ރާއްޖޭގައި، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް 43 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

ރާއްޖޭގައި ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީތެރިކަމާ އެކު 43 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް މިއަދު އިފުތިތާހުކޮށްފި އެވެ.


މި ޕްރޮޖެކްޓް ރަސްމީކޮށް ފެށިކަން އިއުލާންކުރީ، ރާއްޖެ އާއި އީޔޫގެ ސީނިއާ އޮފިޝަލުންގެ މެދުގައި ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމަށް ފަހު، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ޚަރަދު ކުރަނީ ރާއްޖެ-އީޔޫގެ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވާ 43 މިލިއަން ރުފިޔާ ނުވަތަ 2.5 މިލިއަން ޔޫރޯގެ ތެރެއިން ކަމަށެވެ. އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އެ މިނިސްޓްރީން ބުނިގޮތުގައި، ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް ގުޅިގެންނެވެ.

ރާއްޖޭގައި ވެސް ހަރުކަށި ފިކުރުގެ ނުރައްކާ މިހާރު އިންތިހާ އަށް އޮތް އިރު، އެކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ މި ޕްރޮޖެކްޓްގެ ތަފްސީލެއް ދިވެހި ސަރުކާރާއި އީޔޫ އިން ވެސް އަދި ހާމައެއް ނުކުރެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ފައިނޭންސް ކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ފަދަ ބައިނަލްއަގްވާމީ އެހެން ކަންކަމުގައި ވެސް ރާއްޖެ-އީޔޫ ގުޅިގެން މަސައްކަތް ކުރުމަށް މިއަދު މަޝްވަރާކުރި ކަމަށެވެ.

ރާއްޖެ-އީޔޫގެ އިސްވެރިންގެ މިއަދުގެ ބައްދަލުވުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޔޫރަޕަކީ 2050 ގެ ނިޔަލަށް ކާބަން ނިއުޓްރަލް ސަރަހައްދަކަށް ހެދުމުގެ އަމާޒަށް ވާސިލް ވުމަށް ޔޫރަޕިއަން ގްރީން ޑީލް މިދިޔަ ޑިސެމްބަރު މަހު ވަނީ އެޑޮޕްޓް ކޮށްފަ އެވެ.

"ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މިހާރު ވެސް ރާއްޖޭގެ ނޭޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަންސް އިމްޕްލިމެންޓް ކުރުމަށް 85.8 މިލިއަން ދިވެހި ރުފިޔާގެ އެހީއަކާއި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އިން ރާއްޖެ އަށް ދޫކުރި 771.6 މިލިއަން ދިވެހި ރުފިޔާގެ ލޯން އީޔޫ އިން ފާހަގަކުރެ އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ރާއްޖެ-އީޔޫއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް މި ބޭއްވީ، މަޝްވަރާތައް ކުރިއަށް ގެންދާނެ އާ ނިޒާމެއް ގާއިމް ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރު ޖޫން މަހު ބްރަސަލްސް އަށް ކުރެއްވި ދަތުރުގައި އެ ޖަމާއަތުގެ އޮފިޝަލުންނާ އެކު ދެއްކެވި ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއީ، އެ ވާހަކަތަކަށް ފަހު ރާއްޖެ-އީޔޫން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ރާއްޖެ-އީޔޫގެ މިއަދުގެ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވި، ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަލީލާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފޯ އޭޝިއާ އެންޑް ޕެސިފިކް ޕައޯލާ ޕަމްޕަލޯނީ، މަޝްވަރާތައް ފެށުމުގެ ކުރިން ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މި ބައްދަލުވުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގައި ޑިމޮކްރަސީ އިޔާދަކޮށް، ހެޔޮވެރިކަމާއި ގާނޫނުގެ ވެރިކަން ކުރުމަށް މިހާރުގެ ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން، ބައިނަލްއަގްވާމީ ބައިވެރިންނާ ގުޅުން ބަދަހިވަމުންދާ ކަމުގެ ހެއްކެކެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި އެވެ.

އެ މިނިސްޓްރީން ބުނީ، ރާއްޖެ-އީޔޫގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ.

"ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވް" މެދުވެރިކޮށް ދެފަރާތުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް އީޔޫ އާއި ދިވެހި ސަރުކާރުން މިއަދު އެއްބަސްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ރާއްޖެ އިން އީޔޫ އަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން އީޔޫގައި އެދުނު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިހާރު ރާއްޖެ އައިސް އުޅޭ އީޔޫގެ ވަފްދުގެ އިސްވެރިޔާ، ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފޯ އޭޝިއާ އެންޑް ޕެސިފިކް ޕައޯލާ ޕަމްޕަލޯނީ، އެމްބެސެޑާ އެޓް ލާޖް އަހުމަދު ސަލީމްއާ މިއަދު ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަދި ރާއްޖޭގެ ސަރަހައްދުގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތައް އީޔޫ އިން ފާހަގަކުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އީޔޫގެ ކަންބޮޑުވުންތަކަށް ރާއްޖެ އިން ހައްލު ގެނެސްފައިވާކަން، ރާއްޖެ އަންނަ އީޔޫގެ ފަންނީ ޓީމުން ފާހަގަކުރާނެ ކަމަށް އުއްމީދު ކުރާކަން އީޔޫ އިން ބުނެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެ ފަންނީ ޓީމު ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ރާއްޖެ-އީޔޫގެ މިއަދުގެ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފޯ އޭޝިއާ އެންޑް ޕެސިފިކް ޕައޯލާ ޕަމްޕަލޯނީ އެވެ. އީޔޫގެ ވަފުދުގެ ބޭފުޅުން މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އިިދިކޮޅު ފަރާތްތަކާ ވެސް ބައްދަލުކުރައްވައިފަ އެވެ.