އަދަބު ލުއިކުރުމާ ބެހޭގޮތުން ކްލެމެންސީ ބޯޑުން ތިން މަސް ތެރޭގައި ލަފާ ދޭ ގޮތަށް ނިންމައިފި

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމާ ބެހޭގޮތުން ކްލެމެންސީ ބޯޑުން ތިން މަސް ތެރޭގައި ރައީސަށް ލަފާ އަރުވާ ގޮތަށް ހަމަޖައްސައިފި އެވެ.


ކްލެމެންސީ ބޯޑަކީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގައި ރައީސަށް ލަފާ އަރުވަން މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އުފެދިފައި އޮންނަ ބޯޑެކެވެ. އެކަމަށް އެދި ހުށަހަޅަން ޖެހެނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުންދާ އެ ބޯޑަށެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި އެ ބޯޑަށް ފޯމް ހުށަހެޅޭތާ ތިން މަސް ތެރޭގައި ރައީސަށް ލަފާ އަރުވަންޖެހޭ ގޮތަށް އެ ބޯޑުން އިއްޔެ ނިންމާފައިވާ ކަމަށެވެ.

އޭޖީ އޮފީހުން ކުރި ޓްވީޓް

މައާފް ދިނުމަށް ނުވަތަ އަދަބު ލުއިކޮށް ދިނުމަށް އެދި ކްލެމެންސީ ބޯޑަށް ހުށަހެޅޭނީ އިސްތިއުނާފްގެ މަރުހަލާތައް ނިމިފައިވާ ނުވަތަ އިސްތިއުނާފް މުއްދަތު ހަމަވުމުން އެ ފުރުސަތު ގެއްލިފައިވާ މީހުންނަށެވެ. އަދި އެކަމަށް އެދި ހުށަހެޅޭނީ ވެސް ހުކުމުގެ ވަކި މުއްދަތެއް ތަންފީޒު ކުރުމަށް ފަހު އެވެ. އެކަމަކު އެ ބޯޑުން ދޭ ލަފައަށް އަމަލު ކުރުމާއި ނުކުރުމުގެ ބާރު ރައީސަށް އޮވެ އެވެ.