ފިޝަރީޒް މިނިސްޓްރީ ފެއިލްވެއްޖެ، މިނިސްޓަރު އިސްތިއުފާ ދެއްވާ: ޝަހީމް

ރާއްޖޭގެ މަސްވެރިންގެ ހާލަތު ފިޝަރީޒް މިނިސްޓްރީން ނުބަލާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޒަހާ ވަހީދުގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައްވަައިފި އެވެ.


ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަށް ބަހުސް ކުރުމުގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ ފެއިލް ވެއްޖެ ކަަމަށެވެ. އަދި މަސްވެރިންގެ ހާލަތު އެމިނިސްޓްރީން ނުބަލާ ކަމަށާއި އެހެންވެ ފިޝަރީޒް މިނިސްޓަރު އިސްތިއުފާ ދެއްވަން އޭނާ ގޮވާލެއްވި އެވެ.

ޝަހީމް ވިދާޅުވީ އެ މިނިސްޓްރީ ހިންގެވޭ ވަރުގެ ބޭފުޅަކު އެ މިނިސްޓްރީއަަށް ލައި، މަސްވެރިންގެ ހައްގުތައް ހިމާޔަތް ކޮށްދޭން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް ވަޑައިގެން ސަރުކާރަށް ސަނާ ކިއުއްވާފައި މެމްބަރުންނަށް ވަޑައިގެންނެވިދާނެ އެވެ.

"އަޅުގަަނޑުމެން މިތަނުން މަސްވެރިންގެ ބިލެއް ވެސް ފާސްކޮށްފިން. އަޅުގަނޑުމެން އެ ބިލް ފާސްކުރި އިރު އޭގައި އަޅުގަނޑުމެން ލިއުނިން އެކަން ކުރާނެ އުސޫލުތަކަކާއި ހަމަަތަކަކާ. އެހެން ނަމަވެސް މިއަދު ކޮބައިތޯ މަސްވެރިންގެ ހާލަތު؟ މިނިސްޓްރީ އޮތީ ކިހާ ހިސާބެއްގައިތޯ؟ ކޮބައިތޯ މިނިސްޓަރު؟" ޝަހީމް ސުވާލު ކުރެއްވި އެވެ.

ޒަހާއާ މެދު ވަރަށް އަވަހަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ދޮންބިލެތް އަހުމަދު ހަލީމު ވަނީ ދެއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަަހީމް

"މިއަދުގެ ހަގީގަތަކީ ފިޝަރީޒް މިނިސްޓްރީ ފެއިލް ވެއްޖެ. ފެއިލް ވެއްޖެ. އަޅުގަނޑު ގޮވާލަން މިނިސްޓަރު އިސްތިއުފާ ދެއްވާ. ދެއްވާފައި އެ މިނިސްޓްރީ ހިންގޭ ވަރުގެ މީހުން އެތަނަށް ލައިގެން، ދިވެހި މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށްދެއްވާ،" ޝަހީމް ވިދާޅުވި އެވެ.

އެކަމަކު އޭނާގެ ވާހަކާގައި ގެއްލިގެން އުޅެނީ މަސްވެރިންގެ ކޮން ހައްގެއް ކަމާއި މަސްވެރިންގެ ހާލަތު ދަށަށް ދިޔައީ ކީއްވެގެންކަން ވިދާޅެއް ނުވެ އެވެ.

ޝަހީމްގެ ފާޑުވިދާޅުވުން އަމާޒުވީ ހަމައެކަނި ޒަހާއަކަށް ނޫނެވެ. ސަރުކާރުގެ ކުންފުނިތައް ހިނގާ ގޮތަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުންފުނިތަކުން ހިދުމަތް ދޭ ގޮތާ މެދު ރަައްޔިތުން ޝަކުވާކޮށް، މެމްބަރުންނާ ސުވާލުކުރެ އެވެ. އޭގެ ސަބަބަކީ ސަރުކާރު ހިންގާ ކޯލިޝަންގެ އެކި ޕާޓީތަކަށް ނިސްބަތްވާ އެމްޑީންނާއި ޑީއެމްޑީން، ކުންފުނިތަކުގައި ތިއްބެވުން ކަމަށް ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީ މީހުން އިސްކޮށްގެން، އަދާލަތު ޕާޓީ އިސްކޮށްގެން ބޯޑުތަކަށް އަޅުގަނޑުމެންނަށް ލެވިދާނެ. ނަތީޖާ މި އޮތީ ފެންނަން. މުއައްސަސާތައް މި އޮތް ދަނީ ފެއިލްވަމުން. އިއްޒަތްތެރި ރައީސް، މި ސަރުކާރު ފެއިލްވުމުގެ ކުރިން ސަރުކާރުން ވަރަށް ފުންކޮށް އެބަ ވިސްނަން ޖެހޭ،" ޝަހީމް ވިދާޅުވި އެވެ.