ކަރަންޓީން ފެސިލިޓީތަކަށް ހަދަން ރިސޯޓުތައް ދިނީ ހިލޭ ސާބަހަށް: ގާސިމް

ކޮވިޑް-19 އަށް ކަރަންޓީނު ކުރުމަށާއި އައިސޮލޭޓް ކުރުމަށް ވިލާ ކުންފުނީގެ ތިން ރިސޯޓް ދީފައިވަނީ ހިލޭ ސާބަހަށް ކަމަށް އެ ކުންފުނީގެ ވެރިޔާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.


ގާސިމްގެ ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑްގެ އިތުރުން ރޯޔަލް އައިލެންޑުން ކަރަންޓީން ފެސިލިޓީ އަށް 400 ރޫމް ވަނީ ލިިބިފަ އެވެ. އެ ތިން ރިސޯޓްގެ އިތުރުން އިތުރު ރިސޯޓްތަކެއް ވެސް ކަރަންޓީނަށް ހާއްސަ ކޮށްފައިވާއިރު ސަރުކާރުގެ ރޭޓަކީ ރޫމަކަށް ދުވާލަކު 750ރ. އެވެ.

ވީޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ރިސޯޓްތައް ހިލޭ ދީފައިވަނީ ހުރިހާ ފެސިލިޓީސްތަކަކާ ވެސް އެކުގައި ކަމަށެވެ. އަދި އެ ރިސޯޓްތަކުގައި ސްޓޮކް ކޮށްފައި ހުރި ކޯބާތަކެތި ހުސްވަންދެން އެ ކުންފުނީގެ ހަރަދުގައި ކެއިންބުއިމުގެ ކަންކަން ވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސަށް ވެސް ވޮއިސް މެއިލްއަކުން ދެންނެވިން އަޅުގަނޑު ބޭނުމެއް ނޫނޭ ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދެއްވާ 750ރ. އެއް،" މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ސަރުކާރުން ކިތަންމެ ބޮޑު އެއްޗެއް ދެއްވިޔަސް. ކުޑަ އެއްޗެއް ދެއްވިޔަސް މީގެ ބަދަލުގައި އެއްޗެއް."

ރިސޯޓްތައް ކަރަންޓީން ފެސިލިޓީތަކަށް ހަދަން ދީފައިވަނީ ޑީލެއްގެ ދަށުން ކަމަށް ބުނެ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އެކަމަކީ ސިޔާސީ ކަމަކަށް ހަދައިގެން ވަކި މީހެއް އެހީއެއް ވެދޭތީ ނުވަތަ ވަކި ބަޔަކު މަސައްކަތް ކުރާތީ އެބޭފުޅުން ކުރާ ސިޔާސީ ކަމެއް ގޮތަށް ހަދައިގެން އެގޮތަށް އޭތި މޯޓިވޭޓް ކުރާކަށް ހެޔޮ ނުވާނެ އިނގޭތޯ،" މަޖިލީހުގެ ރައީސްކަން ވެސް ކުރިން ކުރެއްވި ގާސިމް ވިދާޅުވި އެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅުގަނޑު މިހިރީ ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭން."

"އަޅުގަނޑު ބޭނުމެއް ނޫން ސަރުކާރުން ކިތަންމެ ބޮޑު އެއްޗެއް ދެއްވިޔަސް. ކުޑަ އެއްޗެއް ދެއްވިޔަސް މީގެ ބަދަލުގައި އެއްޗެއް: ގާސިމް

ކޮވިޑް-19 އާ ގުޅިގެން ވިލާ ކުންފުނިން ހިންގާ ފަސް ރިސޯޓްގެ ތެރެއިން ޕެރަޑައިސް ފިޔަވާ އެހެން ރިސޯޓްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ވިޔަފާރި ދަށްވެފައިވާތީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ގާސިމް ވިދާޅުވީ އޭނާގެ ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ޖެހުނީ އެއްވެސް ބެންކަކުން، އާދޭސްކޮށްގެން ވެސް ލޯނެއް ލިބޭނެ ގޮތް ނުވުމުން ކަމަށެވެ. އަދި ސަރުކާރުން ކޮންމެ ރަށަކަށް ދެ މިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭނެ ކަމަށް ބުނުމުން 10،000ރ. އިން ދަށް މުސާރަތައް ކުޑަ ނުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ސާވިސް ޗާޖާއި ރޯދަ މަހުގެ އިނާޔަތް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ގާސިމް ވަނީ މުސާރަ ކުޑަކުރާތީ ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ފައިސާ ނުލިބޭ ނަމަ މުސާރަ ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"ސަރުކާރުގައި ތިއްބެވި ބައެއް ފަރާތްތަކުގެ ވާހަކައިން ހީވާ ކަހަލަ ބިރު ދައްކަންށޭ މިއުޅެނީ. އެހެން ހަދަންވީ ވަގުތެއް ނޫނޭ އަޅުގަނޑު ދަންނަވާލަން އޮތީ،" ގާސިމް ވިދާޅުވި އެވެ.

"ކިތަންމެ ވަރަކަށް އެއްޗެއް ދޭށޭ ބުންޏަސް. ކިތަންމެ ވަރަކަށް އެވެހި އެއްޗެއް މިވެނި އެއްޗެއް ދައްކާށޭ ބުންޏަސް ދެއްކޭނީ އަތުގައި ހުރި އެއްޗެއް ދޯ؟ ލޯނެއްވެސް މީހަކު ދޭން ހުރިއްޔާ ދޯ ލިބޭނީ. ނުލިބެންޏަކާ ނުދެވޭނެ ދެއްތޯ."

ފައިސާ ލިބޭނެ ހުރިހާ މަގެއް މިހާރު އޮތީ ހުއްޓިފައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.