އިއްޔެ އުމްރާ އަށް ފުރި މީހުން މައްކާ އަަށް ހިނގައްޖެ

ކޮވިޑް-19 ފެތުރޭތީ ހައްޖާއި އުމްރާ އަށް ދިއުމަށް ވިސާ ދިނުން ސަައުދީ ސަރުކާރުން ވަގުތީ ގޮތުން ހުއްޓައިލި ނަމަވެސް ރާއްޖޭން އިއްޔެ ފުރި އުމްރާވެރިން އެ ގައުމަށް އެތެރެކޮށްފި އެވެ.


ނަވާ ހައްޖު ޖަމާއަތުގެ ހަވާލުގައި އިއްޔެ ފުރި 49 މީހުން މިހާރު ތިބީ މައްކާގައި ކަމަށް އެ ޖަމާއަތުން ބުންޏެވެ. ވިސާ ދިނުން މަޑު ޖައްސައިލިޔަސް، ރާއްޖޭން އިއްޔެ ފުރަން އޮތް މީހުން އެ އުސޫލުން އިސްތިސްނާ ވާނެ ކަމަށް ސައުދީ ސަރުކާރުން ކުރިން ވެސް އޮތީ ބުނެފަ އެވެ.

ސައޫދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އުމްރާ އަށް މީހުން ދިއުން ވަގުތީ ގޮތުން ހުއްޓުވީ ސައޫދީ ރައްޔިތުންނާއި ހަރަމްފުޅުތަކަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ.

މި ނިންމުމާ އެކު، ރާއްޖޭން އުމުރާ އަށް ފުރަން ތައްޔާރު ވެފައި ތިބި ބައެއް ޖަމާއަތްތަކަށް ނުފުރިދާނެ ކަމުގެ ބިރު ހީވި އެވެ.

ވައިރަސް ފެތުރޭ ގައުމުތަކަށް ސައޫދީ ރައްޔިތުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށް، އެ ގައުމުން ވަނީ ވިސާއާ ނުލައި، އައިޑެންޓިޓީ ކާޑު ބޭނުންކޮށްގެން ސައޫދީ އާއި ގަލްފުގެ ގައުމުތަކުގެ މީހުން އެ ގައުމުތަކުގެ ދެމެދުގައި ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން ވެސް މި ވަގުތަށް މެދުކަނޑާލައިފަ އެވެ.

ކޮރޯނަވައިރަސްގެ ވައްތަރެއް ކަމަށްވާ މިޑްލްސް އީސްޓް ކޮރޯނާވައިރަސް (މާސް) 2018 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި ފެތުރިފައިވެ އެވެ. އެފަހަރު ވެސް ސައޫދީން ވަނީ ހައްޖާއި އުމްރާ އަށް މީހުން އެތެރެވުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ހައްޖާއި އުމްރާ އަށް މީހުން ގެނައުން ހުއްޓައެއް ނުލަ އެވެ.