ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާ މިއަދު ވާހަކަފުޅު ދައްކަވަނީ. އެމަނިލކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަަތަކީ ލޯނު ނަގައިގެން ހަރަދުކުރުން ކަމަށް. ފޮޓޯ:އަހުމަދު އަވްޝަމް/މިހާރު
25 މާޗް 2020 - 20:19
ރާއްޖޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ސަރުކާރުގެ ވިސްނުމަކީ ދަރަންޏަށް ނަގައިގެން ހަރަދުކޮށް، އިގުތިސާދުގެ ތެރެއަށް ފައިސާ ޕަމްޕް ކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ހަދާފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ މިފަދަ ހާލަތެއްގައި އިގުތިސާދީ ގޮތުން މަސައްކަތް ކުރަން އޮންނަނީ ދެ ގޮތެއް ކަމަށެވެ. އެއް ގޮތަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަރަދުކުޑަކޮށް ފައިސާ ހިފެހެއްޓުމެވެ. އަނެއް ގޮތަކީ ދަރަންޏަށް ފައިސާ ހޯދައިގެން ހަރަދުތައް ކުރަމުން ދިއުމެވެ.
"އަޅުގަނޑު މި ޚިޔާލްކުރީ ބޮރޯ ކޮށްފައި ހަރަދުކުރަން. އެއީ މުސާރަތައް ކުޑަކޮށްފައި ގޭގައި މީހުން ބައިތިއްބައިގެން ކަންކުރާކަށް ނޫން [މީހުން] ވަޒީފައިން ވަކިކޮށްފައި. އޭގެ ބަދަލުގައި ލޯނު ނަގާފައި އިކޮނޮމީ އަށް އެ ޕަމްޕްކުރަން އަޅުގަނޑުގެ ވިސްނުން ހުރީ،" ރައީސްް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ސިޔާސަތާ އެއްގޮތަށް ސަރުކާރުން މަސަައްކަތްކުރާނީ ލިބެން އޮތް ތަނަަކުން ލޯނު ނަގައިގެން، ފައިސާ ހަރަދުކޮށް ފައިސާ ދައުރުކުރުވަން ކަމަށެވެ.
ދަައުލަތުން ހަރަދުކުރަން ޖެހޭ ފައިސާ ހޯދަން ސަރުކާރުން މަސައްކަތްކުރާނީ ދުނިޔޭގެ ކޮންކޮން ބޭންކްތަކަކުން ކަން ވެސް އެމަނިިކުފާނު މިއަދު ވިދާޅުވި އެވެ. އެގޮތުން ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކްގެ ނަން ރައީސް ފާހަގަ ކުރެއްވި އެވެ.
ބޭރު މާލީ އިދާރާތަކުން ހާއްސަކޮށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްްއެފް) ފަދަ ތަންތަނުން ލޯނު ދޫކުރާ އިރު ވަކި ކަންތައްތަކެއް ކުރުމަށް ޝަރުތު ކުރެ އެވެ. އެގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަަޅަަން ޝަރުތުކޮށް ދޫކުރާ ލޯނެއް ނަގައިގެން އެ ފިޔަވަޅުތައް އަޅުއްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެފަދަ ލޯނެއް ނުނަގާނެ ކަމަށެވެ.
"އައިއެމްްއެފްގެ ލޯނެއް ނަގާކަށް އަޅުގަނޑު ގަސްދެއް ނުކުރަން، އައިއެމްއެފްގެ އެ ޕެކޭޖްގެ ތެރެއަށް ވަންނާކަށެއް އަޅުގަނޑު އަދި ގަސްދެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.
މިހާރު ރާއްޖޭން ނަގާފައި ހުރި ގިނަ ލޯނުތަކެއް ހުރި އިރު، އެ ލޯނުތަައް ދެއްކުމުގައި މިވަގުތު ލުއިގޮތެއް ހޯދަން ސަރުކާރުން މަސައްކަތް ކުރޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ އެެންމެ ގިނަ ލޯނުތައް ނަގާފައި އޮތީ ޗައިނާއިން ކަމަށް ވާތީ އެ ގައުމާ ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަަމަށެވެ. ޗައިނާގެ ލޯނުތައް ދެއްކުމުގައި ރާއްޖެ އަށް ލުއިގޮތެއް ހަމަޖައްސަވައި ދެއްވުން އެދިވަޑައިގެން ޗައިނާގެ ރައީސް ޝީޖިންޕިން އަށް ސިޓީފުޅެއް ފޮނުއްވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެންމެ ބޮޑު އެއްޗެއް [ދީފައި] އޮތީ ޗައިނާއިން. އަޅުގަނޑު އުއްމީދުކުރަނީ މިކަމުގައި އަޅުގަނޑުމެންގެ ގާތް ރަހުމަތްތެރި ގައުމެއްގެ ގޮތުން، ހެޔޮ އެދޭ ގައުމެއްގެ ގޮތުން މިކަމުގައި ލުއިތަކެއް، އެ ސަރުކާރުން އަޅުގަނޑުމެންނަށް ފޯރުކޮށްދޭނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން ވަރަށް އަވަހަށް ސަލާމަތްވާނެ ކަމުގެ އުއްމީދު ރައީސް އާކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމާ އެކު އަންނަ އިގުތިސާދީ ކުރިއެރުމުގެ ހެޔޮ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށެވެ. އެހެންވެ، ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރި އެރުމެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ ފެންނަ މަންޒަރަކީ ރާއްޖޭގެ ރިސޯޓްތައް ފުލްވެފައި އޮންނަ ތަން،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑިމަން
26 March 2020
ލޯން އޯކޭ. ލޯނު އޯކޭ ނޫނީ ރައީސް ޔާމީން ނެގީމަ. ދަރިން ނުހޯދީމަ ދަރިންގެ ދަރިންނަށް ދާންދެން ދަރާ ނުވިކޭނެ.
ހުސޭންބެ
26 March 2020
މި ކާރިސާއިން އަރައިގަތުމަށް ސަރުކާރެއްގެ ގޮތުގައި ޕްލޭނެއްގެ ދަށުން މަސައްކަތްކުރެވެމުންދާ ކަމަށް ގަބޫލުކުރަން ދަތި! ރާއްޖޭގެ ބޯޑަރު ގައުމުތަކަށް ބަންދުކުރަމުން އައީ އެގައުމުތަކުން ދަތުރުފަތުރު ނުކުރެވޭ ދަރަޖައަށް ދިއުމުން އަދި ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދުކޮށްލީ މުޅި ދުނިޔޭގެ ދަތުރު ފަތުރު ހުއްޓުމަކަށް އައުމުން. ކޮރެންޓީނަށް ދުވާލަކަށް ބޮޑު ޚަރަދެއް ކުރުމުގެ ބަދަލުގައި ޓެސްޓުކުރުން އިތުރުކޮށް ކޮރެންޓީނުގެ މުއްދަތު ކުޑަކުރާތަނެއް ނުފެނޭ
އައިސާކަނބާ
26 March 2020
ކޮވިޑް 19 ކޮންޓްރޯލްކުރުމަށް ކުރީ ކޮޅުގައި ފިޔަވަޅު ނޭޅުނު ނަމަވެސް، އިޓަލީ އިން މީހުން ފުރުން މަނާކުރުމާއި އެކު އިޓަލީ އިން މީހުން ރާއްޖެ އައުން މަނާކުރި، ދުނިޔޭގެ ދަތުރުފަތުރު ހުއްޓެން ފެށުމާއެކު ސަރުކާރުން ފިޔަވަޅު އަޅަން ފަށައިފި. އަދި ބައިނަލް އަގްވާމީ ދަތުރުފަތުރު އެއްކޮށް ހުއްޓުމަކަށް އައުމާއި އެކު އޮން އެރައިވަލް ވިސާ ދިނުން މަޑު ޖައްސާލައި ބޯޑަރު ބަންދުކުރިކަމަށްޓަކައި ޝުކުރު ދަންނަވަން.
ކަހޯނާޕިޔާރުހޭ
26 March 2020
ތިކަންވާނީހަމަ ތިހިން. ތިޔައީ ބޮޑުމަންޒަރުން ފެންނަންއޮތްތަނެއް. ތިބައި ނެގޭނީ ރައްޔިތުންގެެއަތުން. އެހެންނޫނީ ރައްޔިތުން މުއްސަނދިވެ، ވެރިންރާވާ ރޭވުންތަކުގެ މަގުބައްދަފާނެ. ހުރިހާއިރެއްގައިވެސް ވިޔަފާރިއާއި ފައިސާގެކަންތައް ހިނގާނީ ތިކަހަލަގޮތަކަށް. ކިޔާނީ ރައްޔިތުންގެވެރިކަމެކޭ. އެކަމަކު ރައްޔިތުން އުޅެންވާނީ ފިސާރިނިކަމެތިކޮށް ވެރިންނަށް އާދޭސްދަންނަވައި ބާފޮތިއަޅައިގެން.
އިނާޔަތު
26 March 2020
ކޮވިޑް 19 އާއި ގުޅިގެން އާއްމު ރައްޔިތުންގެ މިވަނީ ޖާގައިގެ ގޮތުން އާއިލާ ގަރާރުނުވާވަރު ތަންތަނުގައި ތާށިވެގެން ތިބެންޖެހިފައި. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ދަށްވެފައިވާ ދަނޑިވަޅުގައި، ފެނާއި ކަރަންޓުން ދިން ޑިސްކައުންޓު ފިޔަވައި ސަރުކާޜުން ސީދާ ރައްޔިތު މީހާ ފޯރުކޮށްދިން ފަސޭހައެއް، އިނާޔަތެއް އަދި ފެންނާކަށް ނެތް! ދެން ރައީސް އަކީ ރައްޔިތުންނަށް މާ އޯގާތެރި ވެރިއެއްކަމަށް ދައްކަން ބަޔަކު އަދި މަސައްކަތް ކުރާކަށް އަދި ނުވޭ ދޯ؟
ގައުމީދޫ
26 March 2020
ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިމިވާ ފަތުރުވެރިކަމަކީ އެންމެ ނާޒުކު އެއް ސިނާއަތެވެ. ރާއްޖޭގެ އިގްތިސާދު އެހެން ދާއިރާތަކަށް ފުޅާކުރަން އެބަ ޖެހެއެވެ. އެފްރިކާ އާއި ސައުތު އީސްޓް އޭސިއާގެ ބިން ބޮޑު ގައުމުތަކުގައި ދިވެހި ދައުލަތުގެ ކުންފުނިތަކުން ދަނޑުވެރިކަމާއި ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމަށް އިންވެސްޓްކޮށްފިނަމަ ދައުލަތަށް ޑިވިޑެންޑުގެ ގޮތުގައި ވަންނަ އާމްދަނީ އިތުރުވެ ކާބޯތަކެތީގެ ޔަގީންކަން ވެސް އިތުރުކުރެވިދާނެކަމަށް ފެނެއެވެ.
ނޯކިޔާ ނޯޓު 10 ޕްލަސް ޔޫސަރ
26 March 2020
ކީކުރަން، އިންޑިޔާ ފަންޑު ފޮށްޓަށް ހަދިޔާ ކުރޭ.
ހުސޭންބެ
26 March 2020
ބީއެމް އެލް އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސް ދުވަހަށް ފަސްކޮށް ދެއްވާނެކަމަށް ވިދާޅުވިއެވެ. އިމާރާތްކުރުމުގެ ލޯނު ދެއްކުމުގެ ތަކްލީފް ގޭގެ ވެރިމީހާއަށް ކުޑަވީއެވެ. ކުލި ދައްކާ މީހާއަށް އޮތީ ކޮން ލުޔެއް؟ ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްުޔަށް ލުޔެއް ދެއްވާނެ އިޝާރާތެއް ކުރެވިއެވެ. ބޮޑު އަގުގައި އަމިއްލަ ތަންތަނ ހިފާފައިވާ ފަރާތްތަކަށް އޮތް ލުޔަކީ ކޮބާ؟
ނެކްސްޓް
26 March 2020
ރަނގަޅު އެއްގޮތެއްވެސް އޮންނަ ބައެއް ނޫން މިދިވެހިންނަކީ. މުޅި ދުނިޔެ ވިދިފައި އޮތް އިރުވެސް މޮޅެތި ކޮމެންޓް ކުރާތި.
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
26 March 2020
އައިއެމްއެފްގެ ލޯނު ނުނަގަން ނިންމެވިކަމީ އުފާކުރާ ކަމެއް. އައިއެމްއެފަކީ އެމީހުން ލޯނު ދިނުމަށްފަހު ޝަރުތުކުރާ ކަންތައްތަކުގެ ސަބަބުން ގައުމުތަކުގެ ފަގީރު ރައްޔިތުންނަށް އެތައް ވޭނެއް ތަހައްމަލުކުރަން ޖައްސާ ބައެއް. ރާއްޖޭގެ އެތެރޭގެ އިގުތިސާދު ރަގަޅުކުރުމަށް އިސްކަން ދެއްވާ. ދަނޑުވެރިކަމާއި މަސްވެރިކަން ރަގަޅުކޮށްގެން އޭގެ އުފެއްދުންތައް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ވިއްކުމަށް.