ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު، ޔާމީން އަނބުރާ ދޫނިދު އަށް ގެންދަނީ.---ފޮޓޯ: އަހުމަދު އައުޝަން/މިހާރު
06 ފެބުރުއަރީ 2020 - 11:36
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން މިނިވަން ނުކުރެވޭނެ ކަމަށާއި އަދި އެމަނިކުފާނުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެވެން ވެސް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމަށް ފަހު އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ހައި ކޯޓުގައި އެދުނެވެ. އެކަމާ ބެހޭގޮތުން ދެ ފަރާތުން ކުރީގެ އަޑުއެހުމުގައި ވަނީ ބަހުސްކޮށްފަ އެވެ.
ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ނިންމެވީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެކަމަކު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރު ނުނެރެވޭނެ ކަމަށް ނިންމެވީ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
ޔާމީނަށް ކަފާލާތު ނުދޭން ތިން ފަނޑިޔާރުންގެ އިިއްތިފާގުން ނިންމެވިޔަސް، އެގޮތަށް ނިންމެވުމުގައި އެއިން ކޮންމެ ފަނޑިޔާރަކު ފާހަގަކުރެއްވި ސަބަބުތައް ތަފާތެވެ. އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސައިން މަޒީދުގެ ރައުޔަކީ ކުށުގެ ތުހުމަތުގައިވާ މީހުންނަށް ކަފާލާތު ދިނުމުގެ ފުރުސަތު ގާނޫނުތަކުން އޮތަސް، ކުށް ސާބިތުވުމަށް ފަހު ކަފާލާތު ދިނުމުގެ އެއްވެސް އުސޫލެއް ގާނޫނެއްގައި ނެތް ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ވެސް ކުށް ސާބިތުވެފައިވާ މީހުންނަށް ކަފާލާތު ދެވެނީ އެކަން ގާނޫނުތަކުގައި ބަޔާންކޮށް، ވަރަށް ޚާއްސަ ހާލަތްތަކެއްގައި ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.
ގާނޫނު ހެދުމުގެ ބާރު ކޯޓުތަކަށް ނުލިބޭނެކަން ފާހަގަކުރައްވައި، ފަނޑިޔާރު މަޒީދު ވިދާޅުވީ ގާނޫނެއްގައި ބަޔާންކުރާ ކުށެއް ސާބިތުވެގެން ޖަލުގައި ހުރި މީހަކު ކަފާލާތުގެ ދަށުން ޖަލުން ނެރެވޭނީ ވެސް ގާނޫނަކުން ކަމަށެވެ. އަދި ޖަލު ހުކުމުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ހައި ކޯޓުގެ ގަވާއިދުގެ ދަށުން އެ ކޯޓުން ކަފާލާތު ދިނަސް، އެ ނިންމުންތަކާ ދުރުވާން ޖެހޭ ކަމަށް ވެސް ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.
ފަނޑިޔާރު ނިޔާޒް ވެސް ވިދާޅުވީ ކުށް ސާބިތުވުމަށް ފަހު ކަފާލާތު ދިނުމުގެ އުސޫލެއް ރާއްޖޭގެ ގާނޫނެއްގައި ނެތް ކަމަށާއި އެހެންވެ، ކަފާލާތުގެ ފުރުސަތު ކުށް ސާބިތުވެފައި ތިބި އެއްވެސް މީހަކަށް ނުލިބޭނެ ކަމަށެވެ. އަދި ކުރިން ބައެއް ބޭފުޅުންނަށް ހަައި ކޯޓުން ކަފާލާތު ދިން ނިންމުންތަކުގައި ވެސް އެގޮތަށް ނިންމި އެކަށީގެންވާ ސަބަބުތަކެއް ބަޔާން ކޮށްފައި ނެތް ކަމަށާއި ކުރިން އެގޮތަށް އަމަލު ކުރުމަކީ ފަހުން ހުށަހަޅާ މައްސަލަތަކުގައި ވެސް ކަފާލާތު ދޭންޖެހޭނެ ސަބަބެއް ނޫން ކަމަށް ފަނޑިިޔާރު ވިދާޅުވި އެވެ.
ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު، ޔާމީން އަނބުރާ ދޫނިދު އަށް ގެންދަނީ.---ފޮޓޯ: އަހުމަދު އައުޝަން/މިހާރު
ޔާމީންގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް އެ މަނިކުފާނުގެ ފަރާތުން ފާހަގަ ކުރިޔަސް، އެކަންކަމުގައި އަމަލުކުރަންޖެހޭ އިޖްރާއާތުތައް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހުރި ގަވާއިދުތަކުގައި އެބަހުރި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެގޮތުން ސިއްހީ ސަބަބަކަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާ ނަމަ ނުވަތަ ޖަލުން ދޫކޮށްލާ ނަމަ އެކަމާ ބެހޭ އިޖްރާއާތު އެ ގަވާއިދުތަކުގެ ދަށުން ފުރިހަމަ ކުރުމުގެ ފުރުސަތު އެބަ އޮތްކަން ފަނޑިޔާރު ނިޔާޒް ފާހަގަ ކުރެއްވި އެވެ.
އެ ކަންކަން ފާހަގަ ކުރެއްވުމަށް ފަހު، ފަނޑިޔާރު ނިޔާޒް ވިދާޅުވި ގޮތުގައި ކަފާލާތުގެ ފުރުސަތު ޔާމީނަށް ދެއްވެން އޮތީ އެ މަނިކުފާނުގެ މައްޗަށް ކުރި ހުކުމުގެ ޖޫރިމަނާގެ އަދަދު ކަމަށްވާ ފަސް މިލިއަން ޑޮލަރު ކޯޓުގައި ބަހައްޓަން އެއްބަސްވެ ވަޑައިގަންނަވާ ނަމަ އެވެ. އެކަމަކު ޖަލުގައި ހުންނަވައިގެން ޖޫރިމަނާ ދައްކަން ފައިސާ ނުހޯއްދެވޭނެ ކަމަށް ޔާމީން ކުރީގެ އަޑުއެހުމުގައި ވިދާޅުވެފައިވާތީ އެ އަދަދަށް ފައިސާ ހޯދައިގެން ކަފާލާތު ހޯދުމުގެ ފުރުސަތުު އެމަނިކުފާނަށް ނެތް ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ ކުށް ސާބިތުވުމަށް ފަހު ކަފާލާތު ދިނުމުގެ އުސޫލެއް ގާނޫނެއްގައި ބަޔާން ނުކުރިޔަސް، ކޯޓުތަކުގެ ކުރީގެ ނިންމުންތައް ހުރި ގޮތުން އެއީ ރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައިވާ އުސޫލެއް ކަމަށެވެ. އަދި ކުރިން ކަފާލާތު ދިން މައްސަލަތަކުގައި ވެސް ދައުލަތުން އެކަމަށް ދެކޮޅު ހަދާފައި ނުވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމަކު ޔާމީންގެ މައްސަލައަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދަ ބޮޑު ކުށެއްގެ މައްސަލަ ކަމަށްވާތީ އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކުރަން ނުފެންނަ ކަމަށް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ.
ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރާ މެދު ފަނޑިޔާރު މަޒީދު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި އާންމު އުސޫލުން އިސްތިއުނާފް މަރުހަލާ ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސް ކުރެވެނީ ހައްދާއި ގިސާސްގެ މައްސަލަތަކުގައި އެކަނި ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުމުގެ އުސޫލެއް ރާއްޖޭގައި ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ފަނޑިޔާރު ނިޔާޒް ވެސް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އުސޫލެއް ރާއްޖޭގައި މިހާރު ނެތް ކަމަށެވެ. އަދި ކުށް ސާބިތުވެފައި ތިބޭ ކުށްވެރިންގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ކުށްވެރިން މުޖްތަމައުގެ ތެރެއަށް ދޫކޮށްލުމުން މުޖްތަމައުގެ ހައްގުތަކެއް ވެސް ގެއްލިގެންދާނެ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު، ޔާމީން އަނބުރާ ދޫނިދު އަށް ގެންދަނީ.---ފޮޓޯ: އަހުމަދު އައުޝަން/މިހާރު
ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރާ މެދު ފަނޑިޔާރު ޝަހީދުގެ ރައުޔަކީ ޔާމީންގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރު ކުރަންޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުން ބައެއް ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރު ނެރެފައިވާކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ވިދާޅުވީ އޭގެ ތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އަދި އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދައުލަތުން އެކަން މުރާޖާ ކުރަން ސުޕްރީމް ކޯޓުގައި އެދިފައި ނެތް ކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
އެ މައްސަލާގެ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި ވެސް ޔާމީން ހުންނެވީ ބަންދުން ދޫކޮޮށްލާފައި ކަން ފާހަގަކުރައްވައި، ފަނޑިޔާރު ޝަހީދު ވިދާޅުވީ ޔާމީނަކީ މުޖްތަމައަށް ނުރައްކަލެއް ހުރި ބޭފުޅެއް ކަމަށް ދައުލަތުން ވެސް ބުނެފައި ނެތް ކަމަށެވެ. އެހެންވެ، ޔާމީން ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރު ކުރަންޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވެސް ހާޒިރުވެ ވަޑައިގެން ތިއްބެވި މަޖިލީހުގައި، ކަފާލާތާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ގޮތެއް ނިންމުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލާގެ އިތުރު އަޑުއެހުމެއް މިމަހު ބާއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާހިދާ
06 February 2020
ٱلْحَمْدُ لِلّٰهِ,
މޯދީ
06 February 2020
އެހެންވީމަ ނަޝީދާއިމައުމޫނާއި ގާސިމަށްވެސް ކޯޓްތަކުންކުރީ އިންސާފުނޫންތޯ!
ޡިންމާ
06 February 2020
ނުކުރޭނެ ކުރާކަށް. ކޮށްފިއްޔާ ޕްރިންސިޕަލްކުރިމައްޗަށް ނެރެ އަދަބުދޭނެ. މިއޮތީ އަދުލާއި އިންސާފާ ދެބައި އެކީ މިނިވަންވެފައި.
ޢެހެންތަ ހީވަނީ
06 February 2020
ބޯހަލާކު ރައިސްޔާމީން ޖަލުގަ ބަހައްޓައިގެންނޫނީނެތް މިބަޔަކަށްވެރިކަންކުރެވޭކަށް ނަމުގަވެރިކަންއަމަލުންގެރިކަންކުރާއިންސާފުން ނެތް ބައިގަޑެއް ވެރިކަމެއްލައްގައިފަ .
ީހށނ
06 February 2020
ޔާ މީނާ އަޅާލާނެ މީހަކުނެތީބާ؟
މަޖީދީމަގުން
06 February 2020
ވަކިބަޔަކު ކަފާލާތުގެ ދަށުން މިނިވަންކުރިވާހަކަ ދެކެވޭ. ޖޭއެސްސީ ކޮންޓްރޯލް ކުރަނީ ސަރުކާރުން. މިކަހަލަ ހުކުމްތައް އަތުވެދާނެ.
ތިންބާރުގެ އިންސާފު
06 February 2020
އަސްތާ އިންސާފު ހަމަހަމަކަން ތިހިރަ ދަނީ ރަގަޅަށް ފެންނަމުން، ތިންބާރު އެއްބާގެ ގޮތުގައި އޮތްކަން ރައްޔިތުންނަށް ޔަގީންވެ ނިމިއްޖެ
falcon_autho
06 February 2020
ނަގައިގަތް ރައީސް ވަރަށް ހިތްވަރުގަދަވާނެ ބަލިވެގެންނޭ ކިޔާފައި ބޭރުން ފަރުވާ ހޯދަން ނޫޅޭނެ. އަނެއްކާ ޖަލަށް ނުލާނެތާ 1 މިލިއަން ޑޮލަރު ޖަވާކުރި ދުވަހު އެ ވެރިކޮށްނުލިނަމަ. އަމިއްލައަށް ބެދެބެދެމުން ދިޔަކަމެއްވެސްނޭގޭ ޕޯޑިއަމްތަކަށް އަރާ މޭފުއްޕާފާ ގޮށްމުއްކަވާފަ މޭޒުގަ އަތްޖަހާފަ އެމީހުން ޖަލަށްލީ ޖަލަށްލާންޖެހޭ ގޮތަށް ކަންތައްކުރީމާޔޭ ކިޔާ ބޮޑުކެނޑި ހަނދާން ހުރިނަމަ ލަދުންވެސް ޖަލުން ނުކުތުމަށް ނޭދުނީސް.
ވަހީދު
06 February 2020
އަހަރުމެންގެ ކާފަ ބުނެފައިވޭ ގަބުޅި ކަތީބުންނާއި މުރަނގަ ގަސްދޮށު މާލިމީންނާއި ބަތާކައި ފަނޑިޔާރުން ތިބޭނޭ.
އެހުރީ
06 February 2020
ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އުސޫލެއް ނެތް އިރު އެކަމުގެ ޝަރަފު ލިބޭނެ ހަމައެކަނި ބޭފުޅާ އެ ހުންނެވީ ބޮޑު މަގާމެއްގައި. އެއީ ނޫންތަ އެކިޔާ އިންސާފަކީ.