މާލޭގެ ކާނިވާ ސަރަހައްދުގައި ބަސް ސްޓޮޕެއް ހަދައި އެ ސަރަހައްދުން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން އެމްޕީއެލް އިން އިއްޔެ ފަށައިފި އެވެ.
އެ ކުންފުނިން ބުނީ، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަން މާލެ އާއި ހުޅުމާލެއާ ދެމެދު އާ ބަސް ރޫޓެއް ފަށާފައިވާ ކަމަށެވެ. އެ ރޫޓުގައި މާލެ އިން ދެ ތަނަކަށް އަދި ހުޅުމާލެ އިން ވެސް ދެ ތަނަކަށް ބަސް ހުއްޓާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެއީ މާލެ އިން ކާނިވާ ސަރަހައްދުގެ ބަސް ސްޓޮޕާއި ހެންވޭރު ވޮލީކޯޓު ކުރިމައްޗާއި ހުޅުމާލޭގެ ރެޑްވޭވް ކުރިމަތި އަދި ހުޅުމާލޭގެ ސެންޓްރޯ މޯލް ކުރިމައްޗެވެ.
ބަސް އަނބުރާނެ ޖާގަ ހެދުމަށް، ކުރިން ލައިސަންސް ނަގަން ވެހިކަލްތައް ދުއްވި ބިން ހުސްކޮށް އެ ސަރަހައްދަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
ކާނިވާ ސަރަހައްދުން ފެށިގެން ހުޅުމާލެ އަށް ބަސް ދަތުރުތައް ފަށަން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ކުރިންނެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެކަން އޮތީ ނުވެ އެވެ.
އެމްޕީއެލްގެ ބަސް ދަތުރުތައް މީގެ ކުރިން ހަމަޖައްސާފައި ވަނީ ހުޅުމާލެ އިން ފެށިގެން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައިވާ ބަސް ޓާމިނަލާއި ބަސް ސްޓޮޕްތަކަށެވެ.