އަނބިމީހާ އަށް އަނިޔާކޮށް މާރާމާރީ ހިންގި މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ނ، ރ، ބ. ޅ، އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި ފިރިމީހާ އަނިޔާކުރުމުން އަނބިމީހާ އަށް ސިއްހީ މަރުކަޒުގައި ފަރުވާދޭން ޖެހުނު ކަމަށެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މައްސަލައިގެ ތަހުގީގު ފެށީ ފިރިމީހާ އަނިޔާކޮށްގެން އަންހެނަކު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ ރިޕޯޓް ކުރި ހިސާބުންނެވެ. މި ތުހުމަތާ ގުޅިގެން ހައްޔަރުކުރީ 34 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މި މާރާމާރީއާ ގުޅިގެން ރަށުގެ ރައްޔިތުންތަކެއް ސިއްހީ މަރުކަޒު ދޮށަށް އެއްވި އެވެ. އެ މީހުންނާ ވާހަކަ ދައްކައިގެން އެތަނުން ފޮނުވާލި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާގެ ގިނަ މައްސަލަތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރެ އެވެ. އެކަމަކު މި މައްސަލަތައް އިދާރާތަކުން ތަހުގީގު ކުރި ނަމަވެސް އިންސާފު ނުލިބުމުގެ ޝަކުވާ ބޮޑެވެ.