މިނިސްޓަރު އައިޝާއާ މަގާމުގެ ފަތްކޮޅު ރައީސް ހަވާލުކޮށްދެއްވަނީ. --ފޮޓޯ/ ރައީސް އޮފީސް
09 ފެބުރުއަރީ 2020 - 16:13
ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު ވެސް އެ މަގާމު ފުރުއްވި އާއިޝަތު މުހައްމަދު ދީދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އާއިޝާ އަށް މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. އޭނާ މި ވެރިކަމުގައި މިހާތަނަށް ހުންނެވީ ރާއްޖެ އިން އިންޑިއާ އަށް ކަނޑައެޅުއްވި ދިވެހި ސަފީރުގެ މަގާމުގަ އެވެ.
އައްޑޫ ހިތަދު އަށް އުފަން އައިޝާ ކުރިން ހިމެނިވަޑައިގަތީ މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ރާއްޖެ އަށް ޑިމޮކްރަސީއާ އެކު އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި އެމަނިކުފާނުގެ ކެބިނެޓަށް އަލަށް ގެންނެވި ބޭފުޅުންގެ ތެރޭގަ އެވެ. ޖެންޑާ މިނިސްޓަރެއްގެ ގޮތުގައި 2005-2008 އަށް މައުމޫންގެ ކެބިނެޓުގައި އާއިޝާ ޚިދުމަތް ކުރެއްވި އެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ކުޑަކުދިންނާ ގުޅޭ ބައިނައަލްއަގްވާމީ ޖަމާއަތް ޔުނިސެފްގަ އެވެ.
އާއިޝާ، އިންޑިއާ ސަފީރުކަމަށް ޑިސެމްބަރު 2018 ގައި އައްޔަން ކުރެއްވުމާ ހިސާބަށް ހުންނެވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް އާޓްސް ހާސިލް ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން، ލުބުނާނުން ބެޗެލާ އޮފް އާޓްސް އާއި ޑިޕްލޮމާ އިން ޓީޗިން ވެސް ފުރިހަމަ ކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދެވަނަ ޖެންޑާ މިނިސްޓަރުގެ މަގާމާ އެކު، އާއިޝާ ވެފައި ވަނީ މިހާރުގެ ކެބިނެޓުން ފުރުސަތު ލިބިވަޑައިގެންނެވި އައްޑޫގެ ފުރަތަމަ ބޭފުޅާ އަށެވެ. އޭނާ އަކީ އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އެއްބަނޑުއެއްބަފާ ދައްތަ އެކެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމާ އާއިޝާ މި ހަވާލުވެވަޑައިގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތައް އިންތިހާ އަށް އިތުރުވެ، ފިޔަވަޅު ނޭޅޭ ކަމުގެ ޝަކުވާތަކާ އެކު ޖެންޑާ މިނިސްޓްރީ އަށް ފާޑުކިއުން ބޮޑުވެފައި ވަނިކޮށެވެ. އެ މަގާމުގައި ކުރިން ހުންނެވި މިނިސްޓަރު ޝިދާތާ ޝަރީިފް އިސްތިއުފާ ދެއްވީ އެ ފާޑުކިއުންތަކާއި އިތުބާރު ނެތް ކަމުގެ ވޯޓުން މަގާމުން ދުރުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ކުރިމަތިކުރުވި ފިއްތުންތަކާ ހެދި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް މެމްބަރު ޝިދާތާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން ދިޔަ ކަންކަމުގެ ސަބަބުން ވޭތުވެދިޔަ 10 ވަރަކަށް އަހަރު ވެސް އޮތީ އިޖުތިމާއީ ގޮތުން އަޅާލަން ޖެހޭ ދާއިރާތަކުގެ ވާހަކަ ދައްކާނެ ފުރުސަތު ނުލިބި ކަމަށެވެ. އެ ފުރުސަތު ލިބި، ސަރުކާރާއި ރައްޔިތުންގެ ސަމާލުކަން ނުލިބި ހުރި ގިނަ މައްސަލަތައް އިންތިހާ އަށް މި ފަހުން އިތުރުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަންކަން ހައްލުކުރަން ވެސް ގިނަ ފިޔަވަޅުތަކެއް އެޅުއްވި ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ އެހެން މިނިސްޓްރީތަކާ އަޅާބަލާ އިރު ޖެންޑާ މިނިސްޓްރީގެ މަސްއޫލިއްޔަތު ބޮޑެވެ. ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމާ އެކު އިޖުތިމާއީ ރައްކާތެރިކަމުގެ ބޮޑު ދައުރެއް ވެސް ހަވާލުކޮށްފައި ވަނީ އެ މިނިސްޓްރީ އަށެވެ. މިހާ ބޮޑު މަސްއޫލިއްޔަތެއް ހަވާލުކޮށްފައިވާ މިނިސްޓްރީގައި މުވައްޒަފުންގެ ދަތިކަން ބޮޑެވެ. މިއާއެކު އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ހައްލުކުރެވޭވަރުގެ ބަޖެޓެއް އެ މިނިސްޓްރީ އަށް ނުލިބުމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.
ޖެންޑާ މިނިސްޓްރީގައި މި ފަހުން ކުރިމަތިވި މައްސަލަތަކާ ގުޅިގެން މި ދާއިރާގެ އިސް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި މުޅި ޖެންޑާ މިނިސްޓްރީގެ އޮނިގަނޑު ބަދަލުކޮށް، މިހާރަށް ވުރެން ހިންގުން ހަރުދަނާކުރަން ޖެހެ އެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި އިހުމާލުވުމުގެ މައްސަލަތައް ހައްލުކޮށް، އިންސާފަށް ވާސިލްވާން ވެސް އަޅަން ޖެހޭ ފިޔަވަޅުތައް ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދީދީ
10 February 2020
އަޅޭ އެމިނިސްޓްރީގެ ކިތައް މުވައްޒަފުން މިހާރު ކެޑއްޖެތޯ ބަލާބަލަ ތިޔަ ރިޕޯޓުތަކާހެދި. މުވައްޒަފުން ތަނުންބޭރުވާ މައްސަލަވެސް ވެއްޖެ ބަލަން.
ކޯޑިނޭޓަރ
10 February 2020
ޖެންޑަރ މިނިސްޓްރީ އަކީ ފެށުނީއްސުރެ ބޮއްސުން ލައިފައި އޮތް ތަނެއް. ކުރިން ޖެންޑަރ މިނިސްޓަރުކަން ކުރެއްވި ބޭފުޅެއްގެ ގޮތުން ޢާއިޝާ އަކީ ވެސް ޖެންޑަރ މިނިސްޓްރީ ފޭލުވުމުގެ ޒިއްމާ ނަގަން ޖެހޭ މީހެއް.
ފެއިލިއަރ
09 February 2020
މި އީ ތިރީސް އަހަރުގެ މޭސްތިރިޔާ އަޑީގަ ހުރެގެން ގެންނަ އައުޓްޑޭޓެޑް ފެއިލިއަރުން، އިބުރާހިމާ ނަށީދު ފެއިލް ކޮއްގެން މީނަ މިހާރު ވެރިކަން މި ހިންގަނީ، ..
ފޫހި
09 February 2020
ދެން އެއްކަމެއްރަނގަޅުނުވިއަސަް އެމްޑީީޕީއަށް އޯކޭވާނެ
ާއުނިމާ
09 February 2020
އަނިޔާވެރިކަން ނިންމިއިރު މީނާ ކޮބާބާ؟ އެއްބަޔަކު ހިހޫތަނުން ބޮޑިބަތް އަނެއްބަޔަކަށް ތެޔޮހަން
އިމް
09 February 2020
ޝިދާތާއަށް މަލާމާތްކޮށް އެއްޗިހި ގޮވި ނަޝީދުގެ ސަޕޯޓަރުން ގާތު އަހާލަން ބޭނުންވަނީ، މައުމޫނު ދައުރުގައި އައިޝަތު ދީދީ ޖެންޑާ މިނިސްޓަރަކަށް ހުރިއިރު ސިސްޓަމް ރަނގަޅު ކުރެވުނުނަމަ މިއަދު އެ މައްސަލަ ފެންމަތިވާނެ ހެއްޔެވެ؟ ގުދޯ ގުދޯ ގޮވުން ހުއްޓާލާފައި ރަނގަޅަށް ވިސްނާލާށެވެ.
ނިހާނު
09 February 2020
އެހެންމީހަކުހަދާދޭސިސްޓަމަކަށްދޯއުޅެވޭވަރުވަނީ. އެވެސްމީގެ ފަނަރަވަރަކަށްއަހަރުކުރިން؟
ބޯގޮވާނެ
09 February 2020
މިނިސްޓަރު ބަދަލުވިޔަސް ކަންކަން ރަނގަޅުވާނީ ރައްޔިތުން އިސްލާމްދީނުގަ އަންގަވާފައިވާ ގޮތަށް އުޅެގެން. ބަޔަކު ވަހުޝީ ވެގެން ކުރާ ވިޔާނުދާ ކަންތައް މިނިސްޓަރަށް އެނގޭނީ އެތަށް ވަރެއްވާފަހުން. ޢެބަޔެއްގެ ހާލަތު ބަދަލު ކުރާނި އެބަޔަކު އަމިއްލައަށް.
ާަސެންގުއިން
09 February 2020
ޓްރޫ
ޅަތޫފާ
09 February 2020
ޢިސްތިއުފާ ލޮލް
މުބީނު މާރނީ
09 February 2020
ޝިދާތާ އަށް ވީވަރު ވެސް ނުވާނެ !!!
ވުވެޑުވެވު
09 February 2020
އައިޝާ އިސްތިއުފާ