ދެއްކެވި ވާހަކައަކާ ގުޅިގެން މެމްބަރު ނިހާދު އޭސީސީ އަށް ހާޒިރު ކުރަނީ

ސ. ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.


ނިހާދު، އޭސީސީ އަށް ހާޒިރު ކުރާތީ، އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ. އެ ކޮމިޓީން އެ މައްސަލަ ބަލަނީ ނިހާދު އެކަން ހުށަހެޅުއްވުމުންނެވެ.

ނިހާދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކިކުރުމުގެ މައްސަލައިގެ ބަހުސްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އޭސީސީ އަށް ހާޒިރުވާން އެ ތަނުން ގުޅާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.

"އިއްޔެ ގުޅި ކުއްޖާގެ ބަސްމަގު ވެސް ހުރީ މިއަދު ކޮންމެހެން ވެސް ދާންޖެހޭނެ ކަމަށް. އަދި ދެވޭނެ ވަގުތެއް ދިނުމަށް އެދުނު. ދެންނެވިން މަޖިލީހުގެ ލީގަލް ޓީމުގެ ބަހެއް ލިބިގެން ނޫނީ މަޖިލިސް ފްލޯގަ ދެއްކި ވާހަކައަކާ ގުޅިގެން ބަޔާނެއް ދެވެން ނެތް ކަމަށް،" ނިހާދު "މިހާރު" އަށް ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން، އޭސީސީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ތަފްސީލް ވަނީ ލިބޭ ގޮތެއް ނުވި އެވެ.

ނިހާދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ނުކުރަން، އެ މައްސަލަ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައި، މަޖިލީހުގެ ތަޅުމުގައި ކުރިން ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ޔާމީނަށް ހުކުމް ނުކުރުމަށް ހައިލަމް ދެ މިލިއަން ޑޮލަރު ނެންގެވި ކަމަށެވެ. އެކަމަކު، އެ ތުހުމަތުތައް ހައިލަމް ވަނީ ދޮގުކުރައްވައިފަ އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން، މަޖީލީހުގެ ތަޅުމުގައި މެމްބަރަކު ދައްކަވާ ވާހަކައަކާ ގުޅިގެން އެ މެމްބަރަކާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނޭޅޭނެ އެވެ.