ބްރޯޑްކޮމް އަށް އައްޔަންކުރާ ލިސްޓްގެ ކުރިއަށް އަނެއްކާވެސް ޝިފްލާ

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން ޓީވީ ޕްރެޒެންްޓަރު ޝިފްލާ އިބްރާހީމްގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ކުރިން ފޮނުއްވުމުން ފާސް ނުކޮށް ފެއިލްކޮށްލާފައި ވަނިކޮށް މިއަދު ފޮނުއްވި ލިސްޓްގެ ކުރީގައި ޝިފްލާގެ ނަން އަނެއްކާވެސް ހިމަނުއްވައިފި އެވެ.


ބްރޯޑްކޮމް އަށް އައްޔަން ކުރަން ރައީސް މީގެ ކުރިން ފޮނުއްވި ލިސްޓުގައި ޝިފްލާއަށް އިސްކަން ދެއްވި ނަމަވެސް ރައްްޔިތުންގެ މަޖިލީހުން އޭނާގެ ނަން އޭރު ވަނީ ފާސްް ނުކޮށްފަ އެވެ. މަޖިލީހުން އެފަހަރު ފާސްކުރީ ގދ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހުމަދު ގައިސްގެ ނަމެވެ.

ޝިފްލާ އިބްރާހީމް ވަނީ ބްރޯޑްކާސްޓިން ޖާނަލިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވަ އެވެ. އެންމެ ފުރަތަމަ ނިއުސް ޕްރެޒެންޓަރެއްގެ ގޮތުގައި އަދި ފަހުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކޮށް މިހާރު މަސައްކަތްކުރަނީ ސަންގު ޓީވީގަ އެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފަ އެވެ.

ބްރޯޑްކޮމް އަށް އައްޔަންކުރާނެ ބޭފުޅަކު ކަނޑައަޅަން ރައީސް މިފަހަރު ފޮނުއްވި ލިސްޓްގައި 15 ބޭފުޅެއްގެ ނަން ހިމެނެ އެވެ. އެ ލިސްޓްގައި ޝިފްލާ އަށް ފަހު ދެން އޮތީ ވީޓީވީގެ ނޫސްވެރިޔާ އާމިނަތު އަމީނާ އެވެ. އެ ލިސްޓްގައި ނޫސްވެރިންގެ އިތުރުން ދެން އެންމެ ފާހަގަކޮށްލެވޭ ނަމަކަށް އޮތީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ނަމެވެ. އޭނާގެ ނަން އޮތީ ލިސްޓްގެ އަށް ވަނައިގަ އެވެ.

ރައީސް ފޮނުއްވި ލިސްޓް

1- ޝިފްލާ އިބްރާހީމް

2- އާމިނަތު އަމީނާ

3- އާމިނަތު ނުޒުހާ

4- ސައުދާ ސަލީމް

5- މުހައްމަދު ފަޒީން

6- ޒުބައިރު އަހުމަދު

7- މޫސާ ރިލްވާން

8- އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު

9- ހުސައިން ފާއިޒް

10- އިމްރާނާ ބިންތު އަބްދުﷲ

11- އިސްމާއީލް ސާޖިދު

12- އަހުމަދު ޚަލީލް

13- މުހައްމަދު ރަޝީދު އަހުމަދު

14- އަހުމަދު ފައިރޫޒް

15- އައިޝަތު އަރީފާ

ބްރޯޑްކޮމް އަށް އައްޔަންކުރާނެ ބޭފުޅަކު އައްޔަންކުރަން ރައީސް ފޮނުވި ލިސްޓް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.