އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީނާ އޭސީސީން ސުވާލުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.


ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީގެ ތަހުގީގު ޓީމުން މިދިޔަ މަހު ރައީސާ ސުވާލުކުރީ އެމަނިކުފާނުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައިގައި ކަން އެނގިފައިވެ އެވެ.

އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް އެސްއޯއެފް އިން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ޗެކްތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖުމްލަ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ޗެކްތަކެއްގެ ކޮޕީ ވެސް ހިމެނެ އެވެ.

އެސްއެއޯފް އަކީ އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އޮޅުވާލައިގެން ނަގާފައިވާ ކުންފުންޏެވެ.

ރައީސް ޔާމީން އަދި ރައީސް އޮފީހުން ސާފުކުރަން ބޭނުންވި ކަންކަމުގައި ވެސް ތަހުގީގަށް ފުރިހަމަ އެއްބާރުލުމެއް ވަނީ ދީފައި. --މުއައްވިޒް

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު "މިހާރު" އަށް ވިދާޅުވީ ރައީސާ ސުވާލުކޮށްފައި ވަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތުތަކެއް ސާފުކުރަން ކަމަށެވެ. ތަހުގީގަށް ރައީސް ޔާމީން ފުރިހަމަ އެއްބާރުލުން ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން އަދި ރައީސް އޮފީހުން ސާފުކުރަން ބޭނުންވި ކަންކަމުގައި ވެސް ތަހުގީގަށް ފުރިހަމަ އެއްބާރުލުމެއް ވަނީ ދީފައި،" މުއައްވިޒް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، އޭރުގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށްވެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން: އެ ކޮމިޝަނުން އަންނަނީ އެމްއެމްޕީއާރުސީ މައްސަލައިގެ ތަހްގީގް ރިޕޯޓް އެކުލަވާލަމުން.

އެ ކުންފުންޏަށް ލިބުނު ފައިސާ ރައީސް ޔާމީންގެ ދެ ކަނބަލުންނާއި ސަރުކާރު ހިންގާ ޕީޕީއެމަށް ފޯރުކޮށްދީފައިވާނެ ކަމަށް އެސްއޯއެފުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކި ހަފުލާތަކުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ސަރުކާރުގެ ކޮރަޕްޝަން އަދީބާ ހަމައިން ނިމިފައިވާ ކަމަށެވެ. އެ ހިޔާނާތުގައި ސަރުކާރުގެ އިތުރު ބޭފުޅަކު ބައިވެރިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ހާމިދު އިސްމާއިލް (ހާމިދު ސޭޓް)ގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ވަނީ ފަށައިފަ އެވެ.