މޯލްޑިވްސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވަގަށް ނެގި 3.3 ބިލިއަން ރުފިޔާ އިން މަންފާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓާ މެދު ގޮތެއް ނިންމަން ޖެހިފައިވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާތަކުން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައި އެ ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި މިހާރުގެ 16 މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުންނާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމްތަކުގައި އުޅުއްވި 30 ބޭފުޅުންނާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ފަސް ފަނޑިޔާރުން (އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން ހިމެނެ އެވެ.
ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުކުރާ މީހުންގެ ތަހުގީގު ބާރު ސްޕީޑުގައި މިދޭތެރެއަކުން ކުރިއަށް ދިޔަ ނަމަވެސް މިހާރު އަނެއްކާވެސް އޮތީ މަޑުޖެހިފައި ކަމަށެވެ. މުއައްސަސާތަކުން މިހާރު ތިބީ އަލުން އެ ތަހުގީގު އަވަސް މިނުގައި ގެންދިއުމުގެ ރޫހުގައި ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ވެސް ޕީޖީ ދެއްވި އެވެ.
"އަޅުގަނޑުމެން މިހާރު އެކަމާ އުޅުއްވާ ހުރިހާ މުއައްސަސާތަކުގެ ބޭފުޅުންނާ ވެސް ބައްދަލުކުރަމުން މި އަންނަނީ. އަޅުގަނޑުމެން ވާނެ މި ހަފުތާގެ ތެރޭގައި ގަވަރުނަރާއި އޭސީސީގެ ރައީސާއި މެމްބަރުންނާއި ކޮމިޝަނާ ވެސް ބައްދަލުކޮށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ވާހަކަ ދެކެވިފައި،" ޝަމީމް ވިދާޅުވި އެވެ.
ތި ވިދާޅުވާ ލިސްޓު އަޅުގަނޑު ބޭނުން ވަނީ ލިސްޓެއް ގޮތަށް ނޯވެ އެއަށް ގޮތެއް ނިންމަން. ކޮންމެވެސް އެއްގޮތަކަށް، ދައުވާ ކުރަންޏާ ކުރަން ނުކުރަންޏާ ނުކުރަން. --ޝަމީމް
ޝަމީމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީން މަންފާވި ކަމަށް ގިނަ ބައަކަށް ތުހުމަތުކޮށްގެން ތިބުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެންވެ އެކަމުގައި ވަކި ތާވަލެއް ހަދައިގެން މުއައްސަސާތަކުން މަސައްކަތްކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ބައިވަރު މީހުންގެ ވާހަކަ މި ދައްކަނީ. މީގެތެރޭގައި ވިސްނުން ބަހައްޓަން ޖެހޭ ކަންތައްތަކެއް ހުރޭ. އަޅުގަނޑުމެންގެ ވިސްނުން ހުރީ މިހާރު މިއޮތް ލިސްޓުގައި ހުރި މީހުންގެ ކަންކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސައި އެކަން ނިންމަން،" ޕީޖީ ވިދާޅުވި އެވެ.
މީގެތެރެއިން ވެސް ދައުލަތުގެ މުއައްސަސާތަކުގައި އޭރު އަދި މިހާރުވެސް ތިބި މީހުންގެ މައްސަލަތައް އަވަހަށް ނިންމަން ޖެހޭ ކަން ޕީޖީ ފާހަގަކުރެއްވި އެވެ. އެ ލިސްޓުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން ހިމެނޭ ކަމަށް ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މަގާމްތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާ އެކު ލިސްޓެއް ބާއްވާފައި އޮތުމުން، ޕީޖީ ވިދާޅުވި ގޮތުގައި، މުޅި ނިޒާމާ މެދު އިތުބާރު ގެއްލޭ ގޮތް މެދުވެރިވެ އެވެ. މައްސަލަތައް އަވަސްކުރަން ޖެހޭ ސަބަބަކީ އެއީ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން މަންފާ ލިބުނު އަދަދު ހާމަކުރަމުން ފުލުހުން ބުނެފައި ވަނީ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ އެކި ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރާނެ ކަމަށެވެ. ބައެއް މީހުން ހާޒިރުކޮށް ބަޔާން ވެސް ނެގި އެވެ.
ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ތުހުމަތުވާ ބޭފުޅުންތަކެއް ތިބި ނަމަވެސް އެއީ، ސީދާ ޚިޔާނާތުގެ ބައިވެރިން ކަމަށް ބުނަން އަދި އަވަސް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.