އައްޑޫގެ ވިޔަފާރިތައް ރޭގަނޑު ބަންދު

ކޮރޯނާވައިރަހުން ރައްކާތެރިވާން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން އައްޑޫގެ ވިޔަފާރިތައް މާދަމާ ރެ އިން ފެށިގެން ރޭގަނޑު ބަންދު ކުރަން ނިންމައިފި އެވެެ.


އައްޑޫ ސިޓީ ކައުންސިލުން ބުނީ މާދަމާ ހަވީރު 6:00 ގެ ފަހުން އައްޑޫގެ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓަތަކުން ހިދުމަތްތައް ދެވޭނީ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ. އަދި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށް ދޭން ބޭނުންވާ ނަމަ، އަވަށު އޮފީސްތަކުން ހުއްދަ ހޯދުމަށް ފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވިދާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން 24 ގަޑިއިރު ހިދުމަތް ދޭ ތަންތަނުން އަލަށް ކަނޑައެޅި ގަޑިތަކުގެ އިތުރަށް ހިދުމަތް ދޭން ބޭނުންވާ ނަމަ އެކަން ކުރަން ވެސް ހުއްދަ ނަގަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ވިޔަފާރިތަކަށް ގެނައި ބަދަލާ އެކު ގާޑިޔާތަކުގެ ހިދުމަތް ދެވޭނީ ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމު ހަމަޖައްސާ ތަންތަނަށް ކަމަށާއި ގާޑިޔާތަކުގައި ތައްޔާރުކޮށްގެން ވިއްކާ ހެދިކާ، މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ ވެސް ވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ފޭދޫ 3އެސް ސުޕަމާޓް.

މީގެ އިތުރުން ކެފޭ/ރެސްޓޯރަންޓް އަދި ގާޑިޔާތަކުގައި ދުފާތަކެތި ވިއްކަން ޖެހޭނީ ވަކިން ޕެކެޓް ކޮށްގެން ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.

ކައުންސިލުން ބުނީ މި އުސޫލުތަކާ ހިލާފުވާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.