މަޝްވަރާތަކުގައި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްދިނުމަށް އެދިއްޖެ

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކޮށްދިނުމަށް އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.


އަދާލާތު ޕާޓީން މިއަދު ބުނީ އދ. އިން މި ހުށަހެޅުން ގަބޫލުކޮށް، ވަރަށް އަވަހަށް މަޝްވަރާ ފަށާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. މަޝްވަރާގައި އދ.ގެ ބައިވެރިވުން މުހިއްމީ، ކޮމަންވެލްތުން ވެސް އެދިފައިވާ ގޮތަށް ވާހަކަ ދައްކައިގެން ނަތީޖާ ނެރުމަށް ކަމަށް އެ ޕާޓީން ބުންޏެވެ.

މަޝްވަރާ ކުރިއަށް ގެންގޮސްދިނުމަށް އދ. ގައި އަދާލަތުން އެދުނުއިރު، އެމްޑީޕީން ވެސް ވަނީ އެ ޖަމާއަތުގެ ބައިވެރިވުމާ އެކު ވާހަކަތައް ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުގައި އެދިފަ އެވެ. މި ހުށަހެޅުން ގަބޫލުކޮށް، ސަރުކާރުން ބުނެފައި ވަނީ މި މަހުގެ މެދުތެރޭގައި މަޝްވަރާ ފަށާނެ ކަމަށެވެ.

މަޝްވަރާގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ގޮތުގައި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް މިހާރު ހުންނެވީ ކުރު ޗުއްޓީއެއްގަ އެވެ. އޭނާ އެނބުރިވަޑައިގަތުމާ އެކު މަޝްވަރާ ފަށާނެ ކަމަށް ޝައިނީ ވަނީ ވިދާޅުވެފަ އެވެ. "އަންނަ މަހުގެ މެދެއްހާ ހިސާބުގައި އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް މިބަލަނީ. އެހެންވީމަ އޭނާ ވަޑައިގަތުމާއެކު ސަރުކާރުން މަޝްވަރާ ފަށާނެ،" ޝައިނީ ވިދާޅުވެފައިވެ އެވެ.

މަޝްވަރާތައް އަލުން މި ފަށަނީ ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް އަންގާފައި ވަނިކޮށެވެ. އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާގެ މޭޒު ދޮށަށް ދާން ސީމެގުން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ. ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތައް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ. އދ.ގެ މަންދޫބު ތަމްރަތު ބައިވެރިވެވަޑައިގެން، އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ފަށަން މީގެ ކުރިން މަސައްކަތް ކުރައްވާފައި ވިޔަސް، އެކަމުގައި ވެސް އަލިމަގެއް ފެނިފައެއް ނުވެ އެވެ.