ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް އޮތްގޮތުން، ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު އަމަލުކުރާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި، ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނެއް ވުޖޫދަށް ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި އޮތީ ފުލުހުންގެ ޚިދުމަތަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އަދި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމާ އެކު ދެވޭ ޚިދުމަތެއް ކަން ކަށަވަރު ކުރުމެވެ.
އެކަމާ ގުޅިގެން، ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބިލް އޮތްގޮތުން ފުލުހުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސްއެޅޭ ކަމަށެވެ. އަދި ފުލުހުންނަށް ސިޔާސީ ނުފޫޒާއި އެހެނިހެން ނުފޫޒުތައް މިހާރަށް ވުރެ ބޮޑަށް ފޯރުވުމުގެ ފުރުސަތު ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި، މިފަދަ މުޖްތަމައުއެއްގައި އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ފުލުހުންނަށް މަސައްކަތް ކުރެވެން ޖެހޭނެ އެވެ.
މިހާރު އަމަލުކުރާ ފުލުހުންގެ ގާނޫނަކީ 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރާ ގާނޫނެކެވެ.