17 މާޗް 2020 - 22:34
ކޮރޯނާވައިރަސް ފެތުރެމުން ދާ ދަނޑިވަޅެއްގައި، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ އެ މީހަކު ހުރި ގައުމެއްގައި މި ވަގުތު މަޑުކޮށްލުން ކަމަށް، ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލި ނަމަވެސް ރާއްޖެ އައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއާ އަޅާބަލާއިރު ގިނަ ގައުމުތަކުގައި ދިރިއުޅުމުގެ ހާލަތު މާ ރަނގަޅުވާނެ އެވެ. މާލެއަކީ ތޮއްޖެހި ބާރުވެފައި އޮތް ތަނެއްކަން އެންމެނަށް ވެސް އެނގޭނެ ކަަމަށް ވިދާޅުވި އެވެ.
ޑރ. ޝަހީދުގެ ނަސޭހަތަކީ ބޭރު ގައުމުތަކުގައި ދިވެހިން އުޅޭ ސަރަހައްދުތަކުގެ ސިއްހީ ހާލަތަށް ބަލައި އެއަށް ވުރެ ތަންކޮޅެއް ރަނގަޅު ހިސާބަކަށް ބަދަލުވެވޭ ނަމަ އެގޮތަށް ބަދަލުވުމެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ތިބި ދިވެހިން ވެސް ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުން ރަނގަޅު ކަމަށެވެ. އަދި ދަތުރުތައް ކުރާއިރު ވެސް ކޮވިޑް-19 ފެތުރިފައި އޮތް މިންވަރާއި ގައުމުގެ ހާލަތު ވަޒަންކޮށްފައި ނޫނީ ނުފުރަން ވެސް އެދިވަޑައިގަތެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަސް ހުރި 13 ބިދޭސީއަކު ފެނިފައިވެ އެވެ. އެކަމަކު އެއްވެސް ދިވެއްސަކު މިހާތަނަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ޖުމްލަ 10 ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ މެލޭޝިއާ ވެސް ހިމެނެ އެވެ.
ދެން މަނާކުރީ އިނގިރޭސިވިލާތް، ޗައިނާ، އިރާން، އިޓަލީ، ސްޕެއިން، ސައުތު ކޮރެއާ، ފްރާންސް އަދި ޖަރުމަނުގެ ބައެއް ސަރަހައްދުތަކުން މީހުން އައުމެވެ. ނަމަވެސް އެ ގައުމުތަކުގައި ތިބި ދިވެހިން ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ފަހު ރާއްޖެ އައުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެމީހުން ރާއްޖެ އައިސް 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބެން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްސާ222
18 March 2020
ބޭރުގަ ތިބި މީހުން މަޑުކުރަން ގޮވާލާއިރު އެމީހުން ބޭރުގަ ތިބެގެން ހަރަދުކުރަނީ ކޮންބައެއްބާ؟ މައިން ބަފައިން ވިކިގެންނާއި ލޯން ނަގައިގެން ގޮސް ކިޔަަވަންތިބި ކުދިން ނަށް މެލޭޝިއާގަ 700 ރިންގިޓް ހަރަދުކޮށްގެން ހޮސްޕިޓަލް އިން ޓެސްޓް ހެދެނީ. ރާއްޖެ އައީމަ ގައުމުން ލިބޭ ބޭސްފަރުވާ ހިލޭލިބޭނެ. އާސްނަދަ ވެސް ދީފަ އޮތީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން. އެއްވެސް ހޮސްޕިޓަލަކުން އާސަންދައިން ބޭސްކުރެވޭނެ ގޮތެއް ހަމަޖައްސާދީީފަނުވޭ.
ބައްޕަ
18 March 2020
ޚަރަދުތައް ބަލަހައްޓަނީ ކާކުބާ؟ ހުރިހާ މީހުންނަކީ ބޮޑެތި އަދަދު ތަކުން ލިބޭ ބައެއް ނޫން.
ވަލީމް
18 March 2020
ވިސާ ހަމަވާ މީހުން ކިހިނެއްތޯ ހަދާނީ.؟؟އިންޑިއާއަކީ މާލެއައިސް ނޫނީ ވިސާ ޖެހޭ ތަނެއްނޫން...އެހާ ކަންތައްބޮޑުކޮށާނެ ހަމަވުމުން ލުއިގޮތެއް ހައްދަވާ...
މީޑް
18 March 2020
ދުނިޔޭގެ އެހެން ގައުމުތަކުގަ އެގައުމުތަކުގެ މުންސަދިން އެމީހުންގެ ގައުމް މިކަމުން ސަލާމަތްވޭތޯ ބޮނޑެތި އަދަދު ތަކުން އެހީވަނީ. އެކަމް މިގައުމުން މި ފެންނަނި އެމީހުންގެ ވިޔަފާރިތައް ބަގުރޫޓްވާ ވާހަކަ ދަށްކައިގެން ސަރުކާރުން މަންފާ ހޯދަށް އުޅޭތަން
Aliumar
18 March 2020
ސަރުކާރުންތަ ހަރަދު ދެނީ؟
ޑރފަލަޑޭ
18 March 2020
އެނބުރިނައިސް ބޭރުގަ ތިބީމަ ހަރަދުދެނީކާކު؟ މޭރާ ބާޕް؟
ޓިޕިކަލް
17 March 2020
ބޮޑާހޭކުން ހުއްޓަލާފަ ތިބިތަނެއްގަ މަޑުކޮއްލަދީ ޕްލީޒް. އާދޭސް ކޮށްފަ ދެފައިގަ ހިފާފަ މި ބުނަނީ. ހެޔޮނުވާނެ. މަޑުންތިއްބަވާ ގޭގަ
ޚލމހ
17 March 2020
ސުރުހީ ކިޔާފަ ހީކުރީ ކުޑޭ ކަމަށް.
ޙައްހައްހާ
17 March 2020
މިހާރު ހުރިހާ ނަންނަން ކިޔާ ދިވެހި މެޑިކަލް ޑޮކްޓަރުން ތިބެޔޭ