އޭޑީކޭގައި 20،000 ވަނަ ކުއްޖާ އުފަންވެއްޖެ

އޭޑީކޭގައި ހިދުމަތް ދޭން ފެށިފަހުން، އެތަނުގައި 20،000 ވަނަ ކުއްޖާ އުފަންވުން އިއްޔެ ފާހަގަކޮށްފި އެވެ.


ވިއްސުމުގެ ހިދުމަތް ދޭތާ 25 އަހަރު ފަހުން، އިއްޔެ އޭޑީކޭގައި ވިހެއީ ފިރިހެން ކުއްޖެކެވެ. އެ ހޮސްޕިޓަލުގައި ހިދުމަތް ދޭން ފެށި ފުރަތަމަ ދުވަހު ވެސް ވިހާފައިވަނީ ފިރިހެން ކުއްޖެކެވެ.

ހޮސްޕިޓަލަށް 20،000 ވަނަ ކުއްޖާ އުފަންވުން ފާހަގަކުރުމުގެ ގޮތުން އޭޑީކޭގެ މެނޭޖްމެންޓާއި ތަނުގެ އިސްވެރިން، އެ ކުއްޖާގެ މައިންބަފައިންނާ ވަނީ ބައްދަލުކޮށްފަ އެވެ. އަދި ކޭކު ހަދިޔާކޮށް، ވިހެއުމަށް ދިޔަ ހަރަދު ވަނީ ހޮސްޕިޓަލުން ހިލޭކޮށްދީފަ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެތަނުގައި ވިހޭ ކުދިންގެ އަދަދު 1،9000އަށް ވުރެ މައްޗަށް ދިޔުމުން، 20،000 ވަނަ ކުއްޖާ ހޯދުމަށް ހޮސްޕިޓަލުން ކައުންޓްޑައުންއެއް ބަހައްޓާފައިވާ ކަމަށެވެ. އެހެންވެ، އެ އަދަދު ހަމަވެ، ސިއްހަތު ރަނގަޅު ކުއްޖެއް އޭޑީކޭގައި އުފަންވުމުން ހުރިހާ މުވައްޒަފުންނަށް ލިބިފައިވަނީ ބޮޑު އުފަލެކެވެ.

ރާއްޖޭގެ 25 އަހަރުން ދަށުގެ އާބާދީ އަކީ ގާތްގަނޑަކަށް، 170،000 އެވެ. އެހެންވެ، އޭގެތެރެއިން، 20،000 ކުދިން އޭޑީކޭއަށް އުފަންވުމަކީ އެތަނާ މެދު އާއްމުންގެ އިތުބާރާއި ތަނުގެ ހިދުމަތް އާއްމުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް އަފްއާލް ވިދާޅުވި އެވެ.

މީގެ ތިން އަހަރު ކުރިން، 2017 ވަނަ އޭޑީކޭ ހޮސްޕިޓަލުގައި ވަނީ އެއްމާބަނޑު ހަތަރު ކުދިން ވިއްސާފަ އެވެ. ބަނޑަށް ހަތް މަހުގައި، އެ ކުދިން ނަގާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި އެއްމާބަނޑު ހަތަރު ކުދިން ވިހޭ ފުރަތަމަ ފަހަރެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަރުވާ ދިން އެ ކުދިން އޭޑީކޭގައި މަހެއްހައި ދުވަހު ބައިތިއްބި އެވެ. ހުރިހާ ވަގުތެއްގައި ވެސް އެ ކުދިން ބެލެހެއްޓުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ތަމްރީނުތަކެއް ދީފައިވާ ކަމަށް އޭޑީކޭ އިން އޭރު ބުންޏެވެ.

ފުރިހަމަ ސިއްހަތެއްގައި އެ ކުދިން އުފަންކޮށް، ހިދުމަތް ދިނުން އޭޑީކޭން ދެކެނީ އެތަނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ.

"މިވީ 25 އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވަނީ ވިހެއުމުގެ ހިދުމަތް ދިނުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ދީ، މީހުންގެ އިތުބާރު ހޯދާފައި. އެހާ ގިނަ ކުދިން މިތަނަށް އުފަން ވުމަކީ އޭގެ ހެއްކެއް،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިހާއިރު ބައްޕަ ކައިރީ ހުރުމުގެ ފުރުސަތު އެ ހޮސްޕިޓަލުގައި ތަނަވަސްކޮށްދީފައިވާއިރު، މަންމައާ ކުޑަދަރިފުޅުގެ ސިއްހަތާއި ރައްކާތެރިކަމަށް ވެސް ގިނަ ކަންކަން އެތަނުގައި ފަހިކޮށްދީފައިވާ ކަމަށެވެ.