16 ފެބުރުއަރީ 2020 - 17:31
އދ. އިން ރާއްޖެ އަށް ކަނޑައެޅި އާ މަންދޫބު ކެތަރިން ހެސްވެލް، އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.
މީގެ 75 އަހަރު ކުރިން އުފެއްދި ޖަމިއްޔާގެ މަންދޫބަކަށް މީގެ ކުރިން ރާއްޖޭގައި ހުންނެވީ ޝޮކޯ ނޯޑާ އެވެ. މިދިޔަ އޭޕްރީލް މަހު އޭނާގެ ދައުރު ހަމަވުމުން، މެއި 3، 2019 އިން ފެށިގެން މިއަދާ ހަމައަށް އދ. އިން ކަނޑައަޅާފައިވާ ވަގުތީ މަންދޫބަކަށް ހުންނެވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑރ. އަރްވިންދް މާތުރު އެވެ.
މަގާމުގެ ފަތްކޮޅު އެރުވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އދ. އަކީ ރާއްޖޭގެ ތަރައްގީގައި ބޮޑު ދައުރެއް އަދާކުރާ ޖަމާއަތެއްކަން ފާހަގަކޮށް، ކެތަރިން ހެސްވެލްގެ އިރުޝާދާއެކު އެ ޖަމާއަތާ އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި އެ ޖަމިއްޔާގެ ބައިވެރިވުން ކުރިއަށްވުރެ ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އދ. ގެ އާ މަންދޫބު ވިދާޅުވީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގެ ޕްލޭނުގައިވާ ތަރައްގީގެ އެޖެންޑާ ހާސިލްކުރުމުގައި އެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އޭނާ ވަނީ އދ. އިން އަބަދު ވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އޭނާ ވަނީ އަންހެނުން ބާރުވެރިކުރުވުމާއި މިންތީގެ ހަމަހަމަކަމަށް ސަރުކާރުން ކުރާ މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިހޮއްކޮ ރެސްޓޯރަންޓް
16 February 2020
މަރްހަބާ މެޑަމް.