ހަނގުރާމައިން ގެންނަ މީހުން ރެހިބިލިޓޭޓްކުރާ މަރުކަޒުގެ މަސައްކަތް ނިންމައިފި

ހަނގުރާމައިން އަނބުރާ ގެންނަ މީހުން ރިހެބިލިޓޭޓްކުރާ މަރުކަޒު ކ. ހިންމަފުށީގައި ހަދާ ނިންމާލައިފި އެވެ.


ރައްޔިތުންގެ މަޖިލީސް މި ދައުރަށް ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް މުއައްސަސާތަކުގެ މެދުގައި މުއާމަލާތްކުރެވޭނެ މަރުކަޒީ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފެށޭނެ ކަމަށެވެ. އޭގެ ތެރެއިން ރާއްޖެއިން ބޭރުގައި ކުރާ ހަނގުރާމަތަކަށް ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިއުމަށްފަހު އެނބުރި އަންނަ މީހުން އިސްލާހުކޮށް މުޖުތަމައުއަށް ގެނައުމަށްޓަކައި ގާއިމްކުރާ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގެ އިމާރާތް ވެސް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) އާ ހަވާލުކޮށް 49 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އިމާރާތުގެ މަސައްކަތްތައް ފެށީ މިިދިޔަ ސެޕްޓެމްބަރު ހިސާބުގަ އެވެ. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ކުރިން "މިހާރު" އަށް ވިދާޅުވީ ރިހެބިލިޓޭޝަން މަރުކަޒު އަޅަން ޕޮލްކޯއާ ހަވާލުކުރީ އެތަނުގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހުމާއި އަވަހަށް ނިންމަން ޖެހޭތީ އެވެ.

ހަނގުރާމައަށް ދިއުމަށްފަހު އަންނަ މީހުން ރިހެބިލިޓޭޓްކުރާ މަރުކަޒު ހަދަން މަސައްކަތް ފެށިއިރު، ޓެރަރިޒަމްގެ ގާނޫނަށް މި ފަހުން ގެނައި އިސްލާޙުގައި އެފަދަ މަރުކަޒެއް ހުރުން ލާޒިމްކުރެ އެވެ.

ރައީސް ވިދާޅުވީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރުމާއި ދީނާ ހިލާފު ހިޔާލު ފާޅުކުރުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ސަރުކާރުން އާއްމުކޮށް، އެކަމާ ދެކޮޅަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރެއްވި އެވެ.

"މިއީ އެތައް އަހަރެއްގެ ފުނަށް މޫލާފައި އޮތް ދެ މައްސަލަ ކަމަށް ވިއަސް، މިއަދާ ހަމައަށް މިކަން ހައްލުނުވެ އޮތީ، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި އޭރުގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދީ އޮތުމުން،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ދީނީ އަގީދާ ވަރުގަދަކޮށް އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުމަށް ކުރަންޖެހޭ އެންމެހާ ކަންކަމަށް މިދިޔަަ އަހަރު ހާއްސަ ސަމާލުކަމެއް ދިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަށް ރަށެއްގައި މިސްކިތް އިމާރަތްކުރަމުން ދާއިރު އިތުރު ނުވަ ރަށެއްގައި 12 މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ވިދާޅުވި އެވެ.