ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުގެ ބައެއް ބޭފުޅުންނާ މިނިސްޓަރު މާރިޔާ އާއި ހެލްތު މިނިސްޓަރު އަމީން މިއަދު ބައްދަލުކުރައްވައި އެންމެ ފަހުގެ މައުލޫމާތު އެއްކުރައްވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
21 މާޗް 2020 - 16:33
ކޮވިޑް-19 އާ ގުޅިގެން އެކި ސަބަބުތަކަށްޓަކައި އެކަހެރި ކޮށްފައި ތިބި މީހުންގެ ހިތްވަރަށާއި މިކަމުން އަރައިގަތުމަށް ކަމާ ބެހޭ ހުރިހާ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ތައުރީފު ކުރައްވައިފި އެވެ.
ކުރު ވީޑިއޯ މެސެޖެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އައިސޮލޭޝަންގައި ތިބި މީހުންނަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް އެ މީހުންގެ ހިތްވަރަށް ތައުރީފު ހައްގު ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމެއް އެ ތަނަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނީއެއް އެންމެ އަރާމުގައި، ފައިވް ސްޓާ ފެންވަރަކު ނޫން. ކިތަންމެ ދަތިތަކެއް އެ ބޭފުޅުން ތަހައްމަލް ކުރައްވާނެ،" ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ކަންކަން ވެސް ބަލަހައްޓަވާ މިނިސްޓަރު ވިދާޅުވި އެވެ.
"ތަހައްމަލު ކުރާ ދަތިތަކާއި އެ ބޭފުޅުންގެ ކެތްތެރިކަން އަޅުގަނޑުމެން ހެޔޮހިތުން ބަލައިގަނެ އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން."
ރެއިން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވާ އެހެން ހުރިހާ މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހު އައިސޮލޭޝަންގައި ބޭތިއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމައިފަ އެވެ. މި ނިންމުމާ އެކު، ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީން/އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދާ މީހުން ވަރަށް ގިނަ ވާނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭން ބޭރުން އަންނަ ދިވެހީން އައިސޮލޭޓް ކުރަމުން އައީ މިހާތަނަށް ގޭގަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ކަމާބެހޭ އިދާރާތަކުގެ މިނިސްޓަރުން މަސައްކަތް ކުރައްވަމުން އަންނަނީ ވަރަށް އެކުގަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންކަން ވަރަށް ގާތުން ބައްލަވައި އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
މާރިޔާ ވަނީ ކޮވިޑް-19 ގެ ކަންތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ އަގު ވަޒަން ކުރައްވައި ޝުކުރު އަދާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ސިފައިންނާއި ފުލުހުންގެ އިތުރުން އެޗްޕީއޭ އާއި އެމްޑީއެމްއޭގެ ނަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ކޮވިޑް-19 އަށް ރާއްޖޭން 13 މީހަކު ޕޮޒިޓިވްވިއިރު އެއީ މުޅިންވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. އޭގެ ތެރެއިން ތިން މީހަކު މިހާތަނަށް ވަނީ އެބަލިން ރަނގަޅު ކުރެވިފަ އެވެ. އެހެންވެ، މިހާރު ފަރުވާގައި ތިބީ 10 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަލުއާދަނު
22 March 2020
ޖަލުތަކުގައި އެކިއެކި ކުށްކުށުގައި ބަންދު ކުރެވިފައިވާ މީހުން ތަހައްމަލްކުރާ ހިތްދަތިކަމާއި އުނަދަގޫ ތަކާއެކުވެސް ކެތްތެރިވެ ތިއްބަވާތީ ވަރަށްބޮޑަށް ޝުކުރު ދަންނަވަން.
ސާޖިދު ނަދި އަދުވާލާ
22 March 2020
ޖަލުތަކަށް އެމީހުން ވަންނަން ޖެހުނު ސަބަބު؟
ޥާވާ
22 March 2020
ވަލުއާދަނު ބޭނުމިއްޔާ އެމީހުނަށް ފައިވް ސްޓާރ ޖަލެއް އަޅައިދޭންވީ ނުން. ރަނގަޅުކަމެއް ކޮށްގެން ޖަލަކަށް ނުލާނެ. މިވެސް ދެން މީހުން އުޅޭ ގޮތް؟
ޣޣ
22 March 2020
ރިސޯޓް މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ!!
ބޮޑުމީހާ
21 March 2020
ރިސޯޓު މުވައްޒަފުންގެ ހިތްވަރަށް ވެސް ތައުރީފުކުރަން އެބަޖެހޭ. ގައުމަށް ވައްދާހާ ޑޮލަރެއް ވައްދަނީ އެމީހުންގެ ބުރަ މަސައްކަތުން ނުވިތާކަށް މިފަދަ ނާޒުކު ދަޑިވަޅުގަވެސް މާސްކު އެއްޗެއް ނާޅާ އަންނަހާ ބަޔަކަށް ހިދުމަތްދޭން އެ ތިބީ. މިކަން ނިމުނީމަ އެމީހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައުން މުހިއްމު
މީނާ
21 March 2020
މާރިޔާއަކީ ހުރިހާ އެންމެން ގޮވައިގެން އުޅެވޭ ހިންގުންތެރި އަންހެނެއްކަން ސާބިތުވެއްޖެ
ބުއްޅަބެ
22 March 2020
އައިސޮލޭޓްމީހުން ބަލަހައްޓަނީ މާރިޔާތަ؟
ހޮޅިސަރުކާރު
21 March 2020
ރިސޯޓް މުއައްޒަފުން މަތިން ހަނދާންވެސް ނެއް ދޯ ޢެމީހުން އެތިބީ އަނބިދަރިންނާ ވަކިން ރިސޯޓްގަ ބަންދުކޮށްފަ . ސަލާމަތްވާނެ ދުވަހެއް އެނގެނީ އެއް ނޫން . ގެސްޓުން ގެނައުން ނުހުއްޓާނަމަ އެމީހުންނަށް ސަލާމަތް ވާނެ ދުވަހެއް ނޭނގެ . އެމީހުނގެވެސް އާއިލާ އެއް އޮންނާނެ .
ސަމަރުބުލޫ
21 March 2020
ޚަބަރު ލިއުއްވާ ބޭފުޅުން ވެސް "ކޮރަންޓީން" އާއި "އައިސޮލޭޝަން" މަސްހުނި ނުކުރައްވާ ލިއުއްވުން އެދެން. މިއީ މުޅިން ދެކަމެއް. "އައިސޮލޭޝަން" ގަ ތިބޭނީ ބަލިޖެހިފަ ތިބިމީހުން. "ކޮރަންޓީނު" ގަތިބޭނީ ބަލިޖެހިފައިވާ މީހަކާ ބައްދަލުވެފަ ނުވަތަ ބަލިހުރެދާނެތީ (ބަލީގެ އަލާމާތެއް ފެންނަން ނެތަސް) އާއްމުންނާ ދުރުކުރެވޭ މީހުންކަން ނިކަމެތި އަޅުގަޑަށް އެގިފަ އޮންނަނީ. އަނެއްކާ ގޯސްބާ؟
ރާއްޖެ
21 March 2020
ރަގަޅަށް ތި ވިދާޅުވީ.