ކަސްޓަމްސްގެ އަންހެން މުވައްޒަފުން ކޮމާޝަލް ބަނދަރުތަކުގައި މުދާ ބަލައި ފާސްކުރަން ފަށައިފި

ކޮމާޝަލް ބަނދަރުތަކުގައި މުދައި ބަލައި ފާސްކުރުމާއި މުދާ ދޫކުރުމުގައި ކަސްޓަމްސްގެ އަންހެން މުވައްޒަފުން މިއަދުން ފެށިގެން ހަރަކާތްތެރިވާން ފަށައިފި އެވެ.


ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިން ކޮމާޝަލް ބަނދަރުތަކުގައި މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ އެތަނުގެ ފިރިހެން މުވައްޒަފުން އެކަންޏެވެ. މި ތަފާތު ނައްތާލައި އެކަން އިއުލާނުކުރީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، ޖެންޑާ މިނސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ.

ކަސްޓަމްސް އިން ކުރި ޓްވީޓެއް

ކަސްޓަމްސް އިން ބުނި ގޮތުގައި "ޖީލުގެ ހަމަހަމަކަމަށް އަހަރެން؛ އަންހެނުންގެ ހައްގުތައް ދެނެގަތުން،" ޝިއާރުގެ ދަށުން މިއަދު ފާހަގަކުރި އަންހެނުންގެ ދުވަހުގެ ހަފްލާފައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ މި ގެނައި ބަދަލަކީ ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި އޮންނަ ޖިންސުގެ ތަފާތުކުރުން ނައްތާލަން އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ.

އެ ސިޔާސަތު ދަމަހައްޓަން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން މަސައްކަތް ކުރުމަށް މިނިސްޓަރު ބާރުއެޅުއްވި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އަދި ކަސްޓަމްސް ނަމޫނާއަކަށް ބަލައި، އެހެން އިދާރާތައް ވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރަން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ އަބްދުﷲ ޝަރީފް މި ރަސްމިއްޔާތުގައި ވިދާޅުވީ، ކޮމާޝަލް ބަނދަރުތަކުގައި އަންހެނުން މަސައްކަތްކުރަން ފެށުމުން، ކުރިން އަންހެން މުވައްޒަފުންނަށް ނުލިބި ހުރި ގިނަ ފުރުސަތުތަކެއް ލިބެން ފަށާނެ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރުގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމާއި އިސް މަގާމުތަކަށް ދެވުމުގެ ފުރުސަތު ހުޅުވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.