މާފުށީގައި ޓޫރިސްޓު ހައްޔަރުކުރީ ވަރަށް ގޯސްކޮށޭ ބުނެވޭކަށް ނެތް: އިމްރާން

ކ. މާފުށީ މަގުމަތީގައި ބިކިނީގައި ހުރި ޓޫރިސްޓު ހައްޔަރުކުރުމުގައި ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައި ވިޔަސް، ސަލާމަތީ ނަޒަރުން ބަލާއިރު އެ ފަދަ ހާލަތެއްގައި ފުލުހުން އަމަލުކުރީ ވަރަށް ގޯސްކޮށް ކަމަށް ދެންނެވެން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.


އިއްޔެ ހަވީރު މަގުމަތީގައި އުޅުނު ޓޫރިސްޓު އަންހެންމީހާ ހިފެހެއްޓުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ބައެއް މީހުން ވަރަށް ބޮޑަށް ފާޑުކިޔާފައި ވެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އެއްވެސް އަންހެން ފުލުހަކު، ނެތި މުޅިން ވެސް ފިރިހެން ފުލުހުންތަކެއް ވެގެން، އިހާނެތި ގޮތަކަށް ޓޫރިސްޓު އަންހެންމީހާ ހައްޔަރު ކުރަން އުޅުމެވެ. އިނގިރޭސި ވިލާތުގެ އެ އަންހެންމީހާ ހައްޔަރު ކުރުމުގެ ކުރިން، އެ މީހާ އަށް ނަސޭހަތްދީ ހުއްޓުވަން އުޅުނު ނަމަ، މަންޒަރު އެއަށް ވުރެ ރީތި ވާނެ ކަމަށް އެ މީހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ފުލުހުންނަށް ކުރިމަތިވި ބޮޑެތި ފާޑުކިޔުންތަކާ އެކު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަގުތުން މާފަށް އެދިވަޑައިގެން، ފުލުހުންގެ އަމަލު ގޯސްކުރެއްވި އެވެ. އަދި ކަން ހިނގި ގޮތް ތަހުގީގު ކުރަން ފަށާފައިވާކަން އިއުލާން ކުރެއްވި އެވެ.

ނަމަވެސް، އެކަން ހިނގައިދިޔަ ގޮތް ފެންނަ އެހެން ވީޑިއޯއެއް އިއްޔެ އާއްމުވުމާ އެކު، އެކަމާ ގުޅޭގޮތުން ބައެއް މީހުންގެ ހިޔާލު ތަފާތުވި އެވެ. އެ ވީޑިއޯ އިން ފެންނަނީ، އަންހެން މީހާ އަތުގައި ބިޑިއެޅުވުމުގެ ކުރިން، ބިކިނީގައި މަގުމަތީގައި ނޫޅެވޭނެ ކަމަށް ބުނެ ފުލުހުން ނަސޭހަތްދޭ މަންޒަރެވެ. އެކަމަކު އަންހެން މީހާ އެކަމާ ދެކޮޅު ހެދި އެވެ. އަދި ފަހުން ފުލުހުން ހައްޔަރުކުރަން އުޅުމުން ވަރަށް ބޮޑަށް ގަދަ ދެއްކި އެވެ.

ފުލުހުންގެ އަމަލު ގޯސްކޮށް ކަމަށް ވިދާޅުވެ، ސީޕީ ހަމީދު ކުރެއްވި ޓުވީޓު

ފަހުގެ ވީޑިއޯއާ އެކު، ސީޕީ ހަމީދު ފުލުހުން ގޯސް ކުރައްވައި ކުރެއްވި ޓުވީޓާ މެދު ވެސް އެތައް ބަޔަކު މިހާރު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެ އަށް ވުރެ ރަނގަޅަށް އެ ހާލަތް ކޮންޓްރޯލް ކުރެވިދާނެ ކަމަށާއި އެހެން އެކަން ނުވީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެކަމަކު ސަލާމަތީ ނަޒަރުން ބަލާއިރު ފުލުހުން އަމަލު ކުރީ ވަރަށް ގޯސްކޮށް ކަމަށް ނުދެންނެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ޓޫރިސްޓުންނަށް ސެކިއުރިޓީ ކަށަވަރު ކޮށްދޭން ޖެހޭ ބައެއް. އަދި އެކަން ޕްރޮމޯޓް ކޮށްދެން ޖެހޭ މުއައްސާސެއްގެ ގޮތުން ދެރަވަން މިހެން ކަންތައްތައް ވީތީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ފާހަގަ ކުރެއްވި ގޮތުގައި ކޮމިޝަނަރު އެހެން ދެކެވަޑައިގަތުމަކީ، އެ ފަދަ ކަންކަމުގައި ފުލުހުން "އޯވާ ޑިފެންޑް" ނުވަތަ މާބޮޑަށް ދިފާއު ކުރައްވަން ނޫޅުއްވާކަން އެނގިވަޑައިގަންނަވާ ކަމެކެވެ. އަދި ފުލުހުންގެ މުއައްސަސާ، މިހާރަށް ވުރެ ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ވޭތުވެ ދިޔަ ތަނުގައި [ފުލުހުންގެ ފަރާތުން] ވަރަށް ހިތާމަވެރި ކަންކަން ހިނގާފައި އެބަހުރި. ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ދީފައި އެބަހުރި. އެކަމަކު މިއަދު، މިހާ ކުޑަކުޑަ ކަމަކާ ފާޑުކިޔަން ޖެހުމަކީ ލިބުނު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެނީ،" މިދިޔަ ސަރުކާރުގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، ޖަލުގައި ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވިގޮތުގައި މާފުށީގައި ހިނގި ހާދިސާ އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެއިން އަތް ދޫކޮށް ނުލާ ކަމަށް ވިދާޅުވި އެވެ.

އެ ހާދިސާއަށް ބޭރުގެ މީޑިއާތަކުގެ ސަމާލުކަން ވެސް ލިބުނެވެ. އެކަމަކު އެ ޚަބަރުތަކަށް ކޮމެންޓް ކުރި ގިނަ މީހުން ދެކޭ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓުން، ގައުމުގެ އާއްމު ގާނޫނާއި ގަވައިދުތަކަށް އިހްތިރާމް ކުރަން ޖެހޭނެ އެވެ.