ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގެ ތުހުމަތަަށް މިދިޔަ ޖެނުއަރީ މާލޭގެ 10 ގެއެއް ގާސްކޮށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އަންނަ ހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޖެނުއަރީ 30 ގައި މި އޮޕަރޭޝަން ހިންގީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ކަމަށް ފުލުހުން ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން، އެ 10 ގެ ފާސްކުރިއިރު، ނުވަ ކިލޯ އަށް ވުރެ ގިނަ ޑަޔަމޯފިން އާއި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ގިނަ އަދަދެއްގެ ފައިސާ ވެސް ކުށުގެ ވެށިން ހޯދި އެވެ.
"މި މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓުތައް ވަނީ ފްރީޒް ކޮށްފަ އެވެ،" ފުލުހުން ލިޔުމުން ހާމަކުރި މައުލޫމާތުގައި ވެ އެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ނުވަ މީހުންނަކީ:
1- އަރުޝަދު ޚާލިދު- އަލޯރާގެ، ގދ. ހޯނޑެއްދޫ (24 އަހަރު، ވައްކަން ކުރުމާއި ބިރު ދެއްކުމުގެ ރެކޯޑް)
2- އަލީ ޒުބައިރު- ގުލޭނޫރަންމާގެ ގދ. ހޯނޑެއްދޫ (50 އަހަރު، މަސްތުވަތާކެތި، ވައްކަމުގެ ރެކޯޑް)
3- އަހުމަދު ސުނައިން- އިރުމަތީގެ ގދ. ހޯނޑެއްދޫ (23 އަހަރު، މާރާމާރީގެ ރެކޯޑް)
4- އަހުމަދު ޣިޔާސް- މެޑްރިޓް ހައުސް، ގދ. ހޯނޑެއްދޫ (25 އަހަރު)
5- ހުސައިން ޒަހީން- މަތަރަސްމާގެ، ލ. ކަލައިދޫ (25 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)
6- އިސްމާއިލް ވިޝާލް- މ. ދާރުލްގަރާރު، މާލެ (25 އަހަރު، މަސްތުވާތަކެތި، އަމުރަށް ނުކިޔަމަންތެރިވުން)
7- އަސްލަމް ނާޒިމް- މއ. ވައިލެޓްމާގެ، މާލެ (37 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)
8- އަހުމަދު އިމްސާހް- މިސްކިތްދޮށުގެ، ޅ. ނައިފަރު (32 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)
9- މުހައްމަދު ސިދުރަތު- ސުރައްޔާމަންޒިލް، ގއ. ގެމަނަފުށި (27 އަހަރު)
ފުލުހުން ބުނިގޮތުގައި، މި ނުވަ މީހުންގެ ތެރެއިން ސިދުރަތު ފިޔަވައި އެންމެން މިހާރު ވެސް ތިބީ ހައްޔަރުކޮށްފަ އެވެ. ސިދުރަތު، ފެބްރުއަރީ 5 ގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެ އެވެ. އޭނާ އަކީ ގާނޫނީ ވަކީލެކެވެ.