ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި ފެމިލީ ލީގަލް ކްލިނިކުން ހިލޭ ގާނޫނީ ލަފާ ދޭން ފަށައިފި

އާއިލީ މައްސަލަތަކަށް ހިލޭ ގާނޫނީ ލަފާ ދެމުން އަންނަ ފެމެލީ ލީގަލް ކްލިނިކްގެ ހިދުމަތް ފުޅާކޮށް ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި ވެސް ހިލޭ ގާނޫނީ ލަފާ ދޭން މިއަދު ފަށައިފި އެވެ


މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ފެށި މި ހިދުމަތްތައް، ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހާއްސަ ސަމާލުކަމެއް ދޭނެ އެވެ. މީގެ ހަ އަހަރު ކުރިން 2014 ގައި ފާސްކޮށްފައިވާ ޖިންސީ ކުށުގެ ގާނޫނޫން ކަށަވަރުކޮށްދޭ ހައްގުތައް ފޯރުކޮށްދޭން މަސައްކަތްކުރާނެ ކަމަށް ފެމިލީ ލީގަލް ކްލިނިކުން ބުންޏެވެ.

އަންހެނުންނަށް ދިމާވާ މައިގަނޑު އެއް ގޮންޖެހުމަކީ، ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަ އާއި ގޯނާގެ މައްސަލަތައް ކަމަށް އެ ކްލިނިކުން ބުންޏެވެ. އަދި މި ފަދަ މައްސަލައެއް ދިމާވުމުން ދެން ކުރިއަށްދާނެ ގޮތް ގިނަ އަންހެނުންނަށް ނޭނގޭ ކަމަށާއި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް، މައްސަލަ ހުށަހަޅަން ފަސްޖެހޭ ކަމަށް އެތަނުން ބުންޏެވެ.

ފެމިލީ ލީގަލް ކްލިނިކުން ބުނީ މިފަދަ މައްސަލައެއް ދިމާވުމުން، އެ މައްސަލައަކައިގެން ކުރިއަށް ދާންވީ ގޮތްތައް ކިޔާދޭނެ ކަމަށެވެ. އަދި ވަޒީފާ ދޭ ފަރާތަކަށް މައްސަލަ ހުށަހެޅޭނެ ގޮތްތަކާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގައި ދޭންޖެހޭ ގާނޫނީ އެހީތެރިކަން ވެސް އެތަނުން ފޯރުކޮށްދޭނެ ބުންޏެވެ.

މި ގާނޫނުގެ ދަށުން އަންހެނުންނަށް ލިބިދޭ ރައްކާތެރިކަމާއި ހައްގުތަކާއި ގުޅޭ ގޮތުން ހޭލުންތެރިކަން ފޯރުކޮށްދޭން ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށް ވެސް އެ ކްލިނިކުން ބުންޏެވެ.

އެ ކްލިނިކްގެ ވައިސް ޗެއާޕާސަން ސުވޭޒާ ނައީމް ވިދާޅުވީ އެކި ފެންވަރުގެ މީހުންގެ ފަރާތުން އަންހެނުންނަށް އެކި ބާވަތުގެ ފުރައްސާރަ އާއި ގޯނާއާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ގާނޫނީ ގޮތުން ކުރިއަށް ދާންޖެހޭ ގޮތް ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ، މި ގާނޫނާގެ ހޭލުންތެރިކަން އިތުރުކޮށް، ވަޒީފާ ދޭ ފަރާތްތަކުން ގެންގުޅޭ ނިޒާމްތައް ހަރުދަނާކުރުމަށް ބާރުއަޅައި، މިފަދަ ހާދިސާތައް ދިމާވާ ފަރާތްތަކަށް ލިބެންޖެހޭ ގާނޫނީ އެހީތެރިކަން ފަސޭހައިން ފޯރުކޮށްދިނުން،" ސުވޭޒާ ވިދާޅުވި އެވެ.

ގާނޫނީ ހިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެމިލީ ލީގަލް ކްލިނިކުން ފެށީ 2014 ވަނަ އަހަރެވެ. އާއިލާގައި ދިމާވާ އެކި މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭ ގާނޫނީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން އެކަންކަމާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް އެތަނުން ހިންގަ އެވެ.