ހުޅުމާލެ ޕްރީ ސްކޫލާ ގުޅޭ ޝަކުވާތަކެއް އޭސީސީ އަށް

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލާ ގުޅޭ ޝަކުވާތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.


އެ ކޮމިޝަންގެ މީޑިއާ އޮފިިޝަލަކު މިއަދު ވިދާޅުވީ، މުހައްމަދު ގާސިމް ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދަން ހަތަރު ވަނަ ފަހަރަށް ކުރި އިއުލާނަށްފަހު، ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހާއި މިދިޔަ އާދިއްތަ ދުވަސް އަދި މިދިޔަ އަންގާރަ ދުވަހު ވެސް އެކަމާ ގުޅޭ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މައިގަނޑު ގޮތެއްގައި ލިބިފައިވަނީ، އޯޓިޒަމް ސެންޓަރު ކައިރީގައި ހަދާފައިވާ ޕްރީ ސްކޫލުގެ ހިންގުން ބަޔަކާ ހަވާލުކުރަން އުޅޭކަމުގެ ތުހުމަތެވެ. އެހެންވެ އޭސީސީ އިން އަންނަނީ އެ ޝަކުވާތައް ދިރާސާކޮށް، އެކަން ތަހުގީގުކުރަންޖެހޭތޯ ބަލަމުންނެވެ.

ދިހަ ކްލާސްރޫމްގެ ޕްރީ ސްކޫލް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއާއެކު އެތަން ހިންގާނެ ބަޔަކު ހޯދަން ހަތަރު ފަހަރަށް އިއުލާނުކުރި އެވެ. ނަމަވެސް މިނިސްޓްރީ އަށް އަދިވެސް އެ އުޅެނީ ޕްރީ ސްކޫލު ހިންގާނެ ބަޔަކު ކަނޑަނޭޅިގެންނެވެ. އެތަން ހިންގާނެ ބަޔަކު ހޯދަން ތިން ފަހަރަށް ކުރި އިއުލާނާއެކު ލިބުނު ޝަކުވާތަކަށްފަހު، އެ ކޮމިޝަނުން ވަނީ ވަކި ކަންތައްތަކަކަށް ސަމާލުކަން ދިނުމަށްފަހު އަލުން އިއުލާނުކުރުމަށް އެދިފަ އެވެ. އެ އެންގުމާ އެއްގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަތަރު ވަނަ ފަހަރަށް އިއުލާނުކުރި އެވެ.

"މިހާރު ދިރާސާކުރަމުން އަންނަނީ އެ ޝަކުވާތައް. ދިރާސާކުރުމަށްފަހު ކަނޑައަޅާނީ އެ މައްސަލަ ތަހުގީގުކުރާނެތޯ ނުވަތަ ނޫންތޯ. އެ މަސައްކަތް ހަވާލުކުރުން މަޑުޖައްސާލަކަށް ނާންގަން،" ހަސަން ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ހަތަރު ފަރާތަކުން ބިޑް ހުށަހެޅި އެވެ. އެއީ ބިލަބޮންގް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަނާއި އިލްމު އެޑިއުކޭޝަންގެ އިތުރުން އިރުސިޔާދު އިންޓަނޭޝަނަލެވެ.

މީގެ ތެރެއިން އިލްމު އެޑިއުކޭޝަނަކީ އަލަށް އުފެއްދި ކުންފުންޏެކެވެ.

މިނިސްޓްރީން ކުރިން ބުނީ މި އަހަރުގެ ދިރާސީ އާ އަހަރާ އެކު އެ ޕްރީ ސްކޫލުގައި ވެސް ކިޔެވުން ފަށާނެ ކަމަށެވެ. ނަމަވެސް މިހާރު ހަމަޖައްސާފައި ވަނީ ދެ ވަނަ ޓާމުގައި ކިޔަވައިދޭން ފަށާ ގޮތަށެވެ.