ސާރިދޯޅަށް ވީވަރުވެސް

The name is already taken The name is available. Register?

ނެޑް

28 January 2020

އަދުރޭގެ ވާހަކަ އަހާފައި އަހަރެން ހީކުރީ ޔާމީނު ހުންނާނީ ފޮޓޯނަގައި ބޮޑުކޮއްގެންވެސް ނުފެންނަވަރަށް އަނަރޫފަ ވެފައި ކަމަށް!

The name is already taken The name is available. Register?

ނަސީމްބެ

29 January 2020

މިހާރު ޔާމީނު އެހުރީ މައިކޮރޯ ޗިޕް އަކަށް ވެފައި އަނަރޫފަވެފައި. ބޮޑުވާ ބިއްލޫރި ބޭނުން ކޮށްގެން ޤާޒިންނަށް އިއްޔެ ކޯޓުން ފެނުނީވެސް. ހަހަހހަހަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454