18 މާޗް 2020 - 08:51
މިހާރު މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ރޯގާ ޖައްސާ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ހުބެއި ޕްރޮވިންސުން މި ވައިރަސް ހުރި މީހަކު ނުފެންނަތާ ދެ ދުވަސް ވެއްޖެ ކަމަށް މިއަދު އިއުލާނުކޮށްފި އެވެ.
މިގޮތަށް އިއުލާނުކުރީ އިއްޔެ ފެނުނު ޝައްކުވާ ތިން މީހެއްގެ ސާމްޕަލް ޓެސްޓްކޮށް ޓެސްޓުތައް ނެގެޓިވް ވުމުންނެވެ.
ނަމަވެސް އިއްޔެ އެ ޕްރޮވިންސުން އާންމުކުރި ރެކޯޑްތަކުން ދައްކާ ގޮތުން އޭގެ ކުރީ ދުވަހު އެންމެ މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އަދި ކުރިން ޕޮޒިޓިވްވެ ފަރުވާ ދެމުން ދިޔަ 11 މީހަކު މަރުވި އެވެ. އަލަށް ބަލި ޖެހުނު މީހާ އަކީ އެންމެ ބޮޑަށް ވައިރަސް ފެތުރުނު، ހުބެއި ޕްރޮވިންސްގެ ކެޕިޓަލް ސިޓީ ކަމަށްވާ ވޫހާންގެ މީހެކެވެ.
އަންގާރަ ދުވަހާ ހަމަޔަށް ހުބެއި ޕްރޮވިންސްގެ 16 ސަރަހައްދަކުން އަލަށް އެންމެ ކޭސްއެއް ވެސް ނުފެންނަތާ ވަނީ ފަސް ދުވަސް ވެފަ އެވެ. އަދި އެ ޕްރޮވިންސުން އިއްޔެ އެކަނި ވެސް ވަނީ ބަލިން ފަސޭހަވެ 896 މީހަކު ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. މި އަދަދާ އެކު ޕްރޮވިންސުން ރަނގަޅުވި މީހުންގެ އަދަދު ވަނީ 56،883 އަށް އަރައިފަ އެވެ.
ހޮސްޕިޓަލުން ދޫކޮށްނުލައި ތިބި 7،336 މީހުންގެ ތެރެއިން 2،077 މީހެއްގެ ހާލު ދެރަ ކަމަށާއި އަދި އޭގެ ތެރެއިން 503 މީހެއްގެ ހާލު ބޮޑު ކަމަށް ވެސް ޗައިނާގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.
ލިބުނު ބޮޑެތި ކުރިއެރުންތަކާ އެކު ޗައިނާގެ އެކި ސަރަހައްދުތަކުގައި ވަނީ އާންމުން ބޭރުތެރެއަށް ނުކުމެ އުޅުން ފަދަ ކަންކަމުގައި ލުއިތައް ވެސް ދޭން ފަށައިފަ އެވެ.
މިދިޔަ އަހަރު ޗައިނާގައި ވައިރަސް ފެތުރެން ފެށި ނަމަވެސް މިހާރު ހާލަތު އެންމެ ގޯހީ ޔޫރަޕްގައި ކަމަށް ޑަބްލިޔު.އެޗް.އޯ އިން ވަނީ ބުނެފަ އެވެ. މިހާރު އެންމެ ގިނަ މީހުންނަށް މި ބަލި 31،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 2،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އީރާނާއި ސްޕެއިނާއި ޖަރުމަނަކީ ދެން މި ބަލީގެ ހާލަތު އެންމެ ގޯސް ގައުމުތަކެވެ.
ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ ކޮވިޑް-19 މިހާތަނަށް މުޅި ދުނިޔެއިން 198،400 އަށް ވުރެ ގިނަ މީހުންނަށް ޖެހި އޭގެ ތެރެއިން 82،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 7،987 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަނބިރި
18 March 2020
ޗައިނާއާއި ގުޅުން ރަނގަޅުނަމަ ޗައިނާގައި ބަލިކޮންޓްރޯލްވުމާއިއެކީ ހަމައެކަނި ޗައިނާއަށް ރާއްޖެ ހުޅުވާލިއަސް ގެސްޓުހައުސްތަކާއި ރިސޯޓުތައް ފުރާލެވޭނެ. އެކަމަކު އިންޑިއާގެ ތައްޕާހުގަ އެލިގަނެގެން އުޅޭއިރު ވާނެ ހައެތި މިވަނީ، ދެން އޮތީ މޯދީ ބޭސްކޮތަޅަކާއި ނަރުހެއް ފޮނުވީމަ ފުއްދާލައިގެން ތިބުން.
ހުވާ
18 March 2020
އިޓަލީގެ ފްލައިޓްތައް ހުއްޓުވިނަމަ މިއަދު ޗައިނާ މީހުން އަންނަން ފުރުޞަތު ހުޅުވާލެވުނީސް.
އަބޫބެ
18 March 2020
ދާންވީ ހަމަ ޗައިނާއަށް.
ރަބަރު
18 March 2020
الحمد لله އެހެން ހުރިހާ ތާކުންވެސް ވަރަށް އަވަހަށް މިބަލި ނައްތަވާށި امين