ހިޝާނަށް ބިރުދެއްކި މައްސަލަ ތަހުގީގު ކުރަން އެއްބާރުލުމެއް ނުލިބުނު: ޕޮލިސް

ނިކަމެތިންނަށް އެހީވަމުން އަންނަ އަހްމަދު ހިޝާނަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމަށް ތުހުމަތުކުރާ މައްސަލަ ބަލަން އޭނާގެ އެއްބާރުލުމެއް ނުލިބުނު ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ހިޝާން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިޖުތިމާއީ ދާއިރާގެ މަސައްކަތުގައި 18 އަހަރު އޭނާ ކުރި މަސައްކަތުގެ ހަދިޔާ ލިބުނީ ބިރުދެއްކުންތަކާއި އިންޒާރުތަކުން ކަމަށެވެ. އެވަރުން ފުދިއްޖެ ކަމަށާއި މިހާރު ބޭނުންވަނީ ގައުމު ދޫކޮށްދާން ކަަމަށް ވެސް ލިއެފައިވެ އެވެ.

ހައްގު ބަސް ބުނާ މީހަކަށް މި ގައުމުގައި ފުރުސަތެއް ނެތް ކަަމަށް ބުނެ އޭނާގެ ޓުވީޓުގައި ވަނީ ސަރުކާރުގެ އިސް ފަރާތްތައް ޓެގުކޮށްފަ އެވެ.

ހިޝާންގެ މި ވާހަކަ އަށް ޖަވާބުދެމުން ފުލުހުން ބުނީ އޭނާ އަށް ބިރު ދެއްކި މީހުން ހޯދަން ހިންގާ ތަހުގީގަށް، އެކަން ހިނގި ތަނާއި މަގު އަދި ބިރުދެއްކީ ކޮން ބަޔަކުކަން ވެސް ހިއްސާނުކުރި ކަމަށެވެ. އަދި މައްސަލައިގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބި ވަނީ ބައްދަލުކުރަން ވެސް ހިޝާން އުޒުރުވެރިވަމުން އަންނާތީ ކަމަށް ފުލުހުން ބުންޏެވެ.

"ފުލުހުން ސީސީޓީވީ ފުޓޭޖް ހޯދަން ވެގެން، ހިޝާން އަށް ބިރުދެއްކި ލޮކޭޝަނާއި ބިރުދެއްކި މީހާގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހިޝާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ތަހުގީގު ހިންގާ ފަރާތުންނާއި ވިކްޓިމް ސަޕޯޓް އިން ވެސް ކުރި މަސައްކަތުން އޭނާއާ ބައްދަލުކުރުމަށް ކުރި މަސައްކަތަށް ވެސް އެއްބާރުލުން ނުލިބިގެން މައްސަލަ ތަހުގީގު ކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.