ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް ބަންދުގެ މުއްދަތު ޖެހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.
ފުލުސް އޮފީހުން މިރޭ ބުނީ، ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިވުމަށް ފުލުހުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ބަންދުގައި ތިބޭ މީހުންނަށް މާދަމާ އިން ފެށިގެން މުއްދަތު ޖެހުން ކުރިއަށް ގެންދާނީ، ކްރިމިނަލް ކޯޓާއި ފުލުހުންނާ ދެމެދު ކުރާ ވީޑިއޯ ކޮންފަރެންސަކުން ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި އަޑުއެހުންތަކުގައި، ގާނޫނީ ވަކީލުންނަށް، ދޫނިދޫގައި ނުވަތަ ކްރިމިނަލް ކޯޓުގައި ތިބެގެން ބައިވެރިވެވޭނެ އެވެ.
ކޮޮރޯނާވައިރަހަށް ރާއްޖެ އިން 13 މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ވެސް ވަގުތީ ގޮތުން ބަންދުކޮށް، ޒަރޫރީ ބޭނުމެއް ނެތި ބޭރުގައި ނޫޅެން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން އަންނަނީ މަގުމަތީގައި ބޭނުމެއް ނެތި އުޅޭ މީހުންނަށް ނަސޭހަތްދީ، ގެއަށް ވަނުމަށް އިރުޝާދު ދެމުންނެވެ.